ކ. މާލެ
|
1 ސެޕްޓެންބަރ 2021 | ބުދަ 15:22
ރެނެސްއަށް ކުޅެމުން އައި ފްރާންސްގެ މިޑްފީލްޑަރު އެޑޮއާޑޯ ކަމަވިންގާ
ރެނެސްއަށް ކުޅެމުން އައި ފްރާންސްގެ މިޑްފީލްޑަރު އެޑޮއާޑޯ ކަމަވިންގާ
ގެޓީ އިމޭޖަސް
ކަމަވިންގާ ރެއާލަށް ބަދަލުވުން
ޒުވާން މިޑްފީލްޑަރު ކަމަވިންގާ ރެއާލަށް
 
ކަމަވިންގާއަށް ރެއާލުން ވަނީ 40 މިލިޔަން ޔޫރޯ ޚަރަދުކޮށްފައި
 
ކަމަވިންގާ ވަނީ ރެއާލާއެކު ހަ އަހަރުގެ އެއްބަސްވުމެއް ހަދާފައި

ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ ނުލިބުމުން މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ރެއާލް މެޑްރިޑުން ރެނެސްއަށް ކުޅެމުން އައި ފްރާންސްގެ ޒުވާން މިޑްފީލްޑަރު އެޑޮއާޑޯ ކަމަވިންގާގެ ސޮއި ހޯދައިފިއެވެ.

މި ފަހަރުގެ ޓްރާންސްފާ ބާޒާރު އަންގާރަ ދުވަހުގެރޭ ބަންދުވިއިރު، ރެއާލުން ވަނީ އެމްބާޕޭ ގަންނަން ތިން ފަހަރު ބިޑުކޮށްފައެވެ. އެކަމަކު އެ ތިން ބިޑުވެސް ޕީއެސްޖީން ބަލައިގެންފައެއް ނުވެއެވެ.

އެހެންކަމުން ބާޒާރު ބަންދުވުމުގެ ކުރިން ރެއާލުން ވަނީ އުމުރުން 18 އަހަރުގެ ކަމަވިންގާގެ ސޮއި ހޯދާފައެވެ. ރެއާލުން ހާމަކޮށްފައިވާ ގޮތުން ޒުވާން މިޑްފީލްޑަރު ވަނީ ރެއާލާއެކު ހަ އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އެހެންކަމުން އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ހޫނު މޫސުމުގައެވެ. ރިޕޯޓުތައް ބުނާ ގޮތުން ކަމަވިންގާގެ ސޮއި ހޯދަން ރެއާލުން ވަނީ 40 މިލިޔަން ޔޫރޯ ޚަރަދުކޮށްފައެވެ.

އުމުރުން 16 އަހަރުގެ ރެނެސްއިން ސީނިއާ ކެރިއަރު ފެށި ކަމަވިންގާ އެ ޓީމު ދޫކޮށް ރެއާލަށް ބަދަލުވިއިރު، އޭނާ ވަނީ ރެނެސްގައި ހަތަރު ސީޒަން ހޭދަކޮށްފައެވެ. މި މުއްދަތުގައި އޭނާ ވަނީ ރެނެސްއަށް ކުޅެދިން 88 މެޗުގައި ދެ ލަނޑު ޖަހާފައެވެ. އަދި މިދިޔަ އަހަރުގެ އޯގަސްޓް މަހު ފްރާންސްގެ ސީނިއާ ޓީމުން ޖާގަ ހޯދި ކަމަވިންގާ އަކީ 1932 ވަނަ އަހަރުގެ ފަހުން ފްރާންސްގެ ސީނިއާ ޓީމަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާއެވެ. އޭގެ ފަހުން އޭނާ ވަނީ މިހާތަނަށް ފްރާންސްގެ ގައުމީ ޓީމަށް ތިން މެޗެއް ކުޅެދީފައެވެ.

މި ފަހަރުގެ ޓްރާންސްފާގައި ރެއާލުން ކަމަވިންގާގެ ސޮއި ހޯދިއިރު، އެ ޓީމުން މީގެ ކުރިން ޓްރާންސްފާއެއްގައި އެންމެ ފަހުން ޚަރަދުކުރީ 2019 ވަނަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައެވެ. އެ ފަހަރުގެ ޓްރާންސްފާގައި ރެއާލުން ވަނީ 100 މިލިޔަން ޔޫރޯ ޚަރަދުކުރުމަށްފަހު ޗެލްސީއަށް ކުޅެމުން އައި ބެލްޖިއަމުގެ ކެޕްޓަން އެޑެން ހަޒާޑުގެ ސޮއި ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް