Advertisement
ކ. މާލެ
|
29 އޯގަސްޓް 2021 | އާދީއްތަ 12:45
"އޯޓިޒަމް ކުދިންނަށް އުނގަންނައިދިނުން" އަތްމަތީ ފޮތް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމް ނެރެދެއްވަނީ
"އޯޓިޒަމް ކުދިންނަށް އުނގަންނައިދިނުން" އަތްމަތީ ފޮތް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމް ނެރެދެއްވަނީ
ރައީސް އޮފީސް
އޯޓިޒަމް ހުންނަ ކުދިންގެ ފޮތް ނެރުން
ސްޕީޗް ތެރަޕީއާއި އޮކިއުޕޭޝަނަލް ތެރަޕީގެ ދާއިރާއިން ހުޅުވާލާފައިވާ ފުރުސަތުގެ ބޭނުން ހިފުމަށް ނާއިބުރައީސް އެދިވަޑައިގެންފި
ސަރުކާރުން މިހާރުވެސް ހުޅުމާލެ ހޮސްޕިޓަލުގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއް ޤާއިމުކުރެއްވުމުގެ މަސައްކަތްކުރިއަށް ގެންދަވާ
މި ސެންޓަރުގެ އަމާޒަކީ އެ ދާއިރާއިން ބޭނުންޖެހިފައިތިބި ކުދިންނަށް އިތުރު ތަމްރީނާއި ފަރުވާއާއި މަސައްކަތްތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުން
މި ސަރުކާރުން އެއްވެސް ކުއްޖަކު ބާކީ ނުކޮށް މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި މިފަދަ ކުދިންނަށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ނައިބުރައީސް ދެއްވި

ސްޕީޗް ތެރަޕީ އަދި އޮކިއުޕޭޝަނަލް ތެރަޕީގެ ދާއިރާއިން ރާއްޖޭގެ އެކި ރަށްރަށަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ހިލޭ ސްކޮލަރޝިޕްގެ ފުރުސަތުގެ ބޭނުން ހިފުމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް އެދިވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް މިކަމަށް އެދިވަޑައިގެންނެވީ "އޯޓިޒަމް ކުދިންނަށް އުނގަންނައި ދިނުން" އަތްމަތީ ފޮތް އިފްތިތާޙުކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ މި ސަރުކާރުން އަދި ޚާއްޞަގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ ތަޢުލީމީ ދާއިރާއަށް ދެއްވާ އަހަންމިއްޔަތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެއްވެސް ކުއްޖަކު ބާކީ ނުކޮށް ސްކޫލުގައި ހުރިހާ ކުދިންނަށް ވެސް ކިޔެވޭނެ މަގުފަހިކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ. އަދި އެކަމަށްޓަކައި މިހާރުވެސް ސަރުކާރުން ސްޕީޗް ތެރަޕީ އަދި އޮކިއުޕޭޝަނަލް ތެރަޕީގެ ދާއިރާއިން ރާއްޖޭގެ އެކި ރަށްރަށަށް އަމާޒުކޮށްގެން ހިލޭ ސްކޮލަރޝިޕްގެ ފުރުޞަތު ހުޅުވާލާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖޭގެ ހުރިހާ ފަރާތްތަކުން ވެސް މިފަދަ ފުރުޞަތުތަކުގެ ބޭނުން ހިފުމަށް އެދިވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ، ސަރުކާރުން މިހާރުވެސް ހުޅުމާލެ ހޮސްޕިޓަލުގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއް ޤާއިމުކުރެއްވުމުގެ މަސައްކަތްކުރިއަށް ގެންދަވާކަމުގައި ވިދާޅުވެފައެވެ. އަދި މި ސެންޓަރުގެ ވެސް އަމާޒަކީ އެ ދާއިރާއިން ބޭނުންޖެހިފައިތިބި ކުދިންނަށް އިތުރު ތަމްރީނާއި ފަރުވާއާއި މަސައްކަތްތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ މި ސަރުކާރުން އެއްވެސް ކުއްޖަކު ބާކީ ނުކޮށް މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި މިފަދަ ކުދިންނަށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

Advertisement

އާދީއްތަ ދުވަހު ނެރެދެއްވި ފޮތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ މި ފޮތަކީ ރާއްޖޭގެ ރައްޔިތުންނަށް ދެއްވި އަގުހުރި ހަދިޔާއެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އަދި މި ފޮތުގެ ސަބަބުން ލިބިގެންދާނެ ގިނަގުނަ ފައިދާގެ މައްޗަށް ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. ހަމައެއާއެކު މި ފޮތް ތައްޔާރުކުރައްވައި ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ ޝުކުރުއަދާކުރައްވާފައެވެ.

'އޯޓިޒަމް ކުދިންނަށް އުނގަންނައި ދިނުން' އަތްމަތީ ފޮތުގައި އޯޓިސްޓިކް ކުދިން ދެނެގަންނާނެގޮތާއި، އެކުދިންގެ ފަރުވާގައި ބޭނުންކުރެވިދާނެ ކަންކަމާއި، އެކުދިން މެނޭޖްކުރުމުގައި ބޭނުންކުރެވިދާނެ އުކުޅުތަކުގެ މަޢުލޫމާތު ހިމަނާފައިވެއެވެ. މި ފޮތް ތައްޔާރުކޮށްފައިވަނީ އޯޓިޒަމް އެސޯސިއޭޝަންއަށް ދާ ކުދިން ގެންގުޅުމުގައި އެއްކޮށްފައިވާ މަޢުލޫމާތުގެ އަލީގައެވެ. އަދި މި ފޮތް ނެރުމުގެ ބޭނުމަކީ ބެލެނިވެރިންނާއި ކިޔަވައިދޭ ޓީޗަރުން އޯޓިސްޓިކް ކުދިންނަށް އުނގަންނައިދިނުމުގައި ބޭނުންކުރާނެ އުކުޅުތަކަށް މީހުން އަހުލުވެރިކުރުވުންކަމުގައި އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން ވަނީ ފާހަގަކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ އިތުރުން މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ އޯޓިޒަމް އެސޯސިއޭޝަންގައި ހިމެނޭ ބައެއްތަންތައް ބައްލަވާލައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް