ކުރިޔަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި ސަރުކާރުގެ މުއައްސަސާތަކުގެ ތެރޭގައި ޖެމްސް ގެންގުޅެވޭ ގޮތަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި, ޖެމްސް ގެންގުޅުމުގެ ނިޒާމަށް ގެންނަ ބަދަލުތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ ކަރުދާސް ގެންގުޅުން ހުއްޓާލުން ނުވަތަ ޕޭޕަރލެސް ތަނަކަށް ރާއްޖެ ހެދުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ސަރުކާރާ ކުރަންޖެހޭ މުއާމަލާތް ކުރުމުގައި ބޮޑެތި ލުއިތަކެއް ލިބިގެން އަންނާނެ ކަމަށެވެ. އަދި ޖެމްސް މެދުވެރިކޮށް ސަރުކާރުގެ އެތެރޭގައި ހިންގޭ މަސައްކަތްތަކުގެ އިތުރުން ޖެމްސް މެދުވެރިކޮށް އާންމު ރައްޔިތުންނަށް ފޯރުކޮށް ދެވޭ ޚިދުމަތްތައް ފުޅާކުރަންޖެހޭ ކަމަށެވެ.
ސަރުކާރުގެ ހުރިހާ މުއައްސަސާއެއްގައިވެސް ޖެމްސް ބޭނުންކުރަމުންދޭ. ޖެމްސް ތަރައްޤީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އެބަހުރި. ޚާއްސަކޮށް އަދިވެސް ޖެމްސް ބޭނުންކުރާއިރު ވީހާވެސް ބޮޑަށް ކަރުދާސް ބޭނުންނުކުރާ ގޮތަށް ސިސްޓަމް ބަދަލުކުރުމަށް ރާވާފައިވަނީ.އާމިނަތު ޝައުނާ / މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
މިނިސްޓަރ އިތުރަށް ވިދާޅުވީ ޓެކްނޮލޮޖީ އަކީ އެޕްލިކޭޝަނެއް ނުވަތަ ވެބްސައިޓެއް ހެދުން އެކަނި ނޫންކަމަށެވެ. އެ ބޭނުންކުރާ މިންވަރާއި ބޭނުންކުރުމަށް މީހުންގެ ތެރޭގައި އޮންނަ ޝައުގުވެރިކަންވެސް އިތުރުވާންޖެހޭ ކަމަށާއި, ޓެކްނޮލޮޖީ ކުރިއަރައިގެންދަނީ އެގޮތަށް ކަމަށެވެ. ކުރިޔަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި "ގަވް.އެމްވީ" ތަރައްގީކޮށް, ސަރުކާރުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ސިޓީއާއި ފޯމުގެ ޒަރީޢާއިން ކަންކަން ކުރުމުގެ ބަދަލުގައި އެކަންކަން ޑިޖިޓަލައިޒް ކުރެވިގެންދާނެ ކަމަށެވެ. ހަމައެއާއެކު ޑިޖިޓަލް އައިޑީއަކީ ވެސް މުހިންމު އެއްޗެއްކަމަށާއި އެކަންވެސް މިސަރުކާރުގެ ތެރޭގައި ނިންމާލެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އިންޓަރނެޓްގެ އަގަށް ދާދި ފަހުން ގެނައި ބަދަލާ ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ, ޚިދުމަތުގެ އަގަށް އައި ބަދަލާއެކު ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވިއްޖެކަމަށް ގަބޫލުފުޅުކުރައްވާކަމަށެވެ. އަދި ޚިދުމަތުގެ ފެންވަރު ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމަށާއި އެކަމާގުޅޭގޮތުން އާންމު ރައްޔިތުންނާއި ޚިދުމަތްދޭ ފަރާތްތަކުގެ އިތުރުން ޓެކް ކޮމިޔުނިޓީން ލިބެމުންދާ ޚިޔާލުތައްވެސް އަޑުއައްސަވަމުން ގެންދަވާކަމަށެވެ. އެކަންކަމަށް ބަލާއިރު ޚިދުމަތުގެ ފެންވަރު ރަނގަޅުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.