ރާއްޖޭގެ ފުރަތަމަ ސްޕޭސް ޕްރޮގްރާމްގައި ދެން އޮތީ، ސެޓެލައިޓް ރޭވުމުގެ މަސައްކަތް ކަމަށް އިންސްޓިޓިއުޓް އޮފް ގްލޯބަލް ސަކްސެސް (އައިޖީއެސް)ގެ ޗެއަރމަން ރިފްޢަތު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި މި ޕްރޮގްރާމްގެ ތަފްސީލް ދެއްވަމުން ރިޕްޢަތު ވިދާޅުވީ، މި ޕްރޮގްރާމްގައި މަސައްކަތް ކުރަނީ 11 މީހުންގެ ޓީމަކުން ކަމަށެވެ. މި ޕްރޮޖެކްޓަކީ ހިލޭ ސާބަހަށް ހުރިހާ މެމްބަރުންވެސް މަސައްކަތް ކުރަމުން އަންނަ ޕްރޮޖެކްޓެއް ކަމަށެވެ. އަދި މި ޕްރޮޖެކްޓްގެމައިގަނޑު މަގުސަދަކީ ރާއްޖެއަށް ރީތި ނަން ހޯދައި ދިނުން ކަަމަށެވެ.
ރިފްޢަތު ވިދާޅުވީ، ޓީމްގައި ހިމެނޭ ކޮންމެ މެމްބަރަކީ، ޓްރެއިނިން ފުރިހަމަ ކޮށްގެން މަސައްކަތް ކުރަމުން އަންނަ މެމްބަރެއް ކަމަށާއި، ޓްރެއިނިން ކުރިއަށް ގެންދިޔައީ އެމެރިކާގެ އެހީތެރިކަމާއެކު ވަރޗުއަލްކޮށް ކަމަށެވެ.
ރިފްޢަތު ވިދާޅުވީ ޕްރޮޓޯޓައިޕް ސެޓެލައިޓެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނައިރު، ސެޓެލައިޓް ޑިޒައިންކޮށް އެއަށް ބޭނުންވާ ތަކެތި ތައްޔަރު ކުރުމުގެ މަސައްކަތް މިހާރު ޖަރުމަނުގައި ކުރިއަށްދާ ކަމަށާއި، އެ ތަކެތީގެ ކޮލިޓީ ޗެކް ކުރާނީ އެމެރިކާއިން ކަމަށެވެ. އަދި ސެޓެލައިޓް ރޭވުމުގައިވެސް އެމެރިކާގެ އެހީތެރިކަން ލިބޭނެ ކަމަށެވެ.
އައިޖީއެސް އުފެއްދުމުގެ ބޭނުމަކަށްވީ ވެސް ދުނިޔޭގެ ފެންވަރުގައި މަސައްކަތް ކުރާ ޖީލެއް ބިނާކުރުން ކަމަށާއި، ޓެކްނިކަލީ މޮޅެތި ޒުވާނުންނަށް ރާއްޖޭގައި ފުރުސަތު ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އަމާޒަކީ މިދާއިރާއަށް ޒުވާނުން ތަމްރީނު ކުރުން ކަމަށާއި، ރާއްޖޭގައި ސެޓެލައިޓެއް ލޯންޗުކުރުމަކީ ރާއްޖޭގެ ބްރޭންޑް ނަން ވެސް އުފުލިގެންދާނެ ކަމެއްކަމަށް ރިފްޢަތު ވިދާޅުވިއެވެ.
ރިފްޢަތު ވިދާޅުވީ ރާއްޖޭގައި ސްޕޭސް ޕްރޮގްރާމެއް ލޯންޗުކުރުމަކީ ވެދާނެ ކަމެއް ނޫންކަން ވަރަށް ގިނަ މީހުން ބުނަމުން އަންނަ ކަމަށާއި، މި ވާހަކައަކީ، އެހާ ސީރިއަސްކޮށް މީހުން ނަގާ ވާހަކައެއް ނޫން ކަމަށެވެ. އަދި ޕްރޮޓޯޓައިޕް ސެޓެލައިޓަށްފަހު ދެން އަމާޒަކީ، އޯބިޓޯ ސެޓެލައިޓް ކަމަށާއި, އެކަން ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
ސްފޭސް ޕްރޮގްރާމަށް ބޭނުންވަނީ ކޮން އެހީއެއްތޯ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެއްސެވި ކަމަށާއި، މި ޕްރޮގްރާމް ލޯންޗްކުރީ ރައީސްގެ އެންޑޯޒްމަންޓާއެކު ކަމަށެވެ.