Advertisement
ކ. މާލެ
|
29 އޯގަސްޓް 2022 | ހޯމަ 17:56
އިބްރާޙިމް ރިފްއަތު - އޭޖީ
އިބްރާޙިމް ރިފްއަތު - އޭޖީ
މަޖިލިސް
ކުށް ބަޔާންކުރާ ޤާނޫނުތައް
ބޮޑެތި ޖިނާއީ ކުށްތައް ފިޔަވާ އެހެން ކުށްތައް ގާނޫނުލްއުގޫބާތު ގެ ދަށުން ބަޔާން ކުރާގޮތަށް ބަދަލުކުރުމަށް ދަނީ މަޝްވަރާކުރަމުން - އޭޖީ
މައްސަލަ ބަލަން ޖެހޭ މުއްދަތު އޮންނަ ގޮތުން ދިމާވާ ގޮންޖެހުންތައް އެބަހުރި
ކުށް ބަޔާން ކުރާ މާއްދާގެ ތަފާތު ޤާނޫނުތައް ހުރުމުގެ ސަބަބުން މައްސަލަތައް ކުރިއަށްގެންދާނީ ކޮން ޤާނޫނެއްގެ ދަށުންކަން ދެނެގަތުމަށް ދަތި: ޕީޖީ
ކުށް ބަޔާން ކޮށްފައިވާ ގޮތުން ޕީޖީ އަށް ދިމާވާ މައްސަލަތައް ހައްލުކުރަން އޭޖީ އިން ދަނީ މަޝްވަރާކުރަމުން

ބޮޑެތި ޖިނާއީ ކުށްތައް ފިޔަވައި އެހެން ކުށްތައް ޤާނޫނުލްއުޤޫބާތު ގެ ދަށުން ބަޔާންކުރާ ގޮތަށް ހަމަޖެއްސުމަށް ކުރަން ޖެހޭ މަޝްވަރާތައް މިހާރު ފެށިގެން ކުރިއަށްދާކަމަށް އެޓަރނީ ޖެނެރަލް އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ބޮޑެތި ޖިނާއީ ކުށްތައް ފިޔަވައި އެހެން ކުށްތައް ޤާނޫނުލްއުޤޫބާތުގެ ދަށުން ބަޔާންކުރާ ގޮތަށް ހަމަޖައްސާދިނުމަށް އެޓަރނީޖެނެރަލްގެ އަރިހުގައި ދަންނަވާފައިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގައި ވާހަކަދައްކަވަމުން ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެފައިވާތީ، އެކަމާއި ގުޅިގެން ރާއްޖެ އެމްވީ އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ރިއްފަތު ވިދާޅުވީ ކަމާއި ގުޅޭ ފަރާތްތަކާއި އެކު އެކަމާއި ގުޅޭ މަޝްވަރާތައް މީގެ ދުވަސްކޮޅެއް ކުރިން ފަށާފައިވާ ކަމަށެވެ. އެހެންނަމަވެސް އެ މަސައްކަތަކީ ފަންނީ މަސައްކަތަކަށް ވުމުން، އެކަމާއި މެދު ކުރަން ޖެހޭ ގިނަ މަޝްވަރާތަކެއް އެބަ ހުރި ކަމަށާއި، ފުރިހަމަ ކުރަން ޖެހޭ ގިނަ ކަންތައްތަކެއްވެސް އެބަ ހުރި ކަމަށް ރިއްފަތު ފާހަގަކުރެއްވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ޖިނާއީ އަދުލާއި ގުޅުން ހުރި 37 ޤާނޫނަށް ވުރެ ގިނަ ޤާނޫނު އޮތް އިރު އޭގެ ތެރެއިން ގިނަ ޤާނޫނުތަކަކީ 2015އިގެ ކުރިން އެކުލަވާލާފައިވާ ޤާނޫނުތައްކަމަށެވެ. އެހެންކަމުން އެ ޤާނޫނުތަކަކީ ޕީނަލް ކޯޑު އެކުލަވާލުމުގެ ކުރިން އެކުލަވާލާފައިވާ ޤާނޫނުތައް ކަމަށާއި، އެ ގާނޫނުތަކުގައި އިސްލާހުކުރަން ޖެހޭ ކަންކަން އެބަހުރި ކަަމަށް ރިއްފަތު ވިދާޅުވިއެވެ.

Advertisement

ރިއްފަތު ވަނީ އެކި ދާއިރާތަކުން ޤާނޫނީ ގޮތުން ހުރި ގޮންޖެހުންތައް ހައްލުކޮށް، ޖުޑީޝަރީ އިސްލާހުކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ސަރުކާރުން ގިނަ ބިލްތަކެއް މަޖިލީހަށް ހުށަހަޅާ ފާސްކޮށްފައިވާ ކަމަށާއި އަދުލު އިންސާފުގެ ދައިރާ ހަރުދަނާ ކުރުމަށް އަދިވެސް އިތުރު ޤާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރިއްފަތު ވަނީ ފާހަގަކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން ކުށް ބަޔާން ކުރާ މާއްދާގެ ތަފާތު ޤާނޫނުތައް ހުރުމުގެ ސަބަބުން މައްސަލަތައް ކުރިއަށްގެންދާނީ ކޮން ޤާނޫނެއްގެ ދަށުންކަން ދެނެގަތުމަށް ދަތިތަކާއި ދިމާވާ ކަމަށް ޕީޖީ ޝަމީމް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ބޮޑެތި ޖިނާއީ ކުށްތައް ފިޔަވައި އެހެން ކުށްތައް ޤާނޫނުލްއުޤޫބާތުގެ ދަށުން ބަޔާންކުރާ ގޮތަށް ހަމަޖައްސާދިނުމަށް އެޓަރނީ ޖެނެރަލް އަށް ދަންނަވާފައިވާ ކަަމަށާއި، އެކަމާއި ގުޅޭ މައްސަލައެއް މަޖިލީހަށް ވެސް ހުށަހަޅުއްވާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އުތުރުން މައްސަލަތައް ބަަލަންޖެހޭ މުއްދަތު މިހާރު ކަނޑައަޅާފައި އޮންނަ ގޮތުން މައްސަލަތައް ބަލާ މުއްދަތު އެކި ގޮތްގޮތަށް މާނަކުރުމުގެ ފުރުސަތު އޮތް ކަމަށާއި އެއީ ވެސް ޕީޖީ އަށް ދިމާވާ ބޮޑު ގޮންޖެހުމެއް ކަމަށް ޝަމީމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް