ދިވެހި ރާއްޖޭގެ ސީނިއާ ޤައުމީ ފުޓުބޯޅަ ޓީމުން، އަވަށްޓެރި އިންޑިއާއާ ދެކޮޅަށް ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ މެޗެއް ކުޅުމަށް ނިންމައިފި އެވެ.
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޖެނަރަލް ސެކްރެޓަރީ ނާހިލް ޞިއްދީގު "ރާއްޖެ އެމްވީ" އަށް ވިދާޅުވީ އިންޑިއާއާ ދެކޮޅަށް މެޗެއް ކުޅުމަށް ނިންމާފައިވާ ކަމަށެވެ. ނާއިލް ވިދާޅުވީ އެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ. މެޗު ކުޅޭނެ ސީދާ ތާރީޚެއް މިހާތަނަށް ފައިނަލް ނުވާއިރު، ނާއިލް ވިދާޅުވީ މަސައްކަތް ކުރަމުން ދަނީ މާޗު މަހުގެ 19 ވަނަ ދުވަހު ނުވަަތަ 20 ވަނަ ދުވަހު އެ މެޗު ކުޅުމަށް ކަމަށެވެ.
އެންމެ ފަހުން ރާއްޖޭގެ ސީނިއާ ޤައުމީ ޓީމުން ބައިނަލްއަޤުވާމީ މެޗެއް ކުޅުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު ރަޙުމަތްތެރިކަމުގެ ފުރަތަމަ މެޗުގައި ރާއްޖެ އިން ވަނީ 1-0 އިން ބަންގްލަދޭޝް ބަލިކޮށްފަ އެވެ. ނަމަވެސް އެ ފަހަރު ކުޅުނު ދެ ވަނަ މެޗުގައި ވަނީ 2-1 އިން ބަންގްލަދޭޝް އަތުން ބަލިވެފަ އެވެ.
އިންޑިއާއާ ދެކޮޅަށް ރާއްޖެ އިން ކުޅޭ ރަޙުމަތްތެރިކަމުގެ މެޗަކީ މިއަހަރުގެ މާޗު މަހުގެ ތެރޭގައި އޮންނަ އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަނަށް ތައްޔާރުވުމުގެ ގޮތުން ކުޅޭ މެޗެކެވެ. ކޮލިފިކޭޝަންގެ ފުރަތަމަ މެޗުގައި މާޗު މަހުގެ 25 ވަނަ ދުވަހު ރާއްޖެ ނިކުންނާނީ ފިލިޕީންސްއާ ދެކޮޅަށެވެ. މީގެ އިތުރުން ކޮލިފިކޭޝަންގައި ދެން ރާއްޖެ އިން ކުޅޭނީ ޓިމޯ ލެސްޓޭ އަދި ތަޖަކިސްތާނާ ދެކޮޅަށެވެ.
މީގެ ކުރިން ވެސް ރާއްޖެ އިން ވަނީ އެކި ފަހަރުން މަތިން އިންޑިއާއާ ދެކޮޅަށް ކުޅެފަ އެވެ.