މި އަހަރުގެ ޖުލައި މަހު ގަތަރު އެއަރވޭސްއިން އެންމެ ގިނަ އަދަދެއްގެ ފަސިންޖަރުން އުފުލާފައި ވަނީ ރާއްޖެއަށް ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ހާމަކޮށްފިއެވެ.
ރާއްޖެޓީވީގެ 'ފަށާއިރު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލް އޮޕަރޭޝަންސްގެ ޖެނެރަލް މެނޭޖަރ، އިބްރާހިމް ހުސެއިން ވިދާޅުވީ ގަތަރު އެއަރވޭސްއަކީ ރާއްޖެއަށް ދަތުރުކުރާ އެންމެ ބޮޑު އެއް އެއަރލައިން ކަމަށާއި ފާއިތުވި ޖުލައި މަހު އެ އެއަރލައިނުން ރާއްޖެއަށް އުފުލާފައިވާ ފަސިންޖަރުންނަކީ އެމަހު އެ އެއަރލައިނުން އެއް ގައުމަކަށް އުފުލި އެންމެ ގިނަ އަދަދެއްގެ ފަސިންޖަރުންކަމަށެވެ. އެގޮތުން ޖުލައި މަހު ގަތަރު އެއަރވޭސްގެ އެންމެ ހައި ޓްރެފިކެއް އޮތީ ރާއްޖެއަށް ކަމަށާއި ފަސިންޖަރުންގެ ލޯޑް ވެސް އެންމެ ބޮޑީ ރާއްޖެއަށް ކަމަށް އިބްރާހިމް ފާހަގަކުރެއްވިއެވެ.
ގަތަރު އެއަރވޭސްއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް އެއަރލައިނަށް ވާއިރު، އެ އެއަރލައިނުން ދަނީ ދުނިޔޭގެ ގިނަ ސަރަހައްދުތަކަކަށް ދަތުރުތައް ކުރަމުންނެވެ. އަދި ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލިފަހުން އެންމެ ފުރަތަމަ ރާއްޖެއަށް ދަތުރުކުރަން ފެށި އެއަރލައިންތަކުގެ ތެރޭގައި ގަތަރު އެއަރވޭސް ހިމެނޭއިރު، ދުނިޔޭގެ ބޮޑު އެއަރލައިނެއްގެ އެންމެ ލޯޑު ބޮޑު ގައުމަކަށް ރާއްޖެ ވެގެން ދިއުމަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ފަތުރުވެރިންގެެ މެދުގައި ރާއްޖެއަށް އޮތް ޑިމާންޑު އިތުރުވަމުން އަންނަ ކަމުގެ އެންމެ ބޮޑު ހެއްކެވެ.
ރާއްޖެ އަންނަ ފަސިންޖަރުންގެ އަދަދު ކޮވިޑްގެ ކުރިން އޮތް ހާލަތަށް އިތުރުވެފައިވާއިރު، އާދިއްތަ ދުވަހުވެސް 5،900ށް ވުރެ ގިނަ ފަސިންޖަރުން ވަނީ ރާއްޖެއަށް އައިސްފައެވެ. އަދި އޮގަސްޓް މަހުގެ މިހާތަނަށް ލައްކަ އަކަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.