ކ. މާލެ
|
24 އޯގަސްޓް 2021 | އަންގާރަ 18:20
މޯހަން ބަގާނާއި ބަޝުންދަރާ ބައްދަލުކުރި މެޗުގެ ތެރެއިން
މޯހަން ބަގާނާއި ބަޝުންދަރާ ބައްދަލުކުރި މެޗުގެ ތެރެއިން
އޭއެފްސީ
އޭއެފްސީ ކަޕް
މެޗަކުން ބަލިނުވެ މޯހަން ބަގާން އަނެއް ބުރަށް
 
މޯހަން ބަގާނާއި ބަޝުންދަރާ އެއްވަރުވީ 1-1 ގެ ނަތީޖާއަކުން
 
މޯހަން ބަގާން ދެން ވާދަކުރާނީ އިންޓަ ޒޯން ޕްލޭއޮފް ސެމީގައި

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާއަށް ޚާއްސަ ގްރޫޕުގައި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއާ އެއްވަރުކޮށް އަނެއް ބުރަށް އިންޑިއާގެ އޭޓީކޭ މޯހަން ބަގާން ދަތުރުކޮށްފިއެވެ.

އަންގާރަ ދުވަހުގެ ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ކުރީ ކޮޅު ބަޝުންދަރާއިން ވަނީ މޯހަން ބަގާނުގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން އެ ޓީމުގެ ކެޕްޓަން ޓޯޕޯ ބަރްމަން ހުހަށްހުރެ ފޮނުވާލި ހަމަލާ މޯހަން ބަގާންގެ ޑިފެންޑަރުން ދިފާއުކުރިއިރު، އޭގެ ފަހުން ބަޝަންދުރާގެ ފޯވާޑް ރައުލް ބަސޭރާ ފޮނުވާލި ހަމަލާ ގޯލު ރޮނގުމަތިން ސަލާމަތްކުރީ މޯހަން ބަގާނުގެ ޑިފެންޑަރު ކާލް މެކްހިއުއެވެ.

އަދި މެޗުގެ 17 ވަނަ މިނެޓުގައި ބަޝުންދަރާގެ ޑިފެންޑަރުން އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި މޯހަން ބަގާންގެ ފޯވާޑް ލިސްޓަން ކޮލާސޯއަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ނުރައްކާތެރި ހަމަލާ ގޯލާ އަމާޒުނުވެ ދިޔައީ ބޭރަށެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ބަޝުންދަރާއިންނެވެ. މެޗުގެ 27 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ފެނާންޑޭސްއެވެ. އެކަމަކު މެޗުގައި ބަޝުންދަރާއަށް މައްސަލަތަކަކާއި ކުރިމަތިވީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެ ޓީމުގެ ޑިފެންޑަރު ސުޝާންޓޯ ޓްރިފޫރާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުންނެވެ.

އެއާއެކު ދެވަނަ ހާފު ފަށައިގެން މޯހަން ބަގާނުން އެޓޭކުތައް ވަރުގަދަކުރިއިރު، މެޗުގެ 61 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑު ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. ކޮލާސޯގެ އެހީތެރިކަމާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވިލިއަމްސްއެވެ. އަދި އެ ލަނޑަށްފަހުވެސް މޯހަން ބަގާނުން ވަނީ ބަޝުންދަރާގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން މެޗުގެ 71 ވަނަ މިނެޓުގައި ވިލިއަމްސްއަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެއެވެ.

މި މޮޅާއެކު މޯހަން ބަގާނުން ގްރޫޕް ޑީގެ އެއްވަނަ ހޯދިއިރު، އެ ޓީމު ދެން ވާދަކުރަން ޖެހޭނީ މި މުބާރާތުގެ އިންޓަ ޒޯން ޕްލޭއޮފް ސެމީ ފައިނަލުގައެވެ.

ގްރޫޕް ޑީގެ އެއްވަނަ މޯހަން ބަގާނުން ހޯދީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ބަޝުންދަރާއަށް ތިން މެޗުން ފަސް ޕޮއިންޓް ލިބުނުއިރު، ތިންވަނައިގައި އޮތް ބެންގަލޫރު އެފްސީއަށް ދެ މެޗުން ލިބިފައިވަނީ އެއް ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި އޮތް ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް