ކ. މާލެ
|
31 ޑިސެންބަރ 2023 | އާދީއްތަ 12:37
ބަންގްލާދޭޝްގައި ހޮނުއަޅައިގެން މަރުވި ބަޔަކު
ބަންގްލާދޭޝްގައި ހޮނުއަޅައިގެން މަރުވި ބަޔަކު
ބީބީސީ
ހޮނުއަޅައިގެން މީހުން މަރުވުން
ކައިވެނީގެ ދުވަހު ހޮނުއަޅައިގެން އާއިލާގެ 16 މީހުން މަރުވި ޒުވާނެއްގެ ވާހަކަ
 
ބަންގްލާދޭޝްގައި ހޮނުއެޅުމުގެ ސަބަބުން ކޮންމެ އަހަރަކު 300އެއްހާ މީހުން މަރުވާ ކަމަށް އދގެ ތަފާސް ހިސާބުތަކުން ދައްކާ

އައުކައިވެނީގެ ދުވަހަކީ ކޮންމެ މީހަކަށް ވެސް އަންނަ ވަރަށްވެސް އުފާވެރި ދުވަހެކެވެ. މިގޮތުގެ މަތިން ބަންގްލާދޭޝްގެ ޒުވާނެއްކަމަށްވާ މަޢުމޫން ވެސް އުންމީދުކޮށްގެން ހުރީ އޭނާގެ ކައިވެނީގެ ދުވަހު އާއިލާއާއެކީ އުފަލުގައި ކައިވެނީގެ މުނާސަބާ ފާހަގަކުރުމަށެވެ. ނަމަވެސް އެ ދުވަހު އޭނާއަށް ޖެހުނީ އާއިލާގެ 16 މެންބަރުން ވަޅުލާށެވެ. އެމީހުން މަރުވެފައިވަނީ ކައިވެނި ހަފްލާއަށް ދިއުމަށްކުރި ދަތުރުގައި ހޮނު އެޅުމުގެ ސަބަބުންނެވެ.

ރީތިކޮން ނަލަހެދިލައިގެން މަޢުމޫންގެ ކައިވެނި ޕާޓީ އަށް ދިއުމަށްޓަކައި އެ އާއިލާގެ މީހުން އެރީބޯޓަކަށެވެ. ނަމަވެސް ބޯޓުގެ ދަތުރު ނުނިމެނީސް ތޫފާނަކާ ކުރިމަތިވެ ބޯކޮށް ވާރޭ ވެހެން ފެށިއެވެ. އެއާއެކު ބޯޓަށް އެއްގޮތަކަށް ވެސް ކުރިޔަށް ދެވޭވަރު ނުވެގެން ކޯރުގެ އެއްކައިރިޔަށް މަޑުކޮށް ފަސިންޖަރުން އެއްގަމަށް ބޭލިއެވެ. ތޫފާނުގެތެރެއިން ހޮނުއަޅާފައިވަނީ އެ މީހުން ހިޔާވުމަށް ދިޔަ ކުޑަ ގެޔަކަށެވެ.

މަޢުމޫން އެވަގުތު ގެންދިޔައީ ޝިބްގާންޖް ކިޔާ ސަރަހައްދުގައި ހުރި އޭނަ އިންނަން އުޅޭ ކުއްޖާގެ ގޭގައި ޕާޓީ އަށް ތައްޔާރުވަމުންނެވެ. އޭނާއަށް މި ހިތާމަވެރި ޚަބަރު ލިބުނު ވަގުތާއި ތޫފާނުގެ ގުގުރީގެ އަޑާ ގުޅިގެން ދިޔަކަހަލަ އެވެ.

އެއަށްފަހު އޭނާ އާއިލާ މީހުން ގެންދެވުނު ތަނަށް ދިއުމަށް އަވަސްވެގަތެވެ. އޭނާ ބުނި ގޮތުގައި އޭނާއަށް އެ ދުވަހު ފެނުނީ ވަރަށް ވެސް ހިތްދަތި ހިތާމަވެރި މަންޒަރުތަކެކެވެ. އެއްބަޔަކު މަރުވެފައިވާ މީހުންގެ ގައިގައި ބައްދާ ރޮއިހަދަމުން ދާއިރު އަނިޔާވި މީހުންނާއި ކުޑަކުދިން ރޯ އަޑުން ވަނީ މުޅިތަން ގުގުމާފައެވެ. އޭނާ ބުނި ގޮތުގައި ފުރަތަމަ ދާނީ ކާކާ ދިމާލަށްތޯ ނޭނގިފައި އޭނާއަށް އެތައްއިރަކު ހުރެވުނެވެ.

އެ ދުވަހު ހޮނުއެޅުމުގެ ސަބަބުން މަޢުމޫންގެ ބައްޕައާއި މާމައާއި ކާފަ، ދެބެންގެ ދެދެދަރި މީހުން އަދި ބޮޑުބޭބެއިންނާއި ބޮޑު ދައިތައިން މަރުވެފައިވެއެވެ. މަންމަ އެ ދަތުރުގައި ބައިވެރިނުވާތީ މަންމަ ވަނީ ސަލާމަތްވެފައެވެ. މަރުވި އެންމެންގެތެރެއިން ވެސް ބައްޕަގެ ހަށިގަނޑު ފެނުމުން ބާރަށް ރޮއިގަނެވުނު ކަމަށާއި ބަލިވާ ވަރަށް ހާލަތު ދަށްވެގެން ދިޔަކަމަށް އޭނަ ބުނެފައިވެއެވެ.

މަޢުމޫންގެ އާއިލާގެ ޖަނާޒާ އެރޭ ބާއްވާފައިވާއިރު ކައިވެނި ޕާޓީ އަށް ޓަކައި ކެއްކި ކާއެއްޗެތިން ވަނީ ޞަދަގާތް ކޮށްފައެވެ.

މަޢުމޫން ފަހުން ކައިވެނި ކޮށްފައި ވީނަމަވެސް ކައިވެނީގެ އެނިވާސަރީ ފާހަގަކުރުމަކީ އޭނާއަށް ކުރެވޭވަރުގެ ކަމަކަށް ނުވެއެވެ.

މިއީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހު ހިންގާފައިވީ ހާދިސާއެއް ނަމަވެސް އެ ވާހަކަ މަޢުމޫން ކިޔާދީފައިވަނީ މިހާރުއެވެ. މިއަދު އޭނާއަކީ ތޫފާންތަކާއި ވިދާ ގުގުރުންދެކެ ވަރަށް ބިރުގަންނަ މީހަކަށް ވަނީ ވެފައެވެ.

ބަންގްލާދޭޝްގެ ޒުވާނާ މަޢުމޫން؛ އޭނާގެ އާއިލާގެ 16 މެންބަރުން މަރުވީ ހޮނުއަޅައިގެން

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއެކު ބަންގްލާދޭޝް އަށް ވެސް ކުރިމަތިވާ ތޫފާނުގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރު ވެގެން ގޮސްފައެވެ. އދގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ބަންގްލާދޭޝްގައި ހޮނުއެޅުމުގެ ސަބަބުން ކޮންމެ އަހަރަކު 300އެއްހާ މީހުން މަރުވެއެވެ. ބަންގްލާދޭޝްގެ ދެގުނަ ވަރުގެ އާބާދީ އެއް އޮންނަ އެމެރިކާގައި ހޮނުއެޅުމުގެ ސަބަބުން އަހަރަކު މަރުވަނީ ވިއްސަކަށް މީހުން ކަމަށް ރިކޯޑުތަކުން ދައްކައެވެ.

ބަންގްލާދޭޝްގައި ފެންބޮޑުވުމުގެ ސަބަބުން ދިމާވާ ހާދިސާތަކުގައި މަރުވާ މީހުންނަށް ވުރެ، ހޮނު އަޅައިގެން މަރުވާ މީހުންގެ ގިނައެވެ.

މައްސަލަ ސީރިއަސް ކަމުން ސަރުކާރުން ވަނީ ބިންހެލުމާއި ހަނަފަސްކަން އަދި ތޫފާންތައް އެރުންފަދަ އެ ގައުމަށް ކުރިމަތިވާ ގުދުރަތީ ކާރިސާތަކުގެ ލިސްޓުގައި ހޮނުއެޅުން ވެސް ހިމަނާފައެވެ.

އަވަށްޓެރި އިންޑިޔާގައި ވެސް ފަހުގެ އަހަރުތަކުގައި ހޮނުއަޅާ މިންވަރު އިތުރުވެފައި ވީނަމަވެސް އެޅުނު ފިޔަވަޅުތަކުގެ ސަބަބުން ހޮނުއަޅައިގެން މަރުވާ މީހުންގެ އަދަދު އިތުރު ވެފައެއް ނުވެއެވެ.  

މައުލޫމާތު : ބީބީސީ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
50%
50%
0%
0%
0%
0%
ކޮމެންޓް