ކ. މާލެ
|
28 މެއި 2023 | އާދީއްތަ 11:47
ޕެލޭ ސްޓޭޑިއަމް ހުޅުވުމަށް ކުޅެވުނު މެޗުގެ ތެރެއިން
ޕެލޭ ސްޓޭޑިއަމް ހުޅުވުމަށް ކުޅެވުނު މެޗުގެ ތެރެއިން
އެފްއޭއެމް
ޕެލޭ ސްޓޭޑިއަމް ހުޅުވުން
ޕެލޭ ސްޓޭޑިއަމް ހުޅުވި މެޗުން ގައުމީ ޓީމަށް މޮޅެއް
ޕެލޭގެ ހަނދާނުގައި ފުޓުބޯޅަ ދަނޑެއް އެޅުމަށް ފީފާގެ ރައީސް ވަނީ އެދިލައްވާފަ

އދ. މަހިބަދޫ ޓާފް ދަނޑުގެ ނަން "ޕެލޭ ސްޓޭޑިއަމް" ގެ ނަމަށް ބަދަލުކޮށް އަލުން ހުޅުވުމަށް މަހިބަދޫން ހޮވައިލެވުނު ޓީމަކާއި ދިވެހި ގައުމީ ޓީމު ކުޅުނު އެކުވެރިކަމުގެ މެޗު ގައުމީ ޓީމުން ކާމިޔާބުކޮށްފިއެވެ.

ހޮނިހިރު ދުވަހު ޕެލޭ ސްޓޭޑިއަމް ހުޅުއްވައިދެއްވީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި، މަހިބަދޫ ކައުންސިލުގެ ރައީސް ރަޝާދު އަލީގެ އިތުރުން މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަދި ކުރީގެ ތަޖުރިބާކާރު ފޯވާޑް އަޙްމަދު ތޯރިގް (ޓޮމް) އެވެ.

ދަންޑު ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ކުޅެވުނު އެކުވެރިކަމުގެ މެޗުން ގައުމީ ޓީމު މޮޅުވީ 5-0 ގެ ނަތީޖާ އަކުންނެވެ. މަހިބަދޫ އިން ހޮވާލެވުނު ޓީމުގައި އަސަދުﷲ އަބްދުﷲ (އަސަކޮ) އާއި މިޑްފީލްޑަރު، ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) ފަދަ ފާހަގަކޮށްލެވޭ ކުޅުންތެރިން ތިއްބެވެ.

މެޗުގެ 28 ވަނަ މިނެޓުގައި ގައުމީ ޓީމުގެ ހަމްޒާ މުޙައްމަދު (ހަމްޕު) ވަނީ ލަނޑެއް ޖަހާ، ޓީމަށް ލީޑު ހޯދަދީފައެވެ. އަދި މި ލަނޑާއެކު ޓީމުން ކުޅުން އިތުރަށް ރަނގަޅުކޮށް، 38 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކުރިއެވެ. އެ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހީމް އައިސަމްއެވެ. ފުރަތަމަ ހާފު ގަުމީ ޓީމުން ނިންމާލީ ތިން ލަނޑުގެ ފަރަގަކާ އެކުއެވެ. ތިން ވަނަ ލަނޑަކީ އަލީ ފާސިރު (ސެންޓޭ) ކާމިޔާބުކޮށްދިން ލަނޑެކެވެ.

ގިނަ ބަދަލުތަކަކާ އެކު ދެވަނަ ހާފު ފަށާ، 49 ވަނަ މިނެޓުގައި ހައިޝަމް ހަސަން (ބިޑި) ވަނީ ގަައުމީ ޓީމުގެ ހަތަރު ވަނަ ލަނޑު ޖަހާފައެވެ. އަދި ފަސް ވަނަ ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު ޝަޚާއު (ބޭލް) އެވެ.

މަހިބަދޫ ދަނޑުގެ ނަން ޕެލޭ ސްޓޭޑިއަމް އަށް ބަދަލުކުރީ ބްރެޒިލްގެ ލެޖެންޑު ޕެލޭ މަރުވުމާ ގުޅިގެން ކޮންމެ ގައުމެއްގައިވެސް ޕެލޭ ގެ ހަނދާނުގައި ފުޓުބޯޅަ ދަނޑެއް އެޅުމަށް ފީފާ ގެ ރައީސް އިންފަންޓީނޯ ގެ އެދިލެއްވުމަކުންނެވެ.

- ކޮމެންޓް