ބަލި މީހުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދަންޖެހުމާއި، ރަށްރަށުން މާލެގެންނަންޖެހުން މަދުކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މިހެން ވިދާޅުވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި މާލެއާއި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޞިއްޙީ ޚިދުމަތް ފުޅާކުރުމަށް ކުރި މަސައްކަތަކީ ވަރަށް ކާމިޔާބު މަސައްކަތެއްކަން ފާހަގަކުރައްވާފައެވެ. އަދި ޚާއްޞަކޮށް ސަރަހައްދީ ހޮސްޕިޓަލްތަކާއި ރަށްރަށުގައި އައު ޚިދުމަތްތައް ފެށުމާއި ޚިދުމަތްތައް ފުޅާކޮށް، ޞިއްހީ ޚިދުމަތް ހޯދުމަށް މާލެއަށް ބަރޯސާވުން ކުޑަކުރުމަށް އައިޖީއެމްއެޗްއިން ލިބުނު އެއްބާރުލުމާއި ފުރިހަމަ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށްޓަކައި އެ ހޮސްޕިޓަލުގެ އިސްވެރިންނާއި މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ އައިޖީއެމްއެޗްގައި ތަޢާރަފުކުރި އައު ޚިދުމަތްތައް އިތުރަށް ފުޅާކުރުމާއި، އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކުރާ ޓާޝަރީ ހޮސްޕިޓަލްތަކާއި ސަރަހައްދީ ހޮސްޕިޓަލްތަކާ އައިޖީއެމްއެޗް ގުޅިގެން، ޞިއްޙީ ޚިދުމަތް ހޯދުމަށް ރަށްރަށުން މާލެއައުން މަދުކުރުމާއި ޞިއްޙީ ޚިދުމަތް ހޯދުމަށް ރާއްޖެއިން ބޭރަށް ދިއުން މަދުކުރެވޭނެގޮތަށް އަދިވެސް ބާރުލައި އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަމުގައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ، ޚިދުމަތް ހޯދަން އަންނަ ފަރާތްތަކާ މުއާމަލާތުކުރުމުގައި އޯގާތެރިކަން އިސްކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްކަންދިނުމަށް މުވައްޒަފުންގެ ކިބައިން އެދިވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުމުގައި އައިޖީއެމްއެޗްގެ އިސްވެރިން ވަނީ ހޮސްޕިޓަލުގެ ޚިދުމަތުގެ ފެންވަރުމަތިކުރުމާއި ޚިދުމަތް ފުޅާކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކާއި ޚިދުމަތްދިނުމުގައި ކުރިމަތިވާ ދަތިތަކާގުޅޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނާއިބާ ޙިއްޞާކުރައްވާފައެވެ. އެގޮތުން އޮންލައިންކޮށް ގިނަ ޚިދުމަތްތައް ހޯދޭނެގޮތަށް ސޮފްޓްވެއަރއަށް ގެންނަ ބަދަލުތަކާއި ޚިދުމަތް ފުޅާކުރުމަށް ކުރާ މަސައްކަތްތަކާގުޅޭ މަޢުލޫމާތާއި މުވައްޒަފުންގެ ދަތިކަމާއި އަދި މާލީގޮތުން ކުރިމަތިވާ ދަތިތައް ހޮސްޕިޓަލުގެ އިސްވެރިން ރައީސުލްޖުމްހޫރިއްޔާގެ ނާއިބާ ޙިއްޞާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ ހޮސްޕިޓަލުގެ އިސްވެރިން ފާހަގަކުރެއްވި ކަންކަން ޙައްލުކުރުމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އައިޖީއެމްއެޗްގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށްފަހު ވަނީ އައިޖީއެމްއެޗްގެ ސްޓްރޯކް ސެންޓަރާއި ސެންޓަރ ފޯ މެންޓަލް ހެލްތަށް ޒިޔާރަތްކުރައްވައި އެ ތަންތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ޚިދުމަތްދިނުމުގައި ހުރި ދަތިތަކާ ގުޅޭގޮތުން މައުލޫމާތު އޮޅުންފިލުއްވާފައެވެ.