Advertisement
ކ. މާލެ
|
20 މެއި 2017 | ހޮނިހިރު 20:13
ޒައިދުލް އަމީން ރައީސް މައުމޫން އަރިހުގައި
ޒައިދުލް އަމީން ރައީސް މައުމޫން އަރިހުގައި
ފޭސްބުކް
ޒައިދުގެ ޝަރީއަތް
ޒައިދުގެ ޝަރީޢަތް މާދަމާ އަށް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފި
ޝަރީޢަތުގައި ކުރިއަށް ދާނީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުން
ޝަރީޢަތް ކުރިއަށް ދާނީ ސިއްރުން
ޒައިދުގެ މައްޗަށް ތިން ދައުވާއެއް އުފުލާފަވޭ

ފަނޑިޔާރަކު ބްލެކްމެއިލް ކުރިމަކުގެ ތުހުމަތުގައި ހައްޔަރުކުރި މާލޭ ސިޓީކައުންސިލްގެ މެމްބަރު ޒައިދުލް އަމީނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ތިން ދައުވާގެ ޝަރީޢަތް އާދީއްތަ ދުވަހުގެ ރެ އަށް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފިއެވެ.

 

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ޒައިދުލް އަމީންގެ ގާނޫނީ ވަކީލް މަހުފޫޒް ސައީދު ވިދާޅުވީ ޒައިދުގެ ޝަރީޢަތް ތާވަލް ކޮށްފައި ވަނީ އާދީއްތަ ދުވަހުގެ ރޭ 8:00 އަށް ކަމަށެވެ.

 

މަހުފޫޒް ވިދާޅުވީ އާދީއްތަ ދުވަހުގެ ރެ އަށް ތާވަލް ކޮށްފައިވާ ޝަރީޢަތުގައު ކުރިއަށް ދާނީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުން ކަމަށެވެ. އެގޮތުން ދައުލަތުން ޒައިދާއާ ދެކޮޅަށް ތިން ހެއްކެއް ހުށަހަޅާފައިވާ ކަމަށާއި އެއީ ސިއްރު ހެކިން ކަމަށް މަހުފޫޒް ވިދާޅުވިއެވެ. އަދި ޒައިދުގެ ފަރާތުން ވެސް ތިން ހެއްކެއް ހުށަހަޅާފައިވާ ކަމަށް މަހުފޫޒް ވިދާޅުވިއެވެ. އޭގެ ތެރޭގައި ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަދި ޖޭއެސްސީގެ ރައީސް އަލީ ހަމީދު ހިމެނޭ ކަމަށް މަހުފޫޒް ވިދާޅުވިއެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޒައިދުގެ މައްޗަށް ހިންގާ ޝަރީއަތުގައި އެންމެ ފަހުން ބޭއްވި އަޑުއެހުމަށް، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި ފަނޑިޔާރު އަލީ ހަމީދު ހާޒިރުކުރުމަށް ނިންމި އެވެ. ނަމަވެސް، ޒައިދުގެ މައްޗަށް ސިއްރުކޮށްގެން ހިންގާ ޝަރީއަތުގައި ހިނގާ ކަންތައްތައް މީޑިއާއަށް ލީކުވަމުންދާތީ ފަނޑިޔާރު އަލީ ހަމީދު ހާޒިރުނުކުރުމަށް ނިންމާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

 

ޒައިދުގެ މައްޗަށް ދައުވާތައް ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވަނީ އަލީ ހަމީދުގެ އިތުރުން ސިއްރު ދެ ހެއްކަކާއި ބައެއް ލިޔެކިޔުން ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

 

ޒައިދުގެ ޝަރީއަތުގެ ތަފްސީލުތައް ހޯދުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ގުޅައިގެން ރާއްޖެއެމްވީ އިން ކުރި މަސައްކަތް ކާމިޔާބުވާގޮތް ވަނީ ނުވެފަ އެވެ. ޒައިދުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާ މަހުފޫޒް ސައީދު ވެސް ވަނީ އަޑުއެހުމާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރެއްވުމަށް އިންކާރު ކުރައްވާފަ އެވެ.

 

ޒައިދުގެ މައްޗަށް ތިން ދައުވާއެއް ކޮށް ޝަރީއަތް ހިންގަމުންދަނީ ފަނޑިޔާރު އަލީ ހަމީދު ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއް ރެކޯޑްކޮށް، އެ ތަކެތި ވިއްކަން މަސައްކަތް ކުރި ކަމަށް ބުނެ އެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ ގާނޫނީ ބާރު ހިންގުމަށް ދަތިކުރުމުގެ ދައުވާއާއި، ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާގެ އިތުރުން، ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހާމަކުރަން އުޅުމުގެ ދައުވާ އެވެ.

 

ޒައިދުގެ މައްޗަށް ގާނޫނީ ބާރު ހިންގުމަށް ދަތިކުރުމުގެ ދައުވާ ކޮށްފައިވަނީ ފަނޑިޔާރަކު ދެއްކެވި ވާހަކަތަކެއް ރެކޮޑްކޮށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެ އެވެ. ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާ ކޮށްފައިވަނީ ފަނޑިޔާރަކު ދިރިއުޅުއްވާ އެޕާޓްމެންޓަށް ގޮސް، ފަނޑިޔާރު ދެއްކެވި ވާހަކަތަކެއް ސިއްރުން ރެކޯޑް ކުރި ކަމަށް ބުނެ އެވެ. ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހާމަކުރަން އުޅުމުގެ ދައުވާ ކޮށްފައިވަނީ ފަނޑިޔާރު ދެއްކެވި ވާހަކަތަކުގެ ރެކޯޑިންގ ވިއްކަން އުޅުނު ކަމަށް ބުނެ އެވެ.

 

އެ ތިން ދައުވާއަށް ވެސް ޒައިދު އިންކާރު ކުރައްވާފައިވާއިރު، އާންމުންނާއި ނޫސްވެރިންނަށް ނުވަދެވޭ ގޮތަށް ކުރިއަށް ގެންދާ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. މި މައްސަލައާ ގުޅިގެން ޒައިދު ހައްޔަރުކޮށްފައިވަނީ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު މާލެއިންނެވެ.

 

ދެ ބައިވެފައިވާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނަށް ނިސްބަތްވާ ޒައިދު ވިދާޅުވެފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްގެން ފުލުހުން މަސައްކަތް ކޮށްފައި ވަނީ ސަރުކާރާ ދެކޮޅަށް ރައީސް މައުމޫން ސިއްރު ރޭވުންތަކެއް ރާއްވަވަމުންދާ ކަމަށް ބުނެ އޭނާގެ ފަރާތުން ބަޔާނެއް ހޯދުމަށެވެ.

 

ފެބްރުއަރީ މަހުގެ ތެރޭގައި ޒައިދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ޕީޕީއެމްގެ އޮފީހުން ގެއްލިފައިވާ ކަމަށް ބުނާ ހާޑް ޑިސްކާއި، ފުލުހުން ބޭނުންވެގެން އުޅޭ ވީޑިއޯއަކާ ގުޅޭ ގޮތުން ސުވާލުކޮށް އެ ހާޑްޑިސްކް އާއި ވީޑިއޯއެއް ވަނީ ރައީސް މައުމޫންގެ އަތްޕުޅުގައި ކަމަށް ބުނެ ބަޔާން ދިނުމަށް ފުލުހުން އެދިފައިވާ ކަމަށެވެ.

 

އެކަމުގައި އެއްބާރުލުން ނުދީފި ނަމަ "ޝުމްބާ ގޮންގް" ޖަލުގައި ޝަރީޢަތެއް ނެތި އޮންނަހެން އޭނާ ވެސް އޮންނަން ޖެހޭނީ ޖަލުގައި ކަމަށް ކިތަންމެ ފަހަރަކު ފުލުހުން ބުނެފައިވާ ކަމަށް އެ ބަޔާނުގައި ޒައިދު ވިދާޅުވެފައި ވެއެވެ.

 

ޒައިދުގެ މައްޗަށް ހިންގަމުންދާ ތަހުގީގާ ގުޅޭ އެއްވެސް މައުލޫމާތެއް މީޑިއާތަކަށް ފުލުހުން އާއްމުކޮށްފައެއް ނުވެއެވެ. ނަމަވެސް، ޒައިދުކޮށްފައިވާ ތުހުމަތުތައް ބަލާނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް