Advertisement
ކ. މާލެ
|
21 މެއި 2017 | އާދީއްތަ 18:42
ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު
ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު
ރާއްޖެއެމްވީ
ރައީސް ނަޝީދު
ފްރީޑަމް ފޯރަމްގައި ތަގުރީރު ކުރެއްވުމަށް ރައީސް ނަޝީދު ނޯވޭއަށް ވަޑައިގެންފި
ފޯރަމް ކުރިއަށްދާނީ މޭ މަހުގެ 22 އިން 24 އަށް ނޯވޭގެ ވެރިރަށް، އޮސްލޯގައި
ރައީސް ނަޝީދު ތަގުރީރު ކުރައްވާނީ ފެބްރުއަރީ 7 ގެ ފަހުން ހިނގި ކަންތައްތަކާއި ގުޅޭގޮތުން
މި ފޯރަމްގައި އަރުވާލެވިގެން އުޅޭ ސިޔާސީ ކުށްވެރިންނާއި، މިހާރު ސަލާމަތްވެފައިވާ ސިޔާސީ ކުށްވެރިންވެސް ބައިވެރިވޭ

އިނގެރޭސިވިލާތުގައި މިހާރު ދިރިއުޅުއްވާ، ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ނޯވޭއަށް ވަޑައިގެންފިއެވެ.

ރައީސް ނަޝީދު ނޯވޭއަށް ވަޑައިގެންފައި މިވަނީ  މޭ މަހުގެ 22 އިން 24 އަށް ނޯވޭގެ ވެރިރަށް، އޮސްލޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮސްލޯ ފްރީޑަމް ފޯރަމްގައި ބައިވެރިވެވަޑައިގެން، އެ ފޯރަމްގައި ތަގުރީރު ކުރެއްވުމަށެވެ.

މި ފޯރަމްގައި ރައީސް ނަޝީދު ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ 23 މޭ 2017 ވާ އާންގާރަ ދުވަހުއެވެ. އެގޮތުން ރައީސް ނަޝިދު ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ، އަންގާރަ ދުވަހުގެ މެންދުރުފަހު، ދިވެހިރާއްޖޭގެ ގަޑިން 5 ޖަހާއިރު ފަށާ، ސެޝަންގައި ފުރަތަމަ މެހުމާނުގެ ގޮތުގައެވެ. އެމަނިކުފާނުގެ ވާހަކަފުޅު ލައިވްސްޓްރީމް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމަނިކުފާނު ވާހަކަދައްވަން ހަމަޖެހިފައިވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހު ރާއްޖޭގެ ވެރިކަން ބަދަލުވެގެން ދިއުމަށްފަހު ދެން ކަންތައްތައް ވެގެންދިޔަ ގޮތާއި، އެމަނިކުފާނުގެ ތަޖުރިބާ އާއި ގުޅޭގޮތުންނެވެ.  

ފްރީޑަމް ފޯރަމް އަކީ، އަމާންކަމާއި، ތަރައްޤީ އާއި މިނިވަންކަން ޕްރޮމޯޓްކުރާ ފޯރަމެކެވެ. މި އަހަރު ބާއްވާ މި ފޯރަމް އަކީ މި ސީރީޒްގައި ބާއްވާ 9 ވަނަ ފޯރަމްއެވެ. ފޯރަމްގައި ދުނިޔޭގެ އެކި ޤައުމުތަކުގެ އެކްޓިވިސްޓުންނާއި، އާޓިސްޓުންނާއި، ނޫސްވެރިން ބައިވެރިވާނެ އެވެ. މީގެ އިތުރުން އެކި ޤައުމުތަކަށް އަރުވާލެވިގެން އުޅޭ ސިޔާސީ ކުށްވެރިންނާއި، މިހާރު ސަލާމަތްވެފައިވާ ސިޔާސީ ކުށްވެރިންވެސް މި ފޯރަމްގައި ބައިވެރިވެ، އެފަރާތްތަކުގެ ތަޖުރިބާ ހިއްސާކުރާނެއެވެ.

ހޯމަ ދުވަހު މި ފޯރަމް ރަސްމީކޮށް ފަށާއިރު، ހޮނިހިރު ދުވަހުން ފެށިގެން ފޯރަމްގެ އެކިއެކި ނުރަސްމީ ހަރަކާތްތައް ވަނީ ފަށާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް