ކ. މާލެ
|
23 އޯގަސްޓް 2021 | ހޯމަ 19:41
ބަޝުންދަރާ ކިންގްސްގެ ކޯޗު އޮސްކާ ބްރުޒޮން
ބަޝުންދަރާ ކިންގްސްގެ ކޯޗު އޮސްކާ ބްރުޒޮން
އޭއެފްސީ
އޭއެފްސީ ކަޕް
މޯހަން ބަގާން ބަލިކުރެވޭނީ ރަނގަޅު ޕްލޭނަކާއެކު: އޮސްކާ
 
ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުންވެސް މޯހަން ބަގާން ވަނީ މޮޅުވެފައި
 
މޯހަން ބަގާނާއި ބަޝުންދަރާގެ މެޗު ފަށާނީ އަންގާރަ ދުވަހު 16:00 ގައި

އޭއެފްސީ ކަޕުގެ ދެވަނަ ބުރަށް ދާން ބޭނުންވާ ކަމަށާއި، އެކަމަކު އިންޑިއާގެ އޭޓީކޭ މޯހާން ބަގާން ބަލިކުރެވޭނީ ރަނގަޅު ޕްލޭނަކާއެކު މެޗަށް ނުކުމެގެން ކަމަށް ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްގެ ކޯޗު އޮސްކާ ބްރުޒޮން ބުނެފިއެވެ.

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާއަށް ޚާއްސަ ގްރޫޕުގައި ބަޝުންދަރާއިން ކުޅުނު ފުރަތަމަ މެޗުން ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ދެވަނަ މެޗުގައި ވަނީ އިންޑިއާގެ ބެންގަލޫރު އެފްސީއާ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.

އަނެއްކޮޅުން ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުންވެސް މޯހަން ބަގާން ވަނީ މޮޅުވެފައެވެ. އެ ޓީމުން ކުޅުނު ފުރަތަމަ މެޗުން ބެންގަލޫރު އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވިއިރު، ދެވަނަ މެޗުން ވަނީ މާޒިޔާ އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

އޭއެފްސީ ކަޕުގެ ގްރޫޕް ޑީގައި މޯހަން ބަގާނާ ދެކޮޅަށް އަންގާރަ ދުވަހު ކުޅެން އޮތް މެޗުގެ ކުރިން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ވާހަކަދައްކަމުން ބަޝުންދަރާގެ ކޯޗު އޮސްކާ ބުނީ މިއީ އެ ޓީމަށް މޮޅުވާން އެންމެ އުނދަގޫ މެޗު ކަމަށެވެ. އަދި މޯހާން ބަގާނަކީ މެޗު ކޮންޓްރޯލްކޮށްގެން ކުޅުމުގެ ބަދަލުގައި ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފައި ނަތީޖާ ނެރެން ކުޅޭ ޓީމެއް ކަމަށާއި، އެހެންކަމުން ބަޝުންދަރާއިން އެކަމަށް ސަމާލުވާން ޖެހޭ ކަމަށްވެސް ބުންޏެވެ. ޚާއްސަކޮށް އެ ޓީމުން މެޗުގެ ފަހު 20 މިނެޓުގެ ތެރޭގައި ހިލޭ ޖެހުންތަކުން ނުރައްކާކުރާކަން ފާހަގަވެފައިވާ ކަމަށްވެސް އޮސްކާ ބުންޏެވެ.

އޮސްކާ އިތުރަށް ބުނީ މި މެޗަށް ނުކުންނައިރު އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ މިދިޔަ މެޗުތަކުގައި އެ ޓީމުގެ ޑިފެންސް އޯގަނައިޒްކޮށް ކުޅުން ކަމަށާއި، އެގޮތުން ބަންގްލަދޭޝް ލީގުގައި އެ ޓީމުން ކުޅުނު މެޗުތަކުގެ ތެރެއިން 12 މެޗެއް ނިންމާލީ ބައިކޮޅަށް ލަނޑެއް ނުވަދެ ކަމަށެވެ. އެކަމަކު މިއީ ފައިނަލް މެޗެއް ކަމަށާއި، އުއްމީދަކީ ޕްލޭނާ އެއްގޮތަށް މެޗުގެ ކަންކަން ދިޔުން ކަމަށްވެސް އޮސްކާ ބުންޏެވެ.

މޯހާން ބަގާނުގެ ކޯޗު އެންޓޯނިއޯ ލޮޕޭޒް ހަބާސް - އޭއެފްސީ

މި މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މޯހާން ބަގާނުގެ ކޯޗު އެންޓޯނިއޯ ލޮޕޭޒް ހަބާސް ބުނީ މި މެޗަކީ އޭނާގެ ޓީމުން ކުރިއަށްދާނެ މަގު ކަނޑައަޅާ މެޗު ކަމަށެވެ. އަދި މޯހާން ބަގާނަށް މެޗު އެއްވަރުކޮށްލައިގެންވެސް ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު އެބައޮތް ކަމަށާއި، އެކަމަކު އެއީ ފައިދާއެއް ކަމަށް ނުދެކޭ ކަމަށްވެސް ބުންޏެވެ.

މީގެ އިތުރުން ހަބާސް ބުނީ މި މެޗުން މޮޅުވާނީ ޓެކްޓިކަލް ޑިސިޕްލިން ހިފަހައްޓައިގެން ކުޅޭ ޓީމެއް ކަމަށާއި، އެހެންކަމުން މެޗުގެ 90 މިނެޓުގައިވެސް ކުޅުންތެރިން ޓެކްޓިކަލް ޑިސިޕްލިން ހިފަހައްޓަން ސަމާލުކަން ދޭން ޖެހޭ ކަމަށެވެ. އަދި ބަޝުންދަރާއަކީ ރަނގަޅަށް ޑިފެންސްކޮށްގެން ކުޅޭ ޓީމެއް ކަމަށާއި، އެ ޓީމުން އެޓޭކަށް ނުކުންނަނީ އިދިކޮޅު ޓީމުން ގޯސް ހަނދާ ދަނޑިވަޅު ބަލާފައި ކަމަށްވެސް ބުންޏެވެ. އެހެންކަމުން މޯހަން ބަގާނުން ބަޝުންދަރާގެ އެޓޭކުތަކަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށްވެސް ވަނީ ބުނެފައެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މޯހަން ބަގާނާއި ބަޝުންދަރާ ބައްދަލުކުރާއިރު، މިހާތަނަށް ކުޅުނު ދެ މެޗުންވެސް މޮޅުވެ ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓާއެކު އޮތީ މޯހާން ބަގާނެވެ. ދެވަނައިގައި އޮތް ބަޝުންދަރާއަށް ދެ މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.

އޭއެފްސީ ކަޕުގެ ގްރޫޕް ޑީގައި މޯހަން ބަގާނާއި ބަޝުންދަރާ ބައްދަލުކުރާ މެޗު ފަށާނީ އަންގާރަ ދުވަހުގެ ހަވީރު ރާއްޖެ ގަޑިން 16:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް