ކ. މާލެ
|
31 އޯގަސްޓް 2021 | އަންގާރަ 15:17
ލިވަޕޫލުގެ ކެޕްޓަން ޖޯޑަން ހެންޑަސަން
ލިވަޕޫލުގެ ކެޕްޓަން ޖޯޑަން ހެންޑަސަން
ގެޓީ އިމޭޖަސް
ހެންޑަސަންގެ އެއްބަސްވުން އާކުރުން
ލިވަޕޫލުގެ އެއްބަސްވުން ހެންޑަސަން އާކޮށްފި
 
ހެންޑަސަން ލިވަޕޫލާ ގުޅުނީ 2011 ގައި ސަންޑަލެންޑް ދޫކޮށް
 
2025 ވަނަ އަހަރުގެ ނިޔަލަށް ހެންޑަސަން ލިވަޕޫލުގައި މަޑުކުރާނެ

ލިވަޕޫލާއެކު ހަދާފައި އޮތް އެއްބަސްވުން އެ ޓީމުގެ ކެޕްޓަން ޖޯޑަން ހެންޑަސަން އާކޮށްފިއެވެ.

އުމުރުން 31 އަހަރުގެ ހެންޑަސަން ލިވަޕޫލާ ގުޅުނީ 2011 ވަނަ އަހަރު ސަންޑަލެންޑް ދޫކޮށެވެ. މީގެ ކުރިން ހެންޑަސަން ލިވަޕޫލާއެކު ހަދާފައި އޮތް އެއްބަސްވުން 2024 ވަނަ އަހަރުގެ ހޫނު މޫސުމުގައި ހަމަވާއިރު، މިދިޔަ ސީޒަނުގައި ލިވަޕޫލުން ވަނީ އޭނާގެ އެއްބަސްވުން އާކުރުމުގެ މަސައްކަތް ފަށާފައެވެ. އެއާއެކު އަންގާރަ ދުވަހުގެ ވަގުތެއްގައި ހެންޑަސަން ލިވަޕޫލުގެ އެއްބަސްވުން އާކުރިއިރު، އައު އެއްބަސްވުމާއެކު 2025 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް އޭނާ އެ ކުލަބުގައި މަޑުކުރާނެއެވެ.

ލިވަޕޫލުގެ އެއްބަސްވުން ހެންޑަސަން އާކުރިއިރު، އޭނާގެ އެއްބަސްވުން ދިގު މުއްދަތަކަށް އާކުރަން ލިވަޕޫލުން މީގެ ކުރިން ދެކޮޅު ހެދި ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓުކުރިއެވެ. އެއާއެކު މި ފަހަރުގެ ޓްރާންސްފާ ބާޒާރު ނިމުމުގެ ކުރިން ހެންޑަސަން ލިވަޕޫލް ދޫކޮށްލުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

އެކަމަކު ލިވަޕޫލުގައި ހެންޑަސަން މަޑުކުރާއިރު، އޭނާއަކީ މި ފަހުން ލިވަޕޫލުން ހޯދި ބޮޑެތި ކާމިޔާބީތަކުގެ މޭސްތިރިއެވެ. އެގޮތުން ސްޓީވެން ޖެރާޑަށްފަހު ލިވަޕޫލުގެ ކެޕްޓަންގެ މަގާމު ހެންޑަސަން އަދާކުރަމުން އަންނައިރު، އޭނާގެ ކެޕްޓަންކަމުގައި ލިވަޕޫލުން ވަނީ 30 އަހަރަށްފަހު އިނގިރޭސި ޕްރިމިއާ ލީގާއި، ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕުގެ އިތުރުން ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. އަދި ހެންޑަސަން ވަނީ މިހާތަނަށް ލިވަޕޫލަށް ކުޅެދިން 394 މެޗުގައި 30 ލަނޑު ޖަހާފައެވެ.

ލިވަޕޫލުގެ އެއްބަސްވުން ހެންޑަސަން އާކުރިއިރު، އެ ޓީމަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޒުވާން ތަރި ޓްރެންޓް އަލެކްސަންޑަ-އާނޯލްޑާއި، ބްރެޒިލުގެ މިޑްފީލްޑަރު ފަބީނިއޯ އާއި، ބްރެޒިލުގެ ތަޖުރިބާކާރު ގޯލްކީޕަރު އެލިސަން ބެކާ އާއި، ނެދަލެންޑްސްގެ އިތުބާރު ޑިފެންޑަރު ވާޖިލް ވެން ޑައިކް އަދި ސްކޮޓްލެންޑުގެ ޑިފެންޑަރު އެންޑީ ރޮބަޓްސަންވެސް ވަނީ ދާދި ފަހުން އެއްބަސްވުން ދިގު މުއްދަތަކަށް އާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް