އެމްއައި ކޮލެޖާއި މެލޭޝިއާގެ ނިލާއީ ޔުނިވަރސިޓީން, ބަޔޯ ޓެކްނޮލޮޖީ ކޯސްތައް ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ބުދަ ދުވަހު މާލޭގެ ހޮޓެލް ޖެންގައި ބޭއްވުނު މި ރަސްމިއްޔާތުގައި އެމްއައި ކޮލެޖުގެ ރެކްޓަރ ލަމްޔާ ޢަބްދުލް ހާދީ ވާހަކަ ދައްކަވަމުން ވިދާޅުވީ، ނިލާއީ ޔުނިވަރސިޓީން އެމްއައި ކޮލެޖަށް ދޭ މި ކޯސްތަކަކީ އެ ޔުނިވަރސިޓީގެ ފެންވަރުގައި ކިޔަވައިދޭނެ ކޯސްތަކެއްކަމަށެވެ. އަދި އެމްއައި ކޮލެޖުގެ ހުރިހާ ބްރާންޗްތަކަކުންވެސް މި ކޯސްތައް ކުރިއަށް ގެންދާނެކަމަށެވެ.
ލަމްޔާ ވިދާޅުވީ ސަރުކާރުން ދޭ ހިލޭ ފުރަތަމަ ޑިގްރީ ސްކީމްގެ ދަށުން, ކުދިންނަށް ރާއްޖޭގައި ހިލޭ ޑިގްރީ ހެދިގެން ދާނެކަމަށާއި އަދި މެލޭޝިއާއަށް ޑިގްރީ ހެދުމަށް ދާން ނުޖެހޭނެ ކަމަށެވެ. އެ ޔުނިވަރސިޓީގެ ކުއަލިފިކޭޝަން ރާއްޖޭގައި ކިޔަވައިގެން ލިބޭނެ ކަމަށާއި އަދި މެލޭޝިޔާއަށް ގޮސް ކޯސް ހެދުމަށް ހޭދަ ކުރާ ޚަރަދު ކުރާކަށް ނުޖެހޭނެކަމަށެވެ. މި ފުރުސަތަކީ ކޯސްތައް ހަދާ ކުދިންނަށް ލިބިގެންދާނެ ރަނުގެ ފުރުސަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ނިލާއީ ޔުނިވަރސިޓީން އެމްއައި ކޮލެޖަށް ދޭ ކޯސްތަކުގެ ތެރޭގައި; ފައުންޑޭޝަން އިން ސައިންސް، ޑިޕްލޮމާ އިން ބަޔޯ ޓެކްނޮލޮޖީ، ބެޗެލަރސް އޮފް ސައިންސް އަދި އޮނަރސް އިން ބަޔޯ ޓެކްނޮލޮޖީ ހިމެނޭ ކަމަށް ލަމްޔާ ވިދާޅުވިއެވެ. ލަމްޔާ ބުނީ ކުދިންނަށް ހެލްތު ސައިންސް ޕްރޮގްރާމްތައް އެމްއައި ކޮލެޖުން ކިޔަވައި ދިނުމަކީ އެ ކޮލެޖުގެ ހުވަފެނެއް ކަމަށެވެ. އަދި ހުވަފެން ހަގީގަތަކަށް ހެދުމަށް ދެ އަހަރު މަސައްކަތް ކުރެއްވުމަށް ފަހު އެ ހުވަފެން ތެދަކަށްވީ މި ރަސްމިއްޔާތުން ކަމަށް ލަމްޔާ ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ލަމްޔާ ވިދާޅުވީ އެމްއައި ކޮލެޖުގެ ބްރާންޗްތަކުން ކޯސްތަކަށް ކުދިން ހަމަނުވެގެން ކޯސް ކުރިޔަށް ނުގެންދެވި ތިބޭކަށް މިހާރު ނުޖެހޭނެ ކަމަށެވެ.
އެމްއައި ކޮލެޖަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކި ބްރާންޗް ތަކުން ކުދިންނަށް ކިޔަވައިދޭ ކޮލެޖެކެވެ.