ކ. މާލެ
|
27 މެއި 2023 | ހޮނިހިރު 07:31
މަހިބަދޫ ދަނޑުގައި ކުޅުނު އީދު ކަޕް މެޗެއް ފެށުމުގެ ކުރިން: މި ދަނޑަށް ދެން ކިޔާނީ ޕެލޭ ސްޓޭޑިއަމް
މަހިބަދޫ ދަނޑުގައި ކުޅުނު އީދު ކަޕް މެޗެއް ފެށުމުގެ ކުރިން: މި ދަނޑަށް ދެން ކިޔާނީ ޕެލޭ ސްޓޭޑިއަމް
ސޯޝަލް މީޑިއާ
ޕެލޭ
ޕެލޭއަށް ދިވެހިންގެ ހާއްސަކުރި ދަނޑު އދ. މަހިބަދޫއަށް
މަހިބަދޫ ދަނޑަށް ދެން ކިޔާނީ ޕެލޭ ސްޓޭޑިއަމް

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށްވާ ބްރެޒިލްގެ ޕެލޭގެ ހަނދާނުގައި ރާއްޖޭގައި ހާއްސަކުރާ ދަނޑުގެ ޝަރަފު އދ. މަހިބަދޫއަށް ދީފިއެވެ.

މަހިބަދޫގައި އަޅާފައިވާ ޓާފް ދަނޑު ޕެލޭގެ ނަމަށް ބަދަލުކޮށް، އެކަން ފާހަގަކުރުމަށް، މަހިބަދޫން ހޮވައިލެވޭ ޓީމަކާއި ދިވެހި ގައުމީ ޓީމު އެކުވެރިކަމުގެ މެޗެއް މާދަމާ ކުޅެން ވަނީ ހަމަޖައްސާފައެވެ. ގައުމީ ފުޓްބޯޅަ އިދާރާގެ ބަދަލުގައި އިއުލާނުކުރީ މިކަން މަހިބަދޫ ކައުންސިލުންނެވެ.

އެ ކައުންސިލުން ފޭސްބުކް މެދުވެރިކޮށް މިއަދު އާއްމުކުރި މެސެޖުގައި ވަނީ، ޕެލޭ ދަނޑު ހުޅުވުމުގެ ގޮތުން ގައުމީ ޓީމާއި މަހިބަދޫ ކުޅޭ މެޗު މާދަމާ އެރަށުގެ ފުޓްބޯޅަ ދަނޑުގައި އޮންނާނެކަމަށެވެ.

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ތިންފަހަރު ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާ ޝަރަފުގައި އެންމެ ފުރަތަމަ ފުޓްބޯޅަ ދަނޑެއް ހުޅުވީ ރުވާންޑާގައި، މިދިޔަ މަހުއެވެ. އެ ގައުމުގެ ވެރިރަށް ކިގަލީގައި ހުޅުވި ދަނޑުގެ ނަމަކީ ކިގަލި ޕެލޭ ސްޓޭޑިއަމެވެ.

ކޮންމެ ގައުމެއްގައި ޕެލޭއަށް ހާއްސަ ދަނޑެއް ބޭއްވުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގޮވައިލެއްވީ މިދިޔަ ޑސެމްބަރު 29ގައި ޕެލޭ މަރުވުމުންނެވެ. މިގޮތުން މިދިޔަ މާޗު މަހު ރުވާންޑާގައި ބޭއްވި ފީފާގެ އަހަރީ އާއްމު ޖަލްސާގައި އިންފަންޓީނޯ މިކަމަށް އެދިވަޑައިގަތް ބައްދަލުވުމުގައި ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ އިސްވެރިން ތިއްބެވިއެވެ. ފީފާގެ 73 ވަނަ ކޮންގްރެސްއަށް ވަޑައިގެންނެވީ އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ނާއިބް ރައީސް އަލީ އުމަރާއި، ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒެވެ.

އިންފަންޓީނޯގެ އިލްތިމާސް ތަންފީޒުކުރުމަށް ނިންމައި އެފްއޭއެމުން މި މަސައްކަތް ފެށިނަމަވެސް މިކަމުގައި މާބޮޑު އުޖާލާކަމެއް ނެތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް