ގޮހޮރުގައި އުފެދުނު ޓިއުމަރެއް ނެގުމަށް ކުރި އޮޕަރޭޝަނަށްފަހު ބްރެޒިލުގެ ލެޖެންޑް ޕެލޭގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އުމުރުން މިހާރު 80 އަހަރުގެ ޕެލޭގެ ގޮހޮރުގައި ޓިއުމަރެއް އުފެދުމާއެކު މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު ވަނީ ސައު ޕައުލޯގެ އަލްބަޓް އެއިންސްޓައިން ހޮސްޕިޓަލުގައި ޚާއްސަ އޮޕަރޭޝަނެއް ކޮށްފައެވެ. އެއަށްފަހު ޕެލޭ އަދިވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް ނަމަވެސް، އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ހުކުދު ދުވަހު ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ޕެލޭ ބުނީ ދުވަހެއް ދުވަހަކަށް އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި، އެކަމަކު އެއްކޮށް ރަނގަޅުވާން އަދި ދުވަސްކޮޅެއް ނަގާނެ ކަމަށެވެ. އަދި ހޮސްޕިޓަލުގައި ވަރަށް ރަނގަޅަށް އަރާމުކުރަމުން އަންނަ ކަމަށާއި، އޭނާއަށް ހިތްވަރުދީ ސަޕޯޓަރުން ފޮނުވަމުން އަންނަ މެސެޖުތަކަށް ޝުކުރުއަދާކުރާ ކަމަށްވެސް ވަނީ ބުނެފައެވެ.
ގޮހޮރުގައި އުފެދުނު ޓިއުމަރެއް ނަގަން ޕެލޭ އޮޕަރޭޝަނެއް ކުރިއިރު، އޭނާ ވަނީ މީގެ ކުރިން 2015 ވަނަ އަހަރުވެސް ބޮޑު އޮޕަރޭޝަނެއް ކޮށްފައެވެ. އަދި އެއަށްފަހު އޭނާގެ ހާލަތު ގޯސްވާތީ އެކި ފަހަރު މަތިން ވަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންވެސް ފަރުވާ ދީފައެވެ. އޭގެ ތެރޭގައި ގޮހޮރުގެ އެކި ބަލިތަކަށްވެސް ވަނީ ތަކުރާރުކޮށް ފަރުވާ ހޯދާފައެވެ.
ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ފާހަގަކޮށްލެވޭ ޕެލޭގެ ކެރިއަރުގެ އެންމެ ބޮޑު އުސްއައްޔަކީ ބްރެޒިލާއެކު ފީފާ ވޯލްޑް ކަޕް ތިން ފަހަރު ކާމިޔާބުކުރުމެވެ. އެއާއެކު ޕެލޭ ވެފައިވަނީ ވޯލްޑް ކަޕް ތިން ފަހަރަށް ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާއަށެވެ. މީގެ އިތުރުން ޕެލޭ ވަނީ ތަފާތު ހަތަރު ވޯލްޑް ކަޕެއްގައި ލަނޑު ޖަހާފައެވެ.
ބްރެޒިލަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރިކޯޑުވެސް އޮންނަ ޕެލޭ ވަނީ ބްރެޒިލް ޓީމަށް ކުޅެދިން 92 މެޗުން 77 ލަނޑު ޖަހާފައެވެ. އަދި ތަފާސް ހިސާބުތައް ދައްކާގޮތުން ކެރިއަރުގައި ކުޅުނު 1،363 މެޗުގައި ޕެލޭ ވަނީ 1،279 ލަނޑު ޖަހާފައެވެ.