ކ. މާލެ
|
14 އޯގަސްޓް 2023 | ހޯމަ 16:14
ނަފްސާނީ ބަލިމަޑުކަމާއެކު ތާލިބާނުންގެ ގޮށްމުށުގެ ބާރު އަފްޣާނިސްތާނުގައި
ތާލިބާނުންގެ މުށް ބާރު އަފްޣާނިސްތާނު
ނަފްސާނީ ބަލިމަޑުކަމާއެކު ތާލިބާނުންގެ ގޮށްމުށުގެބާރު، އަފްޣާނިސްތާނުގައި...
 
ތައުލީމު ހާސިލުކުރެވޭނެ މަގުތައް ޚުޝީއަށް ބަންދުވި ހިސާބުން އޭނާގެ ދުނިޔެ ވަށާލީ ޑިޕްރެޝަންގެ ތޫފާނީ ބަނަކަން

ކުރެހުމުގެ ދުނިޔެއަށް ޚުޝީ ތައާރަފުވީ މީގެ ދޮޅުމަހެއްހާ ދުވަސް ކުރިންނެވެ. މިއަދު، ކުރެހުމަކީ ޚުޝީ އެންމެ ލޯބިކުރާ އެއް ކަންތަކެވެ.

ގޭގައި އުޅޭއިރު ހުސް ވަގުތެއް ލިބޭއިރަށް، އޭނާގެ ކުލަ ގަލަންތައް ހިފައިގެން އިށީނދެ، ކުރަހަން ފަށައެވެ. ޚުޝީ ބުނާގޮތުގައި ކުރެހުމަކީ އޭނާއަށް ހިތްހަމަޖެހުން ލިއްބައިދޭ ކަމެކެވެ. އެއީ ކަމެއް ހާސިލުވާކަމުގެ އިހުސާސް ގެނެސްދީ، އަމިއްލަ ނަފުސަށް އޮންނަ އިތުބާރުވެސް ބޮޑުކޮށްދޭ ކަމެއް ކަމަށް ޚުޝީ ބުނެއެވެ.

ޚުޝީއަކީ އަފްޣާނިސްތާނަށް ނިސްބަތްވާ، އުމުރުން 19 އަހަރުގެ ޒުވާން އަންހެން ކުއްޖެކެވެ. ތާލިބާނުންގެ ހަރުކަށި ވެރިކަމެއް ހިންގަމުން އަންނަ އަފްޣާނިސްތާނުގައި އަދުގެ ހާލަތު އޮތް ގޮތުން، އޭނާގެ ސަލާމަތަށްޓަކައި މީޑިއާއަށް އާންމުކޮށްފައި ވަނީ 'ޚުޝީ' މިނަން އެކަންޏެވެ. އަފްޣާނިސްތާނުގެ ޔުނިވަރސިޓީގެ ދޮރުތައް އަންހެން ދަރިވަރުންނަށް ބަންދުކުރުމަށް މިދިޔަ އަހަރު ތާލިބާނުން ޢަމުރު ނެރުނުއިރު، ޚުޝީ ތައުލީމު ހާސިލުކުރަމުން ދިޔައީ އުތުރު ބަލްޚް ޕްރޮވިންސްގެ މައި ޔުނިވަރސިޓީގައެވެ. ފުރިހަމަ ކުރަމުން ދިޔައީ ލޯ އެންޑް ޕޮލިޓިކަލް ސައެންސް ޑިގްރީގެ ދެވަނަ އަހަރެވެ.

ތާލިބާނުންގެ ހަރުކަށި ނިންމުންތަކާއެކު ތައުލީމު ކުރިއަށް ގެންދެވޭނެ މަގުތައް ޚުޝީއަށް ބަންދުވި ހިސާބުން އޭނާގެ ދުނިޔެ ވަށާލީ ޑިޕްރެޝަންގެ ތޫފާނީ ބަނަ އަނދިރިކަމެވެ.

އަންހެން ކުދިންނަށް ޔުނިވަރސިޓީތަކަށް ނުދެވޭނެކަމާ، ކިޔެވުން ކުރިއަށް ނުގެންދެވޭނެ ކަމަށް ތާލިބާނުން އިއުލާންކުރީމަ އަހަރެން ވަރަށް ދެރަވި. ދުވަހެއް ދުވަހަކަށް، އަހަރެންގެ ނަފުސާނީ ބަލިހާލަތު ދިޔައީ ގޯސްވަމުން. ވަރަށް ބޮޑަށް މާޔޫސްވި. ދެން، އެންމެފަހުން ނިންމީ ސައިކޭޓްރިސްޓެއްގެ އެހީ ހޯދަން، މިކަމުން ސަލާމަތްވާން.
ޚުޝީ؛ ނަފްސާނީ ބަލި ތަހައްމަލުކުރާ އަފްޣާން ޒުވާނެއް

ނޫކުލައިގެ ބުރުގާއެއް އަޅައިގެން ކޮއްޓެއްގެ ތެރޭގައި ބަންދުވެފައި އިން އަންހެން ކުއްޖެއްގެ ތަސްވީރު ކުރަހަން އިން ޚުޝީ ކިޔައިދިން ގޮތުގައި، އޭނާއަށް ކުރެވެމުން ދިޔައީ ކޮއްޓެއްގައި ބަންދުކޮށްފައި އިން ދޫންޏަކަށްވެސް ކުރެވޭނެ ފަދަ އިހުސާސެކެވެ.

އަހަރެންގެ ނަފުސާނީ ބަލިހާލަތު މާ ރަނގަޅު ނޫންކަން އެނގުނު ހިސާބުން އަހަރެން ވަރަށް ދެރަވި. އަހަރެންގެ އާއިލާވެސް އެކަމާ ހިތާމަކުރި. އަހަންނަކަށް އެއްވެސް އުފަލެއް ނުލިބޭ. އަބަދުވެސް މާޔޫސްވެފަ އިނދެވެނީ. ކޮއްޓެއްގަ ބަންދުކޮށްފަ އިން ދޫންޏެއްގެ އިހުސާސް ކުރެވެމުން ދިޔައީ. ހުރިހާ އުފަލެއް ގެއްލިފަ އިން ކަމުގެ އިހުސާސް ކުރެވެމުން ދިޔައީ.
ޚުޝީ؛ ނަފްސާނީ ބަލި ތަހައްމަލުކުރާ އަފްޣާން ޒުވާނެއް

އަފްޣާނިސްތާނުގެ ޔުނިވަރސިޓީތަކުގައި އަންހެން ދަރިވަރުންނަށް ތައުލީމު ހާސިލު ނުކުރެވޭ ގޮތަށް ތާލިބާނުން ކަނޑައެޅީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެކަމާ ދެކޮޅަށް އަފްޣާނިސްތާނުގައި މުޒާހަރާވެސް ކުރިއެވެ. އޭރު، އަފްޣާނިސްތާނުގައި އަންހެން ކުދިންނަށް ކިޔަވައިދޭ ހައި ސްކޫލްތައްވެސް ވަނީ ބަންދުކޮށްފައެވެ. އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތުގައި އަންހެނުންނަށް ހަރަކާތްތެރި ނުވެވޭނެ ކަމަށްވެސް ތާލިބާނުން ކަނޑައެޅިއެވެ.

އޭނާއަށް ކުރިމަތިވަމުން ދިޔަ ނަފްސާނީ ނުތަނަވަސްކަމަށް ލިޔެއް ހޯދުމަށްޓަކައި ސައިކޭޓްރިސްޓެއްގެ އެހީތެރިކަން ހޯދަން ޚުޝީ ފެށީ އޭނާގެ އާއިލާގެވެސް ބާރުއެޅުމާ އެކުގައެވެ. މަހަކު 2 ފަހަރު ސައިކޭޓްރިސްޓާ ބައްދަލުކުރެއެވެ. ނަފްސާނީ ބައްޔަށް ބޭސް ބޭނުން ކުރެއެވެ. ޑޮކްޓަރުގެ އިރުޝާދުގެ ދަށުން، ހަފުތާއަކު 6 ދުވަހު، ކުރަހަން ޚާއްސަ ކުލާހަކަށްވެސް ދެއެވެ.

ސަލާމަތީ ސަބަބުތަކަކަށްޓަކައި، ޚުޝީގެ ޑޮކްޓަރުގެ ވަނަވަރެއްވެސް މީޑިއާއަށް ހާމަކޮށްފައެއް ނުވެއެވެ. ޚުޝީގެ ޑޮކްޓަރު ވިދާޅުވިގޮތުގައި، ތާލިބާނުންގެ މުށުތެރެއަށް އަފްޣާނިސްތާނު ގެންދިއުމުގެ ކުރިން ދުވާލެއްގެ މައްޗަށް އޭނާ ފަރުވާ ދެނީ 4 ނުވަތަ 5 ޕޭޝަންޓުންނަށެވެ. ނަމަވެސް މިހާރު ދުވާލެއްގެ މައްޗަށް 10އާ 15އާ ދެމެދު އަދަދެއްގެ ޕޭޝަންޓުން ބަލަންޖެހޭ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. އަންހެން ކުދިންނަށް ޔުނިވަރސިޓީތަކަށް ނުދެވޭ ގޮތަށް ތާލިބާނުން ނިންމުމާއެކު ޕޭޝަންޓުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ދިޔަކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ޚުޝީގެ ޑޮކްޓަރު ވިދާޅުވިގޮތުގައި، އޭނާގެ ގާތުން ފަރުވާ ހޯދާ އަންހެން ޕޭޝަންޓުންގެ ތެރޭގައި ގިނައީ ޑިޕްރެޝަންގެ ކޭސްތަކެވެ. ކުރެހުމަށް ޚާއްސަކޮށްގެން ކުލާސްތަކެއް ކުރިއަށް ގެންދިއުމުގެ ސަބަބުން، ޕޭޝަންޓުންގެ ދިރިއުޅުމަށް ހިސާބެއްގެ އަލިކަމެއް ލިބޭކަމާއި، އެއީ އަދި ތާލިބާނުން ހުއްދަ ދީފައި އޮންނަ ކަމެއްކަން ޑޮކްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަން ކުރަންފެށި ފަހުން، އަންހެނުންނާ ދެކޮޅަށް ވަރަށް ގިނަ ހުރަސްތައް އަޅަމުން އެބަދޭ. ޔުނިވަރސިޓީތަކާ، ޕާކުތަކަށް ދިއުން މަނާކޮށް، ސެލޫންތައްވެސް ބަންދުކޮށްފި. އަންހެނުންނަށް ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނެތް. އަހަރެމެންގެ ޕޭޝަންޓުން އެހީއެއް ދެވެން އޮތް ހަމައެކަނި ތަނަކީ މި އާރޓް ސްޓޫޑިއޯތައް. ބޯ ހަމަޖައްސާލާ، ސިކުނޑި ތާޒާކޮށްލާ ހަދަން އަންހެން ކުދިންނަށް އޮތް ހަމައެކަނި ތަނަކީ މީ. ކުރީގެ ރަހުމަތްތެރިންނާ ބައްދަލުކޮށްލާ، އާ ރަހުމަތްތެރިން ހޯދުމުގެ އިތުރުން، އާ ހުނަރެއްވެސް އެބަ ދަސްކުރެވޭ މިތަނުން.
ޚުޝީގެ ޑޮކްޓަރު

ބަލްޚްގެ ވެރިކަންކުރާ މަޒާރީ ޝަރީފުގައި ހިންގާ ކުޑަކުޑަ އާރޓް ސްޓޫޑިއޯގައި ޚުޝީފަދަ ޒުވާން އެތައް އަންހެން ކުދިންނެއް ތިއްބެވެ. އޭގެ ތެރޭގައި ގިނައީ، ނަފްސާނީ ބަލިތަކަށް ފަރުވާދޭ ޑޮކްޓަރުންގެ ލަފައާއެކު އެތަނަށް ގޮސް ތިބި ޒުވާނުންނެވެ. އެއީ އެކަހެރިކަމުން ގެނުވާ މާޔޫސްކަން ކުޑަކޮށް، އާ ހުނަރެއް ދަސްކުރުމުގެ ބޭނުމުގައެވެ. ޚުޝީގެ ވާހަކަތަކުންވެސް އެކަން ހާމަވެއެވެ.

މި އާރޓް ސްޓޫޑިއޯއަށް އައިއިރު މަށަކީ ޑިޕްރެޝަންގެ ތަކުލީފުތައް އުފުލަމުންދިޔަ މީހެއް. މިހާރު އެކަމަކު ވަރަށް ރަނގަޅު. މިތަނަށް އަންނަން އިރުޝާދު ދިނީ އަހަރެންގެ ޑޮކްޓަރު. އާރޓް ތެރަޕީއަކީ އަހަރެންގެ ފަރުވާގެ ބައެއް. ޑޮކްޓަރުގެ ލަފަޔާއެކު މިތަނަށް ވަނީ. ކުރިއާ ބަލާއިރު ވަރަށް ރަނގަޅުވޭ އެބަ. އުޅެން ޖެހުނު ގޮތުން، ދިރިއުޅުމާމެދު މާޔޫސްވި. އެކަމަކު، އަހަރެން ދެން ދުލެއް ނުދޭނަން. ފަހެއް ނުޖެހޭނަން. ކުރިއަށް ދާން ހަނގުރާމަ ކުރާނަން. މުސްތަގުބަލު އުޖާލާވެގެން ދިއުން އުއްމީދަކީ.
ޚުޝީ؛ ނަފްސާނީ ބަލި ތަހައްމަލުކުރާ އަފްޣާން ޒުވާނެއް

ސިއްހީ ޚިދުމަތް ދޭ އިދާރާތަކުން އަންދާޒާކުރާގޮތުގައި، އެތައް އަހަރަކަށް ދިގުލާ ގޮސްފައިވާ ހަނގުރާމައާއި ހަމަނުޖެހުންތަކުގެ ސަބަބުން، އަފްޣާނިސްތާނުގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަކީ ނަފްސާނީގޮތުން ނުތަނަވަސްކަން ތަހައްމަލު ކޮށްފައިވާ މީހުންނެވެ. ނަފްސާނީ ބަލީގެ ފަރުވާއާ ގުޅޭ ޚިދުމަތްތަކަކީވެސް އަފްޣާނިސްތާނުގައި ތަދު ފަރުވާއެއްކަން ފާހަގަކުރަން ޖެހެއެވެ. ނަފްސާނީ ބައްޔަށް ފަރުވާ ދެއްވާ ޑޮކްޓަރުންގެ ތެރޭގައި، އިތުބާރުހިފޭ ޑޮކްޓަރުންގެ އަދަދު މަދެވެ. މަސައްކަތުގެ މައިދާނުގައި އަންހެނުންނަށް ހަރަކާތްތެރި ނުވެވޭނެކަމަށް ތާލިބާނުން ކަނޑައަޅާފައި އޮތް އޮތުމާއެކު، ނަފްސާނީ ބަލި ތަހައްމަލުކުރާ އަންހެނުންނަށް އުފުލަން ޖެހިފައި އޮތް ވޭން ވަކިން ބޮޑެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް