ތުލުސްދޫން ފުރައިގެން ލ ގަމަށް ދަތުރު ކުރަމުން ދަނިކޮށް ގެއްލިފައިވާ ކޮޅުވެއްޓި ފެނޭތޯ އެމްއެންޑީއެފުން މިހާރު ފަށާފައިވާ އޮޕަރޭޝަންގައި، ޓީއެމްއޭގެ ސީޕްލޭނަށް ކަނޑުމަތިން އޮޔާދާ ތެޔޮތަކަކާއި ލަކުޑިތަކާއި އެނޫންވެސް ބައެއް ތަކެތި ފެނިއްޖެ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބުރާހިމް އާޒިމް ވިދާޅުވީ، ކޮޅުވެއްޓި ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔަ ސީޕްލޭނަށް އެތަކެތި ފެނުނީ، އިސްދޫ މުލީގެ އުތުރުން 50 ނޯޓިކަލް މޭލު ބޭރުން ކަނޑުމަތިން އޮޔާދަނިކޮށް ކަމަށެވެ. އާޒިމް ވިދާޅުވީ އެމައުލޫމާތާއި ގުޅިގެން ކަނޑުމަގުން އެސަރަހައްދު އިތުރަށް ބެލުމަށް މިހާރު މަސައްކަތް ފަށާފައިވާކަމަށެވެ.
އާޒިމް ވިދާޅުވީ، ކަނޑުމަތިން އެތަކެތި ފެނުނީ ސީޕްލޭނަށް ކަމަށް ވުމުން އެތަކެއްޗަކީ ގެއްލިފައިވާ ކޮޅުވެއްޓި އާއި ގުޅުންހުރި އެއްޗެއްކަމެއް ނުވަތަ ނޫންކަމެއް އަދި ބުނަން ނޭނގޭ ކަމުގައެވެ.
.
ތުލުސްދޫއިން ފުރި ކޮޅުވެއްޓި ގެއްލުނީ ކޮން ސަރަހައްދަކުން ކަމެއް އަދިއެއް ނޭނގެ އެވެ. އެހެންނަމަވެސް މިދިޔަ ތިން ދުވަހު ވެސް އެ އުޅަނދުގެ ހަބަރެއް ނުވެ އެވެ.
އެމްއެންޑީއެފުން ބުނީ ކޮޅުވެއްޓި "މާރިޔާ-3"ގެ ޚަބަރެއް ނުވެގެން އެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައި ވަނީ އިއްޔެ ހަވީރު 4:16 ހާއިރު ކަމަށެވެ. ކޮޅުވެއްޓީގައި ޖުމްލަ ހަ މީހުން ތިބި ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 2 ދިވެހިންނާއި 4 ބިދޭސީން ކަމަށް ވެރިފަރާތުން ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވާކަމުގައިވެސް އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި އޮޔާދަނިކޮށް އެންމެ ފަހުން ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް، ކޮޅުވެއްޓި ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ދަނީކުރިއަށެވެ. އެގޮތުން މި އޮޕަރޭޝަނަށް ކުއްޔަށް ހިފާފައިވާ ޓީއެމްއޭގެ ސީޕްލޭނާއި ކޯސްޓްގާޑު ހެލިކޮޕްޓަރާއި ލޯންޗު ބޭނުންކޮށްގެން އެ އޮޔާދާ އެއްޗެހިތައް ބަލައި، އެ އުޅަނދާ އެއްވެސް ގުޅުމެއް ހުރިތޯ އަދި އެ ސަރަހައްދުން އެއްވެސް މީހަކު ފެނޭތޯ ބަލާނެ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.