Advertisement
ކ. މާލެ
|
21 މެއި 2017 | އާދީއްތަ 18:53
އަމީން ފައިސަލް
އަމީން ފައިސަލް
ގޫގުލް
އަމީން ފައިސަލް ޝަރީއަތް
އަމީން ފައިސަލްގެ ޝަރީޢަތް: ޔާމީން ދޫނުކުރާނެ ކަމަށް ނަޝީދު ވިދާޅުވި، ދިފާއީ ހެއްކެއްގެ ގޮތުގައި ޔާމީން
އަމީން ފައިސަލްގެ ދިފާއީ ހެއްކެއްގެ ގޮތުގައި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލް ވެސް ވަނީ ހުށަހަޅާފައި
ހެއްކެއްގެ ގޮތުގައި ސިޔާސީ މަސްރަހާ ބެހޭ ގޮތުން ނަޝީދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ސްކްރިޕްޓް ވެސް ދައުލަތުން ހުށަހެޅި
މައްސަލައިގައި ދެން ޝަރީއަތުގެ އަޑުއެހުމެއް ބާއްވާނެ ތާރީހެއް ގާޒީ ވިދާޅެއް ނުވޭ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އޭރު ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރުކޮށް އާ ރަށުގައި ބެހެއްޓިއިރު އެމަނިކުފާނު ދޫކޮށްނުލާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށް ދައުލަތުން ބުނުމުން އެ މައްސަލައިގައި ދައުވާ އުފުލާފައިވާ އަމީން ފައިސަލްގެ ދިފާއީ ހެއްކެއްގެ ގޮތުގައި ރައީސް ޔާމީން ހުށަހަޅައިފިއެވެ.

އަމީން ފައިސަލްގެ ދިފާއީ ހެއްކެއްގެ ގޮތުގައި ރައީސް ޔާމީން ހުށަހަޅާފައި މި ވަނީ ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރުކަމުގައި ރައީސް އަބްދުﷲ ޔާމީން ހުންނަވަނިކޮށް، އާރަށުގައި ބަންދުކުރި މައްސަލާގައި، އޭރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް ހިންގާ ޝަރީއަތުގައި އާދީއްތަ ދުވަހު ހެކި ހުށަހެޅުމަށް ބޭއްވި ޝަރީޢަތުގެ މަޖިލީހުގައެވެ.

އަމީންގެ ފަރާތުން ދިފާއީ ހެކިންގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީނާގެ އިތުރުން ދެން ހުށަހެޅީ އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް އަދި މި ސަރުކާރުގައި ޑިފެންސް މިނިސްޓަރު ކަން ކުރެއްވި މޫސާ އަލީ ޖަލީލާއި އޭރު ސިފައިންގެ ލީގަލް ހެޑަކަށް ހުންނެވި ޒުބައިރު އަހުމަދު މަނިކެވެ.

ރައީސް ޔާމީން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ހަސީން ވިދާޅުވި ގޮތުގައި، ދައުވާގައި ބުނެފައިވާ ކަމެއް ހިނގާފައިވޭތޯ އާއި ތަހުގީގަށް އެމަނިކުފާނު ދެއްވި ބަޔާނަކީ ސައްހަ ބަޔާނެއްތޯ ސާފުކުރުމަށެވެ. މޫސާ އަލީ ޖަލީލު ހެއްކެއްގެ ގޮތުގައި ހުށަހެޅީ، އެ ހާދިސާގެ ގިނަ މައުލޫމާތިތަކެއް އެ ބޭފުޅާއަށް އެނގިލައްވާތީއެވެ. ޒުބައިރު ހާޒިރުކުރަނީ އެ މައްސަލާގައި ރައީސް ޔާމީނަށް ހިމާޔަތް ދިނުމަށްކުރި ކަންތައްތަކީ ގާނޫނީ ގޮތުން ކުރެވިދާނެ ކަންތައްތަކެއްތޯ ބެލުމަށެވެ.

އަމީން ފައިސަލް އާއި ދެކޮޅަށް ހިންގާ ޝަރީޢަތުގައި އާދީއްތަ ދުވަހު ބޭއްވި ޝަރީޢަތުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ރައީސް ޔާމީން ދޫނުކުރާނެ ކަމަށް ނަޝީދު އޭރު ވިދާޅުވި ކަން ސާބިތުކުރަން ސިއްރު ހެއްކެއް ވެސް ހުށަހަޅައިފައެވެ.

ހެކި ހުށަހެޅުމަށް ފަހު ދައުލަތުން ބުނި ގޮތުގައި ރައީސް ޔާމީން ދޫނުކުރާނެ ކަމަށް ނަޝީދު ވިދާޅުވީ ރައީސް ޔާމީން ބަންދު ކޮށްފައި ހުރީ ގާނޫނާ ޚިލާފަށް ކަމަށާއި އެމަނިކުފާނު ދޫނުކޮށްފި ނަމަ ނަޝީދުގެ މައްޗަށް ދައުވާ ކުރެވޭނެ ކަމަށް އޭރުގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަހުމަދު މުއިއްޒު ސިއްރު ހެކިވެރިޔާ އަށް ގުޅާފައި ވިދާޅުވުމުން އެ ހެކިވެރިޔާ އެ ވާހަކަ ނަޝީދަށް ދެންނެވުމުން ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

އެ ހެކިވެރިޔާގެ އިތުރުން ވެސް އަމީނާ ދެކޮޅަށް އެހެން ހެކިވެރިޔަކު ވަނީ ދައުލަތުން ހުށަހަޅައިފައެވެ. އެއީ އޭރު ރައީސް ޔާމީންގެ އަރިސް ބޭފުޅެއް ކަމަށްވާ އަދި ކުރީގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަހުމަދު ނާޒިމްގެ ގޭގައި އެމަނިކުފާނު ހުންނެވި އިރު ދޮރު ނުހުޅުވައިފި ނަމަ ދޮރު ވައްޓާލައިގެން ވިޔަސް ސިފައިން ގެއަށް ގެންދާނެ ކަމަށް އަމީން ވިދާޅުވި އަޑު އިވުނު ކަމަށް ބުނާ މީހެކެވެ.

މީގެ އިތުރަށް އެ މައްސަލައިގެ ސިއްރު ރިޕޯޓަކާއި ރައީސް ޔާމީން ހައްޔަރު ކުރުމުގެ އޮޕަރޭޝަން ހިންގި ގޮތުގެ ރިޕޯޓާއި ރައީސް ޔާމީން ދޫކޮށްލަން އަންގައި، އޭރުގެ ޕީޖީ މުއިއްޒު ޑިފެންސް މިނިސްޓްރީއަށް ފޮނުވި ސިޓީއަކާއި އޭރުގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން ނަޝީދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ސްކްރިޕްޓް ވެސް ދައުލަތުން ހުށަހެޅިއެވެ. އަދި އެ މައްސަލާގައި ރައީސް ޔާމީނަށް ބަދަލު ދޭން ސިވިލް ކޯޓުން ކުރި ހުކުމް ވެސް ދައުލަތުން އަމީނާ ދެކޮޅަށް ހުށަހެޅިއެވެ.

ޝަރީޢަތުގެ އަޑުއެހުން ނިންމަވާލައްވަމުން އަމީންގެ ސިއްހީ ހާލަތު ހުރި ގޮތުން ރާއްޖެއިން ބޭރުން ޓެސްޓްތަކެއް ހަދަން ޖެހޭތީ ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ އަށް އަމީންގެ ފަރާތުން އެދިފައިވާތީ ގާޒީ އިބްރާހިމް އަލީ ވިދާޅުވީ ހުށަހެޅި ލިޔުންތަކަށް ބެލުމަށް ފަހު މި ހަފުތާގައި ގޮތެއް ނިންމަވާނެ ކަމަށެވެ. ނަމަވެސް ދެން މި މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމެއް ބާއްވާނެ ވަކި ތާރީހެއް ގާޒީ ވިދާޅެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް