އިނގިރޭސި ލީގު ކަޕުގެ ދެވަނަ ބުރުގައި ބުދަ ދުވަހުގެރޭ ދެވަނަ ޑިވިޝަނުގެ ވެސްޓް ބްރޮމްވިޗް އެލްބިއަން އަތުން ފަސޭހަކަމާއެކު އާސެނަލް މޮޅުވެއްޖެއެވެ.
ރަށުން ބޭރުގައި ކުޅުނު މެޗުން އާސެނަލް މޮޅުވީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއީ މި ސީޒަނުގައި އާސެނަލުން ހޯދި ފުރަތަމަ މޮޅެވެ. މި ސީޒަނުގައި އާސެނަލުން މީގެ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގައި ދެ މެޗެއް ކުޅުނުއިރު، އެ ދެ މެޗުންވެސް އެ ޓީމު ވަނީ ބަލިވެފައެވެ.
ބުދަ ދުވަހުގެރޭ ކުޅުނު މެޗަށް އާސެނަލް ނުކުމެފައިވަނީ ވަރުގަދަ ސްކޮޑަކާއެކުއެވެ. އަދި މި މެޗުގައި އާސެނަލުން ވަނީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެ ޓީމާ އަލަށް ގުޅުނު އިންގްލެންޑުގެ ގޯލްކީޕަރު އާރޮން ރަމްސްޑޭލް ކުޅެން އަރުވާފައެވެ. އަދި އާސެނަލުން ވަނީ މިދިޔަ ސީޒަނުގައި ލޯނު އުސޫލުން އެ ޓީމަށް ކުޅުނު، އަދި މި ފަހަރު އެއްބަސްވުން ދާއިމީކުރި ނޯވޭގެ ޒުވާން މިޑްފީލްޑަރު މާޓިން އޮޑެގާޑުވެސް މި މެޗުގައި ބޭނުންކޮށްފައެވެ.
މި މެޗުގައި އާސެނަލުން މޮޅު ކުޅުމެއް ދެއްކިއިރު، މި މެޗުގައި އެ ޓީމުގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން ވަނީ ހެޓްރިކެއް ހަަދާފައެވެ. މިއި މި ފަހަރު ސީޒަނުގައި އޮބާމަޔަން ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗެވެ. މީގެ ކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ލީގުގައި އާސެނަލުން ކުޅުނު ފުރަތަމަ މެޗު އޭނާއަށް ގެއްލުނުއިރު، ދެވަނަ މެޗުގައި ޗެލްސީއާ ދެކޮޅަށް ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.
މި މެޗުގައި ދެން އާސެނަލުން ކާމިޔާބުކުރި އަނެއް ތިން ލަނޑު ޖަހައިދިނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލަނޑު ޖެހި ނިކޮލަސް ޕެޕޭ އާއި، ދެވަނަ ހާފުގައި ލަނޑުތައް ކާމިޔާބުކޮށްދިން ބުކަޔޯ ސަކާ އަދި އަލެކްސަންޑަ ލަކަޒޭޓެވެ. މިއީ ކޮވިޑުން ރަނގަޅުވެގެން އައިސް ލަކަޒޭޓުވެސް ކުޅުނު ފުރަތަމަ މެޗެވެ.
މި މެޗުން މޮޅުވެ ލީގު ކަޕުގެ ތިންވަނަ ބުރަށް އާސެނަލް ދަތުރުކުރިއިރު، ތިންވަނަ ބުރުގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ ތިންވަނަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ އޭއެފްސީ ވިމްބަލްޑަންއާއެވެ.