ކ. މާލެ
|
25 އޯގަސްޓް 2021 | ބުދަ 15:28
އެރިކްސަންއަށް ފަރުވާދިން ވަގުތު ޑެންމާކުގެ ކެޕްޓަން ސިމޮން ކިއާ
އެރިކްސަންއަށް ފަރުވާދިން ވަގުތު ޑެންމާކުގެ ކެޕްޓަން ސިމޮން ކިއާ
ގެޓީ އިމޭޖަސް
ޔުއެފާ ރައީސްގެ އެވޯޑް
ކިއާ އާއި މެޑިކަލް ޓީމަށް ޔުއެފާ ރައީސްގެ އެވޯޑް
 
ދަނޑުމަތީ އެރިކްސަންއަށް އެންމެ ފުރަތަމަ ސީޕީއާރް ދިނީ ކިއާ
 
އޮޕަރޭޝަނެއްކޮށް އެރިކްސަނުގެ ހިތަށް ވަނީ އައިސީޑީއެއް ލައްވާފައި

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޑެންމާކުން ކުޅުނު ފުރަތަމަ މެޗުގައި ތަޖުރިބާކާރު މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ހޭނެތިގެން ދަނޑު މައްޗަށް ވެއްޓުނުއިރު، އޭނާގެ ފުރާނަ ސަލާމަތްކުރަން އެ ގައުމުގެ ކެޕްޓަން ސިމޮން ކިއާ އާއި މެޑިކަލް ޓީމުން ކުރި މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ޔުއެފާގެ ރައީސް އަލެކްސަންޑަ ޗެފެރިންގެ ހާއްސަ އެވޯޑް ދޭން ނިންމައިފިއެވެ.

ޔޫރޯގެ ގްރޫޕް ބީ ގައި ޑެންމާކާއި ފިންލެންޑް ބައްދަލުކުރި މެޗު ކުޅެމުން ދަނިކޮށް އުމުރުން 29 އަހަރުގެ އެރިކްސަން ހޭނެތިގެން ދަނޑު މައްޗަށް ވެއްޓުނީ މެޗުގެ 43 ވަނަ މިނެޓުގައެވެ. ރެފުރީ އެންތަނީ ޓެއިލާ ވަގުތުން މެޗު ހުއްޓާލައި ސިއްހީ އޮފިޝަލުން ދަނޑަށް އެރުމުގެ ކުރިން ކިއާ ވަނީ އެރިކްސަންއަށް ދަނޑުމަތީގައި ފަސްޓް އެއިޑް ދީފައެވެ. އެގޮތުން ދަނޑުމަތީ އެރިކްސަންއަށް އެންމެ ފުރަތަމަ ސީޕީއާރް ދިނީ ކިއާއެވެ.

އަދި ސިއްހީ އޮފިޝަލުން ދަނޑަށް އެރުމާއެކު ޑެންމާކު ކުޅުންތެރިންނަށް ކިއާ ވަނީ އެރިކްސަންއަށް ފަރުވާ ދެމުން އަންނަ ވަގުތު "ހިއުމަން ވޯލް" އެއް އޭނާ ވަށާލައިގެން އެޅުމަށްވެސް އިރުޝާދުދީފައެވެ. މީގެ އިތުރުން ކިއާ ވަނީ އެރިކްސަންގެ އަނބިމީހާ ދަނޑުމަތީ ރޯން ހުރުމުން، އޭނާ ހަމައަކަށް އަޅުވަންވެސް މަސައްކަތްކޮށްފައެވެ. ކިއާގެ މިއަމަލުތަކަށް އެތަށް ބަޔަކު ތައުރީފުކުރިއިރު، ކިއާއަކީ އެރިކްސަންގެ ފުރާނަ ސަލާމަތްކުރުމަށް އެންމެ އިސްދައުރެއް އަދާކުރި އެއް ކުޅުންތެރިޔާއެވެ.

އެހެންކަމުން ޔުއެފާގެ ރައީސް އަލެކްސަންޑަ ޗެފެރިން މިހާރު ވަނި ކިއާގެ އިތުރުން ދަނޑުގައި ތިބި މެޑިކަލް ޓީމުގެ ހަތަރު މެންބަރުންނާއި، ޔުއެފާއިން ކަނޑައަޅާފައި ހުރި ދަނޑުގެ ދެ މެޑިކަލް އޮފިސަރުންގެ އިތުރުން ޑެންމާކް ޓީމުގެ ދެ ޑޮކްޓަރުންނަށް ޔުއެފާ އެވޯޑް ދޭން ނިންމާފައެވެ. މި އެވޯޑް ދޭނީ ކުރިއަށް އޮތް ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ގުރުއަތުނެގުމަށް ބުރާސްފަތި ދުވަހު ބާއްވާ ހަފުލާގައެވެ.

އެރިކްސަންއަށް ދަނޑުމަތީގައި ކިއާ ފަސްޓް އެއިޑް ދެނީ - ގެޓީ އިމޭޖަސް

މީގެ ކުރިންވެސް ޔުއެފާއިންވެސް ވަނީ އެރިކްސަންގެ ފުރާނަ ސަލާމަތްކުރުމަށް ކިއާ ކުރި މަސައްކަތް ފާހަގަކޮށްފައެވެ. އެގޮތުން ޔުއެފާއިން އެ ފަހަރު ބުނީ ކިއާގެ ފަރާތުން ފެނިގެންދިޔައީ ކެޕްޓަނެއްގެ ފަރާތުން ފެންނަންޖެހޭ ލާމަސީލު ނަމޫނާއެއް ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން މެޑިކަލް ޓީމުން ދަނޑު މަތީގައި ގިނަ އިރުތަކެއް ވަންދެން އެރިކްސަންއަށް ސީޕީއާރް ދިންއިރު، އެއަށްފަހު އެރިކްސަން ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައެވެ. އެގޮތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީ ހެދި ޓެސްޓުތަކުން އެރިކްސަންގެ ހިތަށް އިމްޕްލާންޓަބަލް ކާޑިއޮވާޓާ ޑެފިބްރިލޭޓާ (އައިސީޑީ) ލައްވަން ޖެހޭކަން އެނގުމާއެކު، އޮޕަރޭޝަނެއްކޮށް ވަނީ އޭނާގެ ހިތަށް އައިސީޑީ ލައްވާފައެވެ.

އެ ހާދިސާއަށްފަހު އެރިކްސަން އަދި މިހާތަނަށް އެނބުރި ކުޅުމުގެ ތެރެއަށް އައިސްފައިނުވާއިރު، އޭނާއަށް އިޓާލިއަން ލީގުގައި ކުޅެވޭތޯ ބަލަން މިހާރު އަންނަނީ ޓެސްޓުތަކެއް ހަދަމުންނެވެ. އަދި ދާދި ފަހުން ހެދި އެރިކްސަންގެ ފުރަތަމަ ޓެސްޓުތަކުގެ ނަތިޖާ ރަނގަޅު ކަމަށް އިންޓަ މިލާނުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް