Advertisement
ކ. މާލެ
|
20 މެއި 2017 | ހޮނިހިރު 19:30
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން، ސައުދީ ރަސްގެފާނާއެކުގައި
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން، ސައުދީ ރަސްގެފާނާއެކުގައި
އަލްއަރަބިއްޔާ
ރާއްޖެ-ސައުދީ
ރަސްމީ ދަތުރުފުޅެއްގައި ރައީސް ޔާމީން ސައުދީއަށް ވަޑައިގެންފި
މިއީ، "ޢަރަބް އިސްލާމިކް އެމެރިކަން ސަމިޓް" ގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި ކުރައްވާ ދަތުރުފުޅެއް
ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރްކުރައްވާނީ މާދަމާ ހަވީރުގެ ވަގުތެއްގައި
ސަމިޓްގައި އެމެރިކާގެ ރައީސްވެސް ބައިވެރިވެވަޑައިގަންނަވާ

ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ، ސައުދި އަރަބިއްޔާއަށް ވަޑައިގެންފި އެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއްވިގޮތުގައި ރައީސް އަބްދުﷲ ޔާމީން ސައުދީއަށް ވަޑައިގެންނެވީ، މި މަހުގެ 21 ވަނަ ދުވަހު ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ޢަރަބް އިސްލާމިކް އެމެރިކަން ސަމިޓް" ގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދުގެ ދަޢުވަތަކަށެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ، ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ބާއްވާ މި ސަމިޓްގެ ބޭނުމަކީ ޓެރަރިޒަމާ ހަނގުރާމަ ކުރުމަށްޓަކައި ޢަރަބި އިސްލާމީ އުއްމަތާއި އެމެރިކާ އާ ގުޅިފައިވާ އެލަޔަންސްއެއް އުފެއްދުންކަމަށާއި، މި ސަމިޓުގައި ޢަރަބި އިސްލާމީ ލީޑަރުންނާއެކު އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް ބައިވެރިވެވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާކަމަށެވެ.

 

ރައީސުލްޖުމްހޫރިއްޔާއާއިއެކު، މި ދަތުރުފުޅުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. މުޙައްމަދު ޢާޞިމްއާއި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ނަޞީރު ބައިވެރިވެވަޑައިގަންނަވާކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.

 

މި ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ތަޤްރީރުކުރައްވާ ގޮތަށް ހަމަޖެހިފައިވަނީ 21 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް