ރާއްޖޭގައި މިހާރު އޮތް ނިޒާމު ބަދަލު ކުރުމާއި ދޭތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ވިސްނުންފުޅު ބަދަލުނުވާ ކަަމަށާއި ރާއްޖޭގައި އޮންނާނެ ނިޒާމު ކަނޑައަޅާނީ ރައްޔިތުން ކަަމަށް ރައީސްގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މަބްރޫކް ވިދާޅުވީ ގޮތް ނިންމާނީ ރައްޔިތުން ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ. ބަރުލަމާނީ ނިޒާމަށް ތާއީީދުކޮށް އެމްޑީޕީގެ ބައެއް މެމްބަރުން ފެޓިޝަނެއް ހުށަހަޅަން ތައްޔާރުވެފައިވާއިރު އެކަމާއި ގުޅޭގޮތުން މަބްރޫކް ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ޕެޓިޝަނެއްގައި ސޮއިކުރަން ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މަރުހަބާ ވިދާޅުވާ ކަމެއް ކަމަށެވެ.
ރައީސް ސާލިހު މީގެ ކުރިން ވެސް ވިދާޅުވެފައިވަނީ ރާއްޖޭގައި އޮންނާނެ ނިޒާމެއް ކަނޑައަޅާނީ ރައްޔިތުން ކަމަށެވެ. މަބްރޫކް ވިދާޅުވީ ރައީސްގެ ހަމައެކަނި އަމާޒަކީ ވައުދުތައް ފުއްދެވުން ކަމަށެވެ.
އެމްޑީޕީގެ ބައެއް މެމްބަރުން ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތް ފަށާފައިވާއިރު ދުނިޔޭގެ ކޮންމެ ގައުމެއްގައިވެސް ވެރިކަން ކުރަން އެންމެ ރަނގަޅު ގޮތެއްގެ ގޮތުގައި ދެކެނީ ބަރުލަމާނީ ނިޒާމް ކަމަށާއި، އެއީ އަބަދުވެސް އެކަން ގަބޫލުކުރައްވާ ގޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު ވިދާޅުވީ ދުނިޔޭގެ ކޮންމެ ގައުމެއް ކަމުގައި ވިޔަސް ވެރިކަން ކުރަން އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމް ކަމަށާއި، ދިވެހިރާއްޖޭގެ ތާރީޚަށް ބަލާލިކަމުގައި ވިޔަސް ބަރުލަމާނީ ނިޒާމަކީ ދިވެހީންނާއި ބީރައްޓެހި ނިޒާމެއް ނޫން ކަމަށެވެ. ރާއްޖޭގައި ކުރިން ވެރިކަން ކުރަމުން ގެންދިޔައީ ބަރުލަމާނީ ނިޒާމަށް ކަމަށް ވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ، ރިޔާސީ ނިޒާމަކީ ދިވެހިންގެ ތެރެއަށް މިފަހަކަށް އައިސް ލިބުނު ނިޒާމެއް ކަމަށެވެ.
ރައީސް ނަޝީދު ތަފާތު އެކި ބައްދަލުވުމުގައި ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމުގެ ވާހަކަ އަންނަނީ ދައްކަވަމުންނެވެ. އެކަމަކު، އައު ގާނޫނު އަސާސީ އެކުލަވާލިއިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ކުރެއްވި ރައީސް ސާލިހު ވިދާޅުވީ، ގާނޫނު އަސާސީ އެކުލަވާލިއިރުގައި ނިޒާމުގެ ވާހަކައަކީ ރައްޔިތުން ކައިރިއަށް ގޮސް ރައްޔިތުންގެ އަޑު އަހައިގެން ނިންމާފައި އޮތް ނިންމުމެއް ކަމަށާއި، ބަރުލަމާނީ ނިޒާމެއް ގެނައުމާއި މެދުވެސް ގޮތެއް ނިންމާނީ ރައްޔިތުން ކަމަށެވެ.
ރައީސް ނަޝީދު ވަނީ އެމްޑީޕީ ގައުމީ މަޖިލީހުގައި ވާދަކުރާ ކެނޑިޑޭޓުންގެ ތެރެއިން އެމަނިކުފާނުގެ ތާއީދު ލިބޭނީ ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރައްވާ ކެނޑިޑޭޓުންނަށް ކަމަށް ވިދާޅުވެފައެވެ.