ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ޕީސީއާރު ޓެސްޓް ހެދޭނެގޮތް ހަމަޖައްސައިދިނުމަށް އެދިއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ޞާލިހު މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރ. އަތޮޅު ކައުންސިލާއި ރައްޔިތުންނަށް ބޭނުންވާ މުހިންމުކަންކަން އަތޮޅު ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރ. އަތޮޅު ކައުންސިލުގެ ރައީސްއާއި ނާއިބުރައީސް އަދި އިތުރު މެންބަރަކު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ ރައީސް ޞާލިހު ބުދަ ދުވަހު ވާދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރ. ވާދޫ ކައުންސިލް އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި އަތޮޅު ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ޕީސީއާރު ޓެސްޓް ހެދޭނެގޮތްވުމާއި އަތޮޅުގައި ހުރި ފަޅުރަށްރަށުގެ ތެރެއިން އަތޮޅު ކައުންސިލުގެ ބޭނުންތަކަށް ރަށެއް ހަމަޖައްސައިދިނުމާއި އަދި އަތޮޅަށް ސްޕީޑްފެރީގެ ޚިދުމަތް ބޭނުންވާކަމާއި މޮނިޓަރިންގައި އޮންނަ ރަށްރަށުން ހޮސްޕިޓަލަށް ދަތުރުކުރުމުގައި ފަސޭހަގޮތްތަކެއް ހަމަޖެއްސުމާ ގުޅޭގޮތުންނާއި އަތޮޅުގެ ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ މައްސަލަތައް ހިމެނެއެވެ. މީގެ އިތުރުން އުނގޫފާރުގެ ބަނދަރު ބޮޑުކުރުމާ ގުޅޭގޮތުންނާއި އެރަށުގައި އިތުރު މަގުތައް ހެދުމާއި އެރަށުގައި ހަދާފައިވާ އިސްލާމީ މަރުކަޒު ނުހުޅުވި ލަސްވާ މައްސަލައާ އަދި އުނގޫފާރުގެ ތަރައްގީއަށް މުހިންމު އިތުރު ކަންކަމާބެހޭގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިހު ދެއްކެވި ވާހަކަފުޅުގައި ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި މަޝްރޫއުތަކާ ގުޅޭގޮތުން އެންމެފަހުގެ މައުލޫމާތުތައް ކައުންސިލުގެ މެންބަރުންނާ ހިއްސާކުރެއްވިއެވެ. އަދި ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ހައްލެއް ހޯއްދަވަން މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.