Advertisement
ކ. މާލެ
|
20 މެއި 2017 | ހޮނިހިރު 21:44
އަމީން ފައިސަލް
އަމީން ފައިސަލް
ގޫގުލް
އަމީން ފައިސަލް ޝަރީއަތް
ޔާމީން ބަންދުކުރި މައްސަލަ: އަމީން ފައިސަލް ޝަރީޢަތުގެ އަޑުއެހުމެއް މާދަމާ އަށް ތާވަލް ކޮށްފި
ޓެރަރިޒަމުގެ ދައުވާ އުފުލީ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު
ތިން ވަނަ އަޑުއެހުން، ހެކި ހުށަހެޅުމާއި ޖަވާބުދާރީވުން
ރައީސް ނަޝީދަށް ވެސް ވަނީ ޓެރަރިޒަމުގެ ދައުވާ ކޮށްފަ

ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރުކަމުގައި ރައީސް އަބްދުﷲ ޔާމީން ހުންނަވަނިކޮށް، އާރަށުގައި ބަންދުކުރި މައްސަލާގައި، އޭރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި އާދީއްތަ ދުވަހަށް (މާދަމާއަށް) ތާވަލުކޮށްފި އެވެ.

 

އަމީން ފައިސަލްގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުން ތާވަލުކޮށްފައިވަނީ އާދީއްތަ ދުވަހު ހެނދުނު 10:00 އަށެވެ. އަޑުއެހުމުގައި އޮންނާނީ މައްސަލައާ ގުޅޭ ގޮތުން ދެ ފަރާތުން ހެކި ހުށަހެޅުމުވެ.

 

އެންމެ ފަހުން މި މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމެއް ބާއްވާފައިވަނީ މި މަހުގެ އަށް ވަނު ދުވަހުއެވެ.

 

އެ ދުވަހު ބޭއްވި ޝަރީޢަތުގެ މަޖިލީހުގައިއަމީން ފައިސަލްގެ ގާނޫނީ ވަކީލު އަބްދުﷲ ހަސީން ވިދާޅުވީ، އަމީންގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ، އަމީންގެ މައްޗަށް ކުރެވޭނެ ދައުވާ އެއް ނޫން ކަމަށެވެ.

 

ދައުލަތުގެ ވަކީލް ވިދާޅުވީ، ޔާމީން އާ ރަށަށް ގެންދިއުމަށް ނިންމާފައި ވަނީ ނޭޝަނަލް ކައުންސިލް ބައްދަލުވުމުން ކަމަށެވެ. އަދި އެ ބައްދަލުވުމުގައި އަމީން ފައިސަލް ވެސް ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ.

 

މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި އަމީން ފައިސަލްގެ ފަރާތުން އޭނާގެ ވަކީލު ވިދާޅުވެފައި ވަނީ އަމީނަކީ ހިތުގެ ބަލި ހުންނަ މީހެއް ކަމަށެވެ. އަދި އެ ބައްޔަކީ ފަރުވާ ނުކުރެވޭނެ ބައްޔެއް ކަމަށާއި، ބައެއް ޓެސްޓު ތަކަކީ ރާއްޖެއިން ހެދޭނެ ޓެސްޓުތަކެއް ނޫން ކަމަށް ޑޮކްޓަރުން ވިދާޅުވެފައި ވާތީ، ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދިނުމަށް އެދި ވަޑައިގެންފައިވެ އެވެ.

 

އެކަމާ ގުޅޭ ގޮތުން ގާޒީ ވިދާޅުވީ، ޑޮކްޓަރުންގެ ލިޔުންތައް ލިބިފައިވާ ކަމަށާއި، ނަމަވެސް އަމީން އޭޑީކޭގެ އައިސީޔޫއިން ފަރުވާ ހޯދި ކަމަށް ބުނެފައިވީ ނަމަވެސް، އޭގެ ލިޔުމެއް ލިބިފައި ނުވާ ކަމަށެވެ. އެހެން ކަމުން އެ ލިޔުން ހުށަހެޅުއްވުމަށް ގާޒީ އެދިވަޑައިގެންނެވި އެވެ.

 

ޔާމީން ބަންދުކުރި މައްސަލައާ ގުޅިގެން އަމީން ފައިސަލްގެ މައްޗަށް ޓެރަރިޒަމުގެ ދައުވާ އުފުލީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު އެވެ. އަމީން ފައިސަލުގެ މައްޗަށް ހިންގާ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ބާއްވައި، ދައުވާ އިއްވާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ. އެ އަޑުއެހުމުގައި ދައުވާ އިން ދިފާއުވާން ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ވަނީ ހަތް ދުވަހުގެ މުއްދަތެއް ދީފަ އެވެ.

 

އަމީން ފައިސަލަށް ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ، ޑިފެންސް މިނިސްޓަރަކަށް ހުންނަވައިގެން ޔާމީނަށް ހިމާޔަތްދޭންކަމަށް ބުނެ، ޔާމީނުގެ ނުރުހުމުގައި، އޭނާގެ މިނިވަންކަން ގެއްލޭ ގޮތަށް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސް، އާރަށުގައި ބަހައްޓާފައި ވާތީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ށ) އާ ހަވާލާދީ އެ ގާނޫނުގެ ހަ ވަނަ މާއްދާގެ (ށ) ގެ ދަށުން އަމީން ފައިސަލްގެ މައްޗަށް ޓެރަރިޒަމުގެ ކުށުގެ ދައުވާކުރާ ކަމަށެވެ.

 

ޓެރަރިޒަމުގެ ދައުވާއާ ގުޅިގެން އަމީން ފައިސަލްގެ ޕާސްޕޯޓް ހިފަހައްޓައި، ރާއްޖެއިން ބޭރަށް ފުރުން މަނާކޮށްފައިވާއިރު، ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި އޭނާ ވަނީ ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމުގެ ހުއްދައަކަށް އެދިވަޑައިގަންނަވާފަ އެވެ. އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ގާޒީ ވަނީ ދެން އޮންނަ އަޑުއެހުމެއްގައި އެކަމާ މެދު ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވެފަ އެވެ.

 

ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު ކަމުގައި ހުންނަވަނިކޮށް ޔާމީން ހައްޔަރުކޮށްގެން އާރަށަށް ގެންގޮސްފައި ވަނީ 2010 ވަނަ އަހަރުގެ ޖުލައިމަހުގެ 14 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އަދި އެ މަނިކުފާނު ދޫކޮށްލާފައި ވަނީ ޖުލައި 23 ވަނަ ދުވަހުއެވެ.

 

ޔާމީން އާރަށުގައި ބެހެއްޓީ ސަރުކާރު ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހަޅުއްވާފައިވާ ކަމުގެ ތުހުމަތުގައި ފުލުހުން އެމަނިކުފާނު ހައްޔަރުކޮށްފައިވަނިކޮށް، ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުން ދޫކޮށްލި ފަހުންނެވެ.

 

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އެއިރު ބުނެފައި ވަނީ ޔާމީން އާރަށަށް ގެންދިޔައީ މާލެ ތެރޭގައި ހާލަތު ނުރައްކާވަމުން ދާތީ ޔާމީންގެ ހަށިފުރާނަ އަށް ނުރައްކާވެދާނެ ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހަށް ފެނިގެން އެ މަޖިލީހުން އެ ގޮތަށް ނިންމުމުން ކަމަށެވެ.

 

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ވެސް ވަނީ ޓެރަރިޒަމުގެ ދައުވާ އުފުލާފަ އެވެ. ރައީސް ނަޝީދުގެ މައްޗަށް ފެބްރުއަރީ 27 ވަނަ ދުވަހު ދައުވާ އުފުލިއިރު، ފުރަތަމަ އަޑުއެހުން މާޗް މަހުގެ 29 ވަނަ ދުވަހަށް ތާވަލުކުރި އެވެ. ނަމަވެސް ޗިޓް ހަވާލުނުކުރެވިގެން އަޑުއެހުން ވަނީ ކެންސަލް ކޮށްފަ އެވެ. މިމަހުގެ 26 ވަނަ ދުވަހަށް ރައީސް ނަޝީދުގެ ޝަރިއަތުގެ އަޑުއެހުމެއް ވަނީ ތާވަލުކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް