މިމަހުގެ 10 ވަނަ ދުވަހު އައިޖީއެމްއެޗަށް އުފަންވި ކުއްޖާގެ ހަށިގަނޑުގައި ބޭރަށް އޮތީ ހިތް ކަމަށް ރިޕޯޓްކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށާއި ރަނގަޅު ގޮތަކީ އެކުއްޖާގެ ހަށިގަނޑުގައި ބޭރަށް ނިކުމެފައި ހުރީ ގޮހޮރާއި ފުރަމޭ (ލިވާ) ގެބައެއްކަމަށް ކުއްޖާގެ ކާފަ ބުނެފިއެވެ.
ރާއްޖެ އެމްވީއިން މީގެ ކުރިން އެ ކުއްޖާއާއި ބެހޭ މައުލޫމާތު ގެނެސްދިނީ ކުއްޖާގެ މާމަގެ ވާހަކަތަކަށް ބިނާކޮށެވެ. ކުއްޖާގެ މާމަ ޝަރީފާ ކުރިން މައުލޫމާތު ދިން ގޮތުގައި، އައިޖީއެމްއެޗުގެ ނަރުހުން ކައިރިން އެހުމުން ހަށިގަނޑުގެ ބޭރުގައި އޮތީ ހިތްކަމަށް ލަފާކުރެވޭކަމަށް ބުނިކަމަށެވެ. ރާއްޖޭގެ އެހެން ބައެއް މީޑިއާ ތަކުންވެސް މި ޚަބަރު ރިޕޯޓު ކުރުމުގައި ބުނެފައިވަނީ ބޭރަށް ނިކުމެފައިވަނީ ކުއްޖާގެ ހިތް ކަމަށެވެ.
މިވަގުތު އެކުއްޖާ އޮތް ހޮސްޕިޓަލްކަމަށްވާ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގައި ހުރި އެ ކުއްޖާގެ ކާފަ މުހައްމަދު ނަޖީބު ބުނީ އެ ކުއްޖާއާއި ބެހޭ އެއްވެސް މައުލޫމާތެއް އޭނާގެ ކައިރިން ނާހާ އާންމު ކުރުމަށް ނޭދޭ ކަމަށެވެ. އޭނާ ބުނީ ކުއްޖާގެ ދެ އޮޕަރޭޝަން ހުކުރުދުވަހު ކޮށްފައިވާކަމަށާއި ޑޮކްޓަރުން ލަފާކުރާގޮތުގައި އަދި 3 އޮޕަރޭޝަން ކުރަން ޖެހޭކަމަށެވެ.
ހުކުރު ދުވަހު ކުރި އޮޕަރޭޝަނަކީ ހިތާއި ފުރަމޭގެ ދެ އޮޕަރޭޝަނެއް ކަމަށް ނަޖީބު ބުންޏެވެ. އެއީ ކުއްޖާގެ އަސްލު އޮޕަރޭޝަން ކަމަށްވާ ބޭރަށް ފެންނަން ހުރި ގޮހޮރާއި ލިވާގެ އޮޕަރޭޝަން ކުރެވޭނީ އެ އޮޕަރޭޝަން ކުރުމަށް ފަހުގައި ކަމުގައި ވާތީ ކަމަށް ޑޮކްޓަރުން ބުނި ކަމަށް ނަޖީބު ބުންނެވެ.
ކުއްޖާގެ މޭޖާ 4 މައްސަލަ ކަމަށް ޑޮކްޓަރުން ބުނެފައިވަނީ:
- ލިވާއާއި ހިތުގެ އޮޕަރޭޝަން ( މިހާރު މިއޮޕަރޭޝަން ވަނީ ކޮށްފައި. މި އޮޕަރޭޝަންގައި ކުއްޖާގެ ހިތުގައި ހުރި ލޯވަޅުގައި ވަނީ ޕެޗު އަޅާފައި)
ކަނާތް ފަރާތު މެއިގެ ކަށިގަނޑު ހަމައަށް އުފެދިފައި ނުވުން - ކަނާތްފަރާތުގެ ލިވާ ގެ 4 ބައިކުޅަ އެއްބައި އުފެދިފައިވުން
- ވައަތް ފަރާތުގެ ލިވާގެ އެއްބަޔާއި ގޮހޮރުގެ އެއްބައިގެ އޮޕަރޭޝަން (މި އޮޕަރޭޝަން ކުރެވެނީ ނޭވާލާ ނިޒާމާއި ހިތުގެ ހިނގުން ރަނގަޅުވުމުން)
އެކުއްޖާގެ ފަރުވާއަށް އިންޑިއާއަށް ފުރާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގައެވެ.