ކ. މާލެ
|
17 އޯގަސްޓް 2023 | ބުރާސްފަތި 19:55
އަފްޣާނިސްތާނު އޮތީ ތާލިބާނުންގެ މުށުތެރޭގައިތަ؟ ނޫނީ އެމެރިކާގެ ކަސްތޮޅުގައިތަ؟
އަފްޣާނިސްތާނު
އަފްޣާނިސްތާނު އޮތީ ތާލިބާނުންގެ މުށުތެރޭގައިތަ؟ ނޫނީ އެމެރިކާގެ ކަސްތޮޅުގައިތަ؟
 
އެމެރިކާގެ ގުޅިފައިވާ އަސްކަރީ ފައުޖުތައް އަފްޣާނިސްތާނުން ފައިބައިގެން ދިޔަތާ 2 އަހަރު ވީއިރުވެސް، އަފްޣާނިސްތާނުގެ ކޮންޓްރޯލް އޮތީ ތާލިބާނުންގެ މުށުތެރޭގައި
 
ހަނގުރާމަ 'ނިންމާލި'އިރު، އެބުނާ ހަރުކަށި ފިކުރުގެ ތާލިބާނުން އޮތީ އަފްޣާނިސްތާނަށް އަނެއްކާވެސް އަތްގަދަކޮށްފައި

ދީނުގެ ނަމުގައި ހަރުކަށިކަން އިސްކޮށް، އަފްޣާނިސްތާނުގައި ޚުދުމުޚުތާރު ވެރިކަމެއް ކުރަމުންދިޔަ ހަތިޔާރު އެޅި ހަނގުރާމަވެރި ތާލިބާނުންގެ ވެރިކަން ވައްޓާލީ، އެމެރިކާއާއި އެމެރިކާއަށް އެއްބާރުލުން ދޭ ގައުމުތަކުގެ އިއްތިހާދީ އަސްކަރީ ބާރުންނެވެ. ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައެއްގެ ނަމުގައި އެމެރިކާގެ ގުޅިފައިވާ ފައުޖުތަކުން އަފްޣާނިސްތާނުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ހަރަކާތްތެރިވުމަށްފަހު އެ ގައުމުން ފައިބައިގެން ދިޔައީއެވެ.

ހަނގުރާމަ 'ނިންމާލި'އިރު، އެބުނާ ހަރުކަށި ފިކުރުގެ ތާލިބާނުން އޮތީ އަފްޣާނިސްތާނަށް އަނެއްކާވެސް އަތްގަދަކޮށްފައެވެ. އެމެރިކާގެ ގުޅިފައިވާ އަސްކަރީ ފައުޖުތައް އަފްޣާނިސްތާނުން ފައިބައިގެން ދިޔަތާ 2 އަހަރު ވީއިރުވެސް އަފްޣާނިސްތާނުގެ ކޮންޓްރޯލް އޮތީ ތާލިބާނުންގެ މުށު ތެރޭގައެވެ. އެކަންވެސް ވީ އަފްޣާނިސްތާނަށް އެމެރިކާގެ ނުފޫޒު ފޯރުވުމަށް ދައްކާ އުޒުރަކަށޭ ދެންނެވުމަކުން ގޯހެއް ނެތެވެ. އެތައް އަހަރަކަށް ދިގުލައި ދިޔަ ހަނގުރާމައާއި، ދެމިގެންދާ ހަމަނުޖެހުންތަކުގެ ސަބަބުން ހަފުސްވެފައި އޮތް އަފްޣާނިސްތާނާ ދެކޮޅަށް އެމެރިކާއިން ތަންފީޒު ކުރަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސީދާ އަސަރު ފޯރަމުން ދަނީ އަފްޣާނިސްތާނުގެ އާންމު ރައްޔިތުންނަށެވެ. ދިރިއުޅުން އާރާސްތު ކުރުމަށް އޮތް ދަތި ރާސްތާ އިތުރަށް ނުތަނަވަސް ކުރުވަނީ، ދަތި ކުރުމުގެ ފިޔަވަޅުތަކުން ކުރިމަތިކުރުވާ ގޮންޖެހުންތަކުންނެވެ.

އަފްޣާނިސްތާނުގައި ވެރިކަންކުރާ ކާބުލްގެ ކޮންޓްރޯލް، އޯގަސްޓް 15، 2021 ވަނަ ދުވަހު ތާލިބާނުން ނެގުމާއި އެމެރިކާގެ އަސްކަރީ ފައުޖުތަކުން އަވަސްއަރުވާލައިގެން އަފްޣާނިސްތާނުން ފައިބައިގެން ދިޔަ ދިޔުން ހިނގީ އެކުއެކީގައެވެ. އެމެރިކާގެ އަސްކަރިއްޔާގެ އެންމެ ފަހު މަތިންދާބޯޓު އަފްޣާނިސްތާނުގެ ފަސްގަނޑުން އުދުއްސާލީ އޯގަސްޓް 30 ވަނަ ދުވަހުއެވެ. 20 އަހަރުގެ ހަނގުރާމަ 'ނިމުނު'ކަމުގެ ދަޅަ ދައްކަމުންނެވެ.

އަފްޣާނިސްތާނުގައި ވަގުތީ ސަރުކާރެއް ގާއިމުކޮށް، ވެރިކަން ހިންގާތާ 2 އަހަރު ފުރުމުގެ އިހުތިފާލުތައް ތާލިބާނުން ކުރިއަށްގެންދިޔައީ މިދިޔަ އަންގާރަ ދުވަހުއެވެ.

އުފާ ފާޅުކުރުންތަކުގައި ބައިވެރިވި އަފްޣާނިސްތާނުގެ އާންމުންގެ ތެރެއިން ބައެއް މީހުން ފާހަގަކުރިގޮތުގައި ގައުމުގެ ސަލާމަތީ ކަންކަމަށް ވަނީ ހެޔޮ ބަދަލެއް އައިސްފައެވެ.

މިދިޔަ 2 އަހަރު ދުވަހުގެ ތެރޭގަ، އަފްޣާނިސްތާނުގެ ސަލާމަތީ ކަންކަން ވަނީ ކަށަވަރު ކުރެވިފަ. މިދިޔަ ސާޅީހަކަށް ފަންސާހަކަށް އަހަރުވެސް ތަޖުރިބާކޮށްލަން ނުލިބޭ މިންވަރަށް ސަލާމަތާ ރައްކާތެރިކަން އެބައޮތް ލިބިފަ.
ފާރޫގީ، އަފްޣާން ރައްޔިތެއް

ނަމަވެސް، ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، އަފްޣާނިސްތާނުގެ އިގްތިސާދު އަލުން ކޮޅަށްޖެހުމަށް ދަތިތަކާ ކުރިމަތިލާންޖެހޭ ކަމުގެ ޝަކުވާ ވަނީ އުފުލާފައެވެ.

އަފްޣާނިސްތާނު މިހާރު އޮތީ އެ ގައުމުގެ އިގްތިސާދު އާރާސްތުކުރުމުގެ މަރުހަލާގައި ކަމަށް ވީނަމަވެސް، އެމެރިކާއިން ތަންފީޒު ކުރަމުންދާ ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އަފްޣާނިސްތާނަށް ވަނީ އިންތިހާއަށް ތަކުލީފު އުފުލަން ޖެހިފައެވެ. އދ.ގެ އަންދާޒާތަކަށް ބަލާއިރު، މި ހިނގާ 2023 ވަނަ އަހަރު އަފްޣާނިސްތާނުގައި އިންސާނީ އެހީއަށް ބޭނުން ޖެހިފައިވާ މީހުންގެ އަދަދު، ގާތްގަނޑަކަށް 30 މިލިއަނަށް އަރާނެއެވެ. މިއީ ތާރީޚަށް ބަލާއިރު ރެކޯޑެކެވެ. އިންސާނީ އެހީގެ ހޭދައަށް ބަލާއިރު އެއީ ގާތްގަނޑަކަށް 4.6 މިލިއަން ޑޮލަރުގެ އެހީއެވެ. ނަމަވެސް މި އަހަރުގެ އޭޕްރިލް މަހާ ހިސާބަށް ލިބިފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، އެހީގެ ގޮތުގައި ލިބިފައިވަނީ އޭގެ އެންމެ 5 ޕަސެންޓަށް ވުރެވެސް މަދު މިންވަރެކެވެ.

މާލީ ގޮތުން އަފްޣާނިސްތާނަށް އިންތިހާއަށް ދަތިވަމުން ދިޔަނަމަވެސް އެމެރިކާއިން އަދިވެސް ވަނީ ގައުމުން ބޭރުގައި ހުރި އަފްޣާނިސްތާނުގެ މަރުކަޒީ ބޭންކުގެ އެސެޓްތައް ފްރީޒްކޮށްފައެވެ. ނުވަތަ އަފްޣާނިސްތާނަށް އެ އެސެޓްތައް ދޫކުރުމަށް ދަނީ އިންކާރުކުރަމުންނެވެ.

އެމެރިކާ އުޅެނީ އަފްޣާނިސްތާނުގެ ހުރިހާ ރައްޔިތުންނާ ދެކޮޅަށް. މުޅި ދުނިޔެއަށް އަހަރެން މި ގޮވާލަނީ، އެމެރިކާ އެބަޖެހޭ އަފްޣާން ރައްޔިތުން ފިއްތުން ހުއްޓާލަން. އެމެރިކާއިން ފްރީޒްކޮށްފަ ހުރި އަހަރެމެންގެ އެސެޓްތައް އަހަރެމެންނަށް އަނބުރާ ދޭން އެބަ ޖެހޭ.
ހިކުމަތު؛ އަފްޣާން ރައްޔިތެއް

ބޭރު ފައިސާ ގަނެވިއްކުމުގެ ރިޒާވްގެ ގޮތުގައި އަފްޣާނިސްތާނުގެ މަރުކަޒީ ބޭންކަށް ހައްގުވާ ފައިސާގެ މިންވަރު ގާތްގަނޑަކަށް 9 ބިލިއަން ޑޮލަރަށް އަރައެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 7 ބިލިއަން ޑޮލަރު ޖަމާކޮށްފައި ވަނީ އެމެރިކާގެ ބޭންކުތަކުގައެވެ. އަފްޣާނިސްތާނުގެ ވެރިކަމުގެ ކޮންޓްރޯލް ތާލިބާނުން ނެގުމާއެކު، އެ އެކައުންޓްތައް ވަނީ ފްރީޒްކޮށްފައެވެ. ނަތީޖާއަކަށް ވީ، އިނދަޖެހުމުގެ ފުން އަނދަވަޅުގެ ތުންފަތް މައްޗަށް އަފްޣާނިސްތާނުގެ ދޭސީ ބޭންކިންގ ނިޒާމު ވެއްޓިގެން ދިއުމެވެ.

އަފްޣާނިސްތާނުގެ މަސްރަހު ދިރާސާ ކުރަމުންދާ ތަޖުރިބާކާރުން ފާހަގަކުރާއެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އަފްޣާނިސްތާނުގެ އާންމު ރައްޔިތުންގެ ދިރިއުޅުމުގެ އެކި ބަހާތަކަށް އެކަމުން ނޭދެވޭ އަސަރު ފޯރުމެވެ. ވިޔަފާރިއާއި އިގްތިސާދީ ހީނަރުކަމުގެ އިތުރުން ސިއްހީ ބޭސްވެރިކަމުގެ ނިޒާމަށްވެސް ނޭދެވޭ އަސަރު ފޯރައި، އާންމު ރައްޔިތުންގެ ނިކަމެތި ދިރިއުޅުން އިތުރަށް ބިކަވެގެން ދިއުމަކީވެސް އުފެދިފައި އޮތް އިންތިހާ ނުތަނަވަސް ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް