ކ. މާލެ
|
15 އޯގަސްޓް 2021 | އާދީއްތަ 23:21
އަފްޣާނިސްތާނުގައި ޙަރަކާތްތެރިވަމުންދާ ޠާލިބާން ހަނގުރާމަވެރިން
އަފްޣާނިސްތާނުގައި ޙަރަކާތްތެރިވަމުންދާ ޠާލިބާން ހަނގުރާމަވެރިން
ރޮއިޓަރސް
ޠާލިބާނުން އަފްޣާނިސްތާނަށް ވެރިވެގަތުން
ޠާލިބާނުންނަކީ ކޮން ބައެއް؟
 
މިކަންކަމަށް ބައިނަލްއަޤުވާމީ މަސްރަޙުގެ ސަމާލުކަންވެސް ދިޔައީ ލިބެމުން
 
1995 ވަނަ އަހަރު ހެރަތު ޕްރޮވިންސް އެމީހުންގެ ފުރިހަމަ ބާރުގެ ދަށަށް ގެންދިޔަ
 
ޠާލިބާނުން ގެންގުޅެމުންދިޔަ ހަރުކަށި އުސޫލުތައް އަފްޣާނިސްތާނުގެ ސަރުކާރަށް ބަލައެއްނުގަނެވުނު

ޠާލިބާނުންނަކީ 1990ގެ އަހަރުތަކުގައި އުތުރު ޕާކިސްތާނު ހިސާބުން އުފެދުނު ޖަމާއަތެކެވެ. ނަމަވެސް ޠާލިބާނުންނަކީ ޕާކިސްތާނުން އުފެއްދި ޖަމާޢަތެއްކަމަށް އެ ޤައުމުން ދެކޮޅު ހަދައެވެ. އެ ދުވަސްވަރަކީ އަފްޣާނިސްތާނުގައި ޙަރަކާތްތެރިވަމުން ދިޔަ ސޯވިއެޓް ސިފައިން އެ ޤައުމުން ބޭރުވަމުން ދިޔަ ދުވަސްވަރެވެ. އޭރު ޠާލިބާނުން އުފެދިގެން ދިޔައީ އަމާންކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި، ބާރު ލިބުމުން އިސްލާމީ ޝަރީޢަތް ޤާއިމު ކުރާނެކަމަށް ބުނަމުންނެވެ. އޭރު އަފްޣާނިސްތާނުންވެސް ޠާލިބާން ޖަމާޢަތް ބަލައިގަތެވެ. ވަކިން ޚާއްސަކޮށް ކޮރަޕްޝަނާ ދެކޮޅަށް ޠާލިބާނުން ކުރަމުން ދިޔަ މަސައްކަތްތަކާއި، ގެންނަމުންދިޔަ ޢުމްރާނީ ތަރައްޤީގެ ސަބަބުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޠާލިބާނުންގެ ސަޕޯޓު ދިޔައީ އިތުރުވަމުންނެވެ.

ނަމަވެސް ކަންކަން ގޯސްވާން ފެށީ ޠާލިބާނުން ގެންގުޅެމުންދިޔަ އުސޫލުތައް އަފްޣާނިސްތާނުގެ ސަރުކާރަށް ބަލައިނުގަނެވުނު ހިސާބުންނެވެ. އެގޮތުން މަރަށް މަރު ހިފުމާއި، ވައްކަން ކުރާ މީހުންގެ އަތް ކެނޑުން ފަަދަ ކަންކަން ތަންފީޒު ކުރުމަށް ކުރި މަސައްކަތް އެއީ އަފްޣާނިސްތާނަށް ބަލައިގަނެވުނު ކަމަކަށް ނުވިއެވެ. މީގެ އިތުރުން ވެސް ފިރިހެނުން ތުނބުޅި ބެހެއްޓުން ލާޒިމުކޮށް އަންހެން ކުދިން ބުރުގާ އެޅުން މަޖުބޫރު ކުރުވުމާއި، ޓީވީ މަނާކޮށް، ސިނަމާތައް ބަންދުކުރުމުގެ އިތުރުން، އުމުރުން 10 އަހަރުން މަތީގެ އަންހެން ކުދިން ސްކޫލަށް ނުފޮނުވުމަށް ޠާލިބާނުން އޭރު ދިޔައީ ގޮވާލަމުންނެވެ. މިކަންކަމަށް ބައިނަލްއަޤުވާމީ މަސްރަޙުގެ ސަމާލުކަން ވެސް ދިޔައީ ލިބެމުންނެވެ. ދުނިޔޭގެ ޤައުމުތަކުގެ ލޯތައް ދިޔައީ އަމާޒުވަމުންނެވެ.

ދުވަސްވީ ވަރަކަށް ޠާލިބާނުން ގެންދިޔައީ އެ ޖަމާޢަތުގެ ބާރު ގަދަކުރަމުންނެވެ. އެގޮތުން 1995 ވަނަ އަހަރު ޠާލިބާނުން ވަނީ އަފްޣާނިސްތާނުގެ ހެރަތު ޕްރޮވިންސް އެމީހުންގެ ފުރިހަމަ ބާރުގެ ދަށަށް ގެންގޮސްފައެވެ. އަދި އޭގެ އެއް އަހަރު ފަހުން އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް ވެސް އެމީހުންގެ ބާރުގެ ދަށަށް ގެންދިޔައެވެ. އޭރު އެ ޤައުމުގެ ވެރިއަކަށް ހުންނެވި ބުރްހާނުއްދީން ރައްބާނީގެ ޒަޢާމަތު ނިމުމަކަށް އައީ އެހިސާބުންނެވެ.

1998 ވަނަ އަހަރާ ހިސާބަށް އައިއިރު ޠާލިބާނުން އޮތީ ގާތްގަނޑަކަށް އަފްޣާނިސްތާނުގެ 90 އިންސައްތަ ސަރަޙައްދުތައް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އޭރު ޕާކިސްތާނާއި ޠާލިބާނުންނާއި މެދުވެސް ހަމަނުޖެހުންތައް އުފެދެމުން ދިޔައެވެ. އެގޮތުން ޕާކިސްތާނުގެ މަލާލާ ޔޫސުފްޒާއީއަށް ދިން ޙަމަލާއަކީ އޭގެ ތެރެއިން ފާހަގަކޮށްލެވޭ ޙަމަލާއެކެވެ. ނަމަވެސް އޭގެ ދެ އަހަރު ފަހުން މަޑުމަޑުން ޕާކިސްތާނުގައި ވެސް ޠާލިބާނުންގެ ބާރު ކެނޑެމުން ދިޔައެވެ.

ދުނިޔޭގެ މަސްރަހުގައި ޠާލިބާނުންގެ ނަން އެންމެ ބޮޑަށް ފާހަގަވެގެން ދިޔަ އެއް ކަމަކީ ވޯރލްޑް ޓްރޭޑް ސެންޓަރު ގޮއްވާލުމުގެ ޙަމަލާގެ މައި ސަސްޕެކްޓުން ކަމަށްވާ އަލްޤައިދާއަށް ޠާލިބާނުން ޙިމާޔަތް ދިންކަމަށް ރިޕޯޓު ކުރި ހިސާބުންނެވެ. އެގޮތުން އުސާމާ ބިން ލާދިންއަށް ޠާލިބާނުން ޙިމާޔަތް ފޯރުކޮށްދީފައިވާކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރެއެވެ.

އަފްޣާނިސްތާނުގައި ހިންގަމުން އައި ޠާލިބާނުންގެ ވެރިކަން އެމެރިކާގެ އެހީއާއެކު ވައްޓާލީ 2001 ވަނަ އަހަރުއެވެ. އޭރު ޠާލިބާނުންގެ ލީޑަރަކަށް ހުންނެވީ މުއްލާ މުޙައްމަދު ޢުމަރެވެ. ނަމަވެސް އޭނާ އާލާސްކަންފުޅެއްގައި އަވަހާރަވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އޭގެ ފަހުން އަފްޣާނިސްތާނުގައި ޠާލިބާނުންގެ އަތް ގަދަކުރުމަށް ދޭތެރެ ދޭތެރެއިން ގެންދަނީ ޙަމަލާތައް ބަދަލު ކުރަމުންނެވެ. އެގޮތުން 2013 ވަނަ އަހަރު ހިނގި އެފަދަ ހަމަނުޖެހުމެއްގައި އެމެރިކާގެ ސިފައިން ވަނީ ޠާލިބާނުންގެ އޭރުގެ ލީޑަރަކަށް ހުންނެވި ޙަކީމުއްﷲ މަޙްސޫދު އަވަހާރަކޮށްލާފައެވެ.

ޠާލިބާނުގެ ކުރީގެ ލީޑަރު ޙަކީމުﷲ މަޙްސޫދު - އޭއެފްޕީ

މުއްލާ މުޙައްމަދު ޢުމަރަށްފަހު ޠާލިބާނުންގެ ލީޑަރަކަށް ވަޑައިގެންނެވީ ޢުމަރުގެ ޑެޕިއުޓީއަކަށް ހުންނެވި މުއްލާ މަންޞޫރެވެ. ނަމަވެސް އެމެރިކާ ސިފައިން ވަނީ ޑްރޯން ޙަމަލާއެއްދީ 2016 ވަނަ އަހަރު މުއްލާ މަންޞޫރު ވެސް އަވަހާރަކޮށްލާފައެވެ. އޭގެ ފަހުން ޠާލިބާނުންގެ ލީޑަރަކަށް ވަޑައިގެންނެވީ މުއްލާ މަންޞޫރުގެ ޑެޕިއުޓީއެއްކަމަށްވާ މައުލާވީ ހިބާތުﷲ އަޚުންޒަދާއެވެ. މިހާރު ވެސް ޠާލިބާނުންގެ ވެރިއަކަށް ހުންނެވީ އޭނާއެވެ.

ޠާލިބާނުންނާއި އެމެރިކާއިން ވަނީ 2018 ވަނަ އަހަރު ސުލްޙައިގެ މަޝްވަރާތަކެއް ކޮށްފައެވެ. އަދި 2020 ވަނަ އަހަރު ދޯހާގައި އޮތް ބައްދަލުވުމެއްގައި ދެފަރާތުން ވަނީ ސުލްޙައިގެ އެއްބަސްވުމުގައި ސޮއި ވެސް ކޮށްފައެވެ. އޭރު އެމެރިކާއިން ވަނީ އެ ޤައުމުގެ ސިފައިން އަފްޣާނިސްތާނުން ބާލާނެކަމަށް އެއްބަސްވެފައެވެ. އަދި ޠާލިބާނުން ވަނީ އެމެރިކާ ސިފައިންނަށް ޙަމަލާ ނުދިނުމަށް އެއްބަސްވެފައެވެ. ނަމަވެސް ޠާލިބާނުން ވަނީ އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކަށް އަމާޒުކޮށް ޙަމަލާ ދިނުމުގެ އިތުރުން، އެ ޤައުމުގެ އާންމުންނަށްވެސް އެކި ކަހަލަ ޙަމަލާތައް ދީފައެވެ.

ކާބުލްގައި ޑިޕްލޮމެޓިކް މިޝަންތައް ހުންނަ ސަރަހައްދުގައި އެއްޗެއް ގޮއްވާލުން - އޭޕީ

ގާތްގަނޑަކަށް 20 އަހަރުގެ ހަމަނުޖެހުންތަކަށްފަހު އެމެރިކާއިން މިވަނީ އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ އެމެރިކާ ސިފައިން އެ ޤައުމުން ބާލަން ފަށާފައެވެ. އެއާއެކު، ޠާލިބާނުންގެ ބާރުވެސް އިތުރަށް ވަރުގަދަވެ އެންމެ ފަހުން ޠާލިބާނުން މިވަނީ އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްއަށް އަރައި، އެ ޤައުމުގެ ރިޔާސީ ގަނޑުވަރުވެސް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. މިހާރު ޠާލިބާނުންގެ ބާރު އެތައް ގުނައަކަށް އިތުރުވެފައިވާއިރު، ލައްކައަކާ ގާތްކުރާ އަދަދަކަށް މި ޖަމާޢަތުގައި ހަނގުރާމަވެރި ސިފައިން ޙަރަކާތްތެރިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އަފްޣާނިސްތާނުގެ ޙާލަތު ގޯސްވެފައިވާއިރު، އެ ޤައުމުގެ ރައީސް އަޝްރަފް ޣަނީވެސް ވަނީ ޤައުމު ދޫކުރައްވައި ވަޑައިގެންފައެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންވެސް ވަނީ ޣަނީއަށް އަމާޒުވެފައެވެ. ރިޕޯޓުތައް ބުނާގޮތުން އޭނާ ވަޑައިގަތީ ތަޖިކިސްތާނަށެވެ.

ބީބީސީގެ ނޫސްވެރިއެއް ކަމަށްވާ ޔަލްދާ ޙަކީމްއާ ޙަވާލާދީ އެ ނޫހުގެ ލައިވް ބްލޮގްގައި ރިޕޯޓު ކޮށްފައިވާ ގޮތުން ތާލިބާނުންގެ އޮފިޝަލަކު ވަނީ އަފްޣާނިސްތާނުގެ ރައްޔިތުންނާއި އެމީހުންގެ މުދަލަށް ގެއްލުމެއް ނުދޭނެކަމަށް ބުނެފައެވެ. އަދި ޠާލިބާނުންނަކީ ރައްޔިތުންނަށް ޚިދުމަތް ކޮށްދޭނެ ބައެއްކަމަށް އޭނާ ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
16%
54%
4%
12%
4%
10%
ކޮމެންޓް
16 އޯގަސްޓް 2021 | ހޯމަ 01:59
ނަޝީދު
އެހެންވީމަ ކަލޭ ދެކޭގޮތުގަ މަރައް މަރު ހިފުމާ ވައްކަން ކުރީމަ އަތް ބުރިކުރުން އެއީ ހަރުކަށިވުން ދޯ؟ އިސްލާމީ ޝަރިއަތް އެއީ ކަލޭ ގަބޫލު ކުރާ އެއްޗެއް ކަމެއް މި ލިޔުމުގަ ފާހަގަ ކޮއްލަން ވެސް ނުކެރުނީތަ؟