މާލެއަތޮޅު ތުލުސްދޫން 6 މީހުންނާއެކުފުރި ކޮޅުވެއްޓިއެއް ގެއްލިގެން ހޯދަމުންދާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ ސެނޮކް ޕްރައިވެޓް ލިމިޓެޑުން އެމީހުންގެ ކޮޅުވެއްޓިއެއް ފުރިފަހުން ޚަބަރެއް ނުވެގެން ރިޕޯޓްކޮށްފައިވާ ކަމަށާއި އެކޮޅުވެއްޓި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ކޯސްގާޑް ރަންއިން ކުރަމުންދާ ކަމަށެވެ.
އާޒިމް ވިދާޅުވީ 168 ފޫޓްގެ މާރިޔާ 3 ނަަމަކަށް ކިޔާ މި ކޮޅުވެއްޓި ދަތުރަށް ފަށާފައިވަނީ 6 މީހުންނާއެކު ކަމަށާއި އެއީ ބިދޭސީ 4 މީހުންނާއި ދިވެހި ދެމަފިރިން ކަމަށެވެ.
އާޒިމް ވިދާޅުވީ އެކޮޅުވެއްޓި ދަތުރުކުރަމުން ދިޔައީ މާލެއަތޮޅު ތުލުސްދޫއިން ލ އަތޮޅު ތުނޑިއަށް ކަމަށެވެ. އަދި އެ ކޮޅުވެއްޓިއާ އެންމެ ފަހުން ގުޅިފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ 21:30 ގައި ކަމަށެވެ. އަދި އެ ކޮޅުވެއްޓީގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރު 4:16 ގަި ކަމަށް އާޒިމް ވިދާޅުވިއެވެ.
އެމްއެންޑީއެފުން ބުނީ އެކޮޅުވެއްޓިއަކީ ހަލްގައި ފެހިކުލައިގެ ދަވާދު ލާފައިވާ ކޮޅުވެއްޓިއެއެް ކަމަށެވެ.