ގޮހޮރުގައި އުފެދުނު ޓިއުމަރެއް ނެގުމަށް ބްރެޒިލުގެ ލެޖެންޑް ޕެލޭ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފިއެވެ.
އުމުރުން މިހާރު 80 އަހަރުގެ ޕެލޭގެ ގޮހޮރުގައި ޓިއުމަރެއް އުފެދުމާއެކު މިދިޔަ ހަ ދުވަހު އޭނާ އޮތީ ސައު ޕައުލޯގެ އަލްބަޓް އެއިންސްޓައިން ހޮސްޕިޓަލުގައެވެ. އެއާއެކު ހޯމަ ދުވަހު ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ޕެލޭ ވަނީ ޓިއުމަރު ނަގަން މިދިޔަ ހޮނިހިރު ދުވަހު ކާމިޔާބު އޮޕަރޭޝަނެއް ކުރިކަން ހާމަކޮށްފައެވެ. އެއަށްފަހު ޕެލޭ ބުނީ އޭނާގެ ގޮހޮރުގެ ބޮޑު އޮޕަރޭޝަން ނިންމާލެވުމުން އުފާކުރާ ކަމަށާއި، މިހާރު ރިކަވަރީގެ ކަންތައްތައް ދަނީ ރަނގަޅަށް ކަމަށެވެ.
މީގެ އިތުރުން ޕެލޭ ވަނީ އޭނާގެ އޮޕަރޭޝަނާއި ރިކަވަރީއަކީ މެޗެއް ގޮތަށް ސިފަކޮށްފައެވެ. ޕެލޭ ބުނީ އޭނާގެ ސަޕޯޓަރުންނާއެކު ކާމިޔާބީ ފާހަގަކުރުމަކީ ނަސީބުގައި އަބަދުވެސް އޮންނަ ކަމެއް ކަމަށާއި، އެގޮތުން މި މެޗަށް އޭނާ ކުރިމަތިލަނީ ހިނިތުންވުމަކާ އެކުގައި ކަމަށެވެ. އަދި މި މެޗުންވެސް މޮޅުވާނީ ސަޕޯޓަރުންނާ އެކުގައި ކަމަށްވެސް ވަނީ ބުނެފައެވެ.
ގޮހޮރުގައި އުފެދުނު ޓިއުމަރެއް ނަގަން ޕެލޭ އޮޕަރޭޝަނެއް ކުރިއިރު، އޭނާ ވަނީ މީގެ ކުރިން 2015 ވަނަ އަހަރުވެސް ބޮޑު އޮޕަރޭޝަނެއް ކޮށްފައެވެ. އަދި އެއަށްފަހު އޭނާގެ ހާލަތު ގޯސްވާތީ އެކި ފަހަރު މަތިން ވަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންވެސް ފަރުވާ ދީފައެވެ. އޭގެ ތެރޭގައި ގޮހޮރުގެ އެކި ބަލިތަކަށްވެސް ވަނީ ތަކުރާރުކޮށް ފަރުވާ ހޯދާފައެވެ.
ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ފާހަގަކޮށްލެވޭ ޕެލޭގެ ކެރިއަރުގެ އެންމެ ބޮޑު އުސްއައްޔަކީ ބްރެޒިލާއެކު ފީފާ ވޯލްޑް ކަޕް ތިން ފަހަރު ކާމިޔާބުކުރުމެވެ. އެއާއެކު ޕެލޭ ވެފައިވަނީ ވޯލްޑް ކަޕް ތިން ފަހަރަށް ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާއަށެވެ. މީގެ އިތުރުން ޕެލޭ ވަނީ ތަފާތު ހަތަރު ވޯލްޑް ކަޕެއްގައި ލަނޑު ޖަހާފައެވެ.
ބްރެޒިލަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރިކޯޑުވެސް އޮންނަ ޕެލޭ ވަނީ ބްރެޒިލް ޓީމަށް ކުޅެދިން 92 މެޗުން 77 ލަނޑު ޖަހާފައެވެ. އަދި ތަފާސް ހިސާބުތައް ދައްކާގޮތުން ކެރިއަރުގައި ކުޅުނު 1،363 މެޗުގައި ޕެލޭ ވަނީ 1،279 ލަނޑު ޖަހާފައެވެ.