Advertisement
ކ. މާލެ
|
18 މެއި 2017 | ބުރާސްފަތި 20:45
ލޯކަލް މާރުކޭޓް
ލޯކަލް މާރުކޭޓް
މުހައްމަދު ޝަރުހާން
ދަތުރުވެރިންގެ މާރުކޭޓް
ރޯދަމަހަށް ހަދާ ވަގުތީ ދަތުރުވެރިންގެ މާރުކޭޓްގައި ތަކެތި ވިއްކަން ފުރުސަތު ހުޅުވާލައިފި
ޝައުގުވެރިވާ ރަށު ކައުންސިލްތަކުން ނުވަތަ ދަނޑުވެރިންގެ ގްރޫޕްތަކުންވެސް ހުށަހެޅިދާނެ
އެ މާރުކޭޓްގައި ވިއްކޭނީ ރާއްޖޭގައި އުފައްދާ މޭވާއާއި ތަރުކާރީ
މާރުކޭޓަށް ތަކެތި ވެއްދޭނީ މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން

ރޯދަ މަހަށް ހަދާ ވަގުތީ ދަތުރުވެރިންގެ މާރުކޭޓްގައި ތަކެތި ވިއްކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ކޮށްފައިވާ އިއުލާނެއްގައި ވަނީ ރޯދަ މަހަށް ދަނޑުވެރިންނަށް ދެވޭ ހާއްސަ ހިދްމަތެއްގެ ގޮތުން އެ މިނިސްޓްރީން މާލޭގެ ހުޅަނގު ފަރާތު ބަނދަރު ސަރަހައްދުގައި ހަމައެކަނި ދިވެހި އުފެއްދުންތައް ވިއްކޭނެ ވަގުތީ ދަތުރުވެރިންގެ މާރުކޭޓެއް ގާއިކޮށް، އެތަނުގައި ތަކެތި ވިއްކުމުގެ އިންތިޒާމު ހަމަޖައްސައިދެވޭނެ ކަމަށެވެ. އެގޮތުން އެ މާރުކޭޓްގައި ތަކެތި ވިއްކުމަށް ޝައުގުވެރިކަންހުރި ރަށްރަށުގެ ކައުންސިލްތަކުން ނުވަތަ ދަނޑުވެރިންގެ ގްރޫޕްތަކުން ސިޓީއަކުން ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓްރީއަށް ހުށަހެޅުމަށް އެދޭ ކަމަށް އެއިއުލާނުގައިވެއެވެ.

އެ އިއުލާނުގައިވާ ގޮތުން މާރުކޭޓުން ޖާގަ ދިނުމުގައި އިސްކަން ދެވޭނީ އެންމެ ގިނަ އަދަދެއްގެ ދަނޑުވެރިން އެކަމަށް އެދި ހުށަހަޅާ ރަށްތަކަށް ކަމަށެވެ. އެކަމަށް އެދޭއިރު މިދިއަ 2016 ވަނަ އަހަރު ރޯދަމަހު އެރަށަކުން ބޭރުކުރެވުނު މައިގަނޑު ދަނޑުވެރިކަމުގެ ބާވަތްތަކުގެ އަންދާސީ މިންވަރާއި މި އަހަރު މި މާރުކޭޓުގައި ތަކެތި ވިއްކުމަށް އެދޭ ފަރާތްތަކުގެ އަދަދު އިނގޭނޭ ގޮތަށް ހުށަހެޅުމަށްވެސް އެ އިއުލާނުގައި ވެއެވެ.

ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓްރީން ބުނީ ދަތުރުވެރިންގެ ވަގުތީ މާރުކޭޓަށް ތަކެތި ވައްދަން ފެށޭނީ މެއި މަހުގެ 27 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އަދި ޖުލައި ފަސް ވަނަ ދުވަހުގެ 18:00ގެ ކުރިން ތަން ހުސްކޮށް، އެމިނިސްޓްރީއާއި ހަވާލުކުރަންވާނެ ކަމަށް ވެސް އެމިނިސްޓްރީން ބުނެއެވެ.

ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓްރީ ބުނީ ދަތުރުވެރިންގެ ވަގުތީ މާރުކޭޓްގައި ވިއްކާ ބާވަތްތަކަކީ ރާއްޖޭގައި އުފައްދާ ދަނޑުވެރިކަމުގެ ތާޒާ، މޭވާ އާއި ތަރުކާރީ ކަމުގައިވާންޖެހޭނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް