Advertisement
ކ. މާލެ
|
21 މެއި 2017 | އާދީއްތަ 02:06
އެމްއެންޑީއެފް ކޯސްޓް ގާޑުން ބަލާފައިވާ ސަރަހައްދުތައް ނޫސްވެރިންނަށް ދައްކާލަނީ
އެމްއެންޑީއެފް ކޯސްޓް ގާޑުން ބަލާފައިވާ ސަރަހައްދުތައް ނޫސްވެރިންނަށް ދައްކާލަނީ
ރާއްޖެ އެމްވީ
ކޮޅުވެއްޓި ގެއްލުން
ކޮޅުވެއްޓި މާދަމާ ރެޔަށް ނުފެނިއްޖެނަމަ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބޭރުވާނެ: އެމްއެންޑީއެފް
ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބޭރުވެއްޖެނަމަ ދާނެ ކަމަށް ބެލެވެނީ ލަންކާގެ އިގްތިސާދީ ސަރަހައްދަށް
ކޮޅުވެއްޓި ހޯދުމުގެ މަސައްކަތް އިންޑިއާގެ މަނަވަރަކާއި އިންޑިއާގެ ކަނޑު ސިފައިންގެ މަތިންދާބޯޓެއް ބޭނުން ކުރޭ
ލަންކާގެ އެހީތެރި ކަމަށް ވެސް ވަނީ އެދިފައި

ހަ މީހުންނާ އެކު ގެއްލިގެން ހޯދަމުންދާ "މާރިޔާ 3" ނަމަކަށް ކިޔާ ކޮޅުވެއްޓި މާދަމާ ރެއާ ހަމަ އަށް ނުފެނިއްޖެނަމަ ގަބޫލު ކުރެވެނީ އެ މީހުން ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދުން ބޭރުވެގެން ދިޔައީ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ކޯސްގޑޫން ބުނެފިއެވެ.

 

މިދިޔަ އަންގާރަ ދުވަހު ކ. ތުލުސްދޫ އިން ފުރައިގެން ލ. ގަމަށް ދަތުރު ކުރަނިކޮށް ގެއްލުނު މާރިޔާ 3 ނަމަކަށް ކިޔާ ކޮޅުވެއްޓި ހޯދުމަށް ކުރަމުންދާ މަސައްކަތްކާ ގުޅޭ ގޮތުން މީޑިއާ އަށް މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯސްޓްގާޑުގެ ކޮމާޑަރު ބްރިގޭޑިއާ ޖެނެރަލް މުހައްމަދު އިބްރާހިމް ވިދާޅުވީ މިހާތަނަށް އެމީހުން ހޯދުމަށް ކުރެވުނު މަސައްކަތަށް ބަލާއިރު އަންދާޒާ ކުރެވޭ ގޮތުގައި އެ މީހުންނަށް ހިތާމަވެރި ހާދިސާ އެއް ދިމާވިނަމަވެސް ނުވަތަ ބެހިގެން ދިޔަނަމަވެސް އާދީއްތަ ދުވަހުގެ ރޭ 18:00 އާއި ހަމައަށް އެ މީހުން ނުފެނިއްޖަނަމަ އެ މީހުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބޭރުވީ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

 

ކޮމާންޑަރު ވިދާޅުވީ އެ މީހުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބޭރުވުމަށް ފަހު ބެހިގެން ދިޔަނަމަވެސް ދާނެ ކަމަށް ގަބޫލު ކުރެވެނީ ލަންކާގެ އިގްތިސާދީ ސަރަހައްދަށް ކަމަށާއި އެހެން ކަމަން މިހާރު ލަންކާގެ އެހީ އަށް ވެސް އެދިފައިވާ ކަމަށް ކޮމާންޑަރު ވިދާޅުވިއެވެ.

 

ކޮމާންޑަރު ވިދާޅުވީ ރާއްޖޭގެ ހުރި ވަސީލަތްތައް ބޭނުން ކޮށްގެން އެ މީހުން ހޯދުމުގެ މަސައްކަތް ކުރުމުގެ އިތުރުން އެ އުޅަނދު ހޯދުމުގައި އިންޑިއާގެ އިތުރުން ލަންކާގެ އެހީތެރިކަމާ އެކު ހުރިހާ ވަސީލަތްތަކެއްގެ ބޭނުން ކުރަމުން އަންނަ ކަމަށެވެ.

 

ކޯސްޓްގާޑުގެ ކޮމާންޑަރު ވިދާޅުވީ ކޮޅުވެއްޓި ހޯދުމުގެ މަސައްކަތް އިންޑިއާގެ މަނަވަރަކާއި އިންޑިއާގެ ކަނޑު ސިފައިންގެ މަތިންދާބޯޓެއް ބޭނުން ކޮށްގެން ކަނޑު ސަރަހައްދު ބަލަމުން އަންނަ ކަމަށާއި އެ އޮޕަރޭޝަންގައި ރާއްޖޭގެ ކޯސްޓްގާޑުގެ އުޅަނދެއް ވެސް ހަރަކާތްތެރިވާ ކަމަށް ކޮމާންޑަރު ވިދާޅުވިއެވެ.

 

މީގެއިތުރުން ކޯސްޓްގާޑުގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް މުހައްމަދު އިބްރާހިމް ވިދާޅުވީ ކޮޅުވެއްޓި ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ހުކުރު ދުވަހު އޮޔާދާ އެއްޗެހިތަކަކާއި ކަނޑަށް އެޅިފައިވާ ތެޔޮތަކެއް ފެނިފައިވާ ކަމަށެވެ. އަދި އެތަކެތި ފެނުނީ ލ. އިސްދޫއާ 50 ނޯޓިކަލް މޭލު ދުރުން ކަމަށާއި އެ ތަކެތި ފެނުމުން، އެ ތަކެއްޗާ ގެއްލުނު އުޅަނދާ ގުޅުންހުރިތޯ ބެލުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުންދާ ކަމަށް ކޯސްޓްގާޑުގެ ކޮމާންޑަރު ވިދާޅުވިއެވެ.

 

ކޯސްޓްގާޑުގެ ކޮމާންޑަރު ވިދާޅުވީ ކޮޅުވެއްޓި ހޯދުމަށް ކުރަމުންދާ މަސައްކަތުގައި މިހާތަނަށް 10800 ނޯޓިކަލް މޭލުގެ ސަރަހައްދެއް ތަކުރާރުކޮށް ބެލިފައިވާ ކަމަށާއި އަދި މާދަމާރެއާ ހިސާބަށް އެ މީހުން ނުފެނު ކަމަށް ވީނަމަވެސް އެ މީހުންގެ ހޯދުމުގެ މަސައްކަތް ހުއްޓާ ނުލާނެ ކަމަށެވެ. އަދި ކޮޅުވެއްޓި ހޯދުމަށް ކުރަމުންދާ މަސައްކަތުގައި މުޅި ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބަލާ ނިމޭނެ ވަގުތެއް ބުނަން ނޭނގޭ ކަމަށާއި އެ މީހުން ހޯދުމަށް ކުރަން ޖެހުނު ހުރިހައި މަސައްކަތެއް ކުރާނެ ކަމަށް ކޯސްޓްގާޑުގެ ކޮމާންޑަރު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް