ކ. މާލެ
|
14 އޯގަސްޓް 2021 | ހޮނިހިރު 18:28
އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާއި ކުރީގެ ރައީސް
އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާއި ކުރީގެ ރައީސް
ރާއްޖެއެމްވީ
އީސީގެ ރައީސްކަން
ހުސްވެފައިވާ، އީސީ ރައީސްގެ މަޤާމަށް މީހަކު އައްޔަން ކުރެވޭނީ އިތުރު މެމްބަރަކު ލިބިގެން
 
ފުއާދު ވިދާޅުވީ ކޮމިޝަނަށް ފަސްވަނަ މެމްބަރަކު ހޮވުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް

ހުސްވެފައިވާ, އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސްގެ މަޤާމަށް މީހަކު އައްޔަން ކުރެވޭނީ އިތުރު މެމްބަރަކު ލިބިގެން ކަމަށް އެ ކޮމިޝަންގެ މެމްބަރު ފުއާދު ތައުފީޤު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޚަބަރު ފީތާ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފުއާދު ވިދާޅުވީ ކޮމިޝަނަށް ފަސްވަނަ މެމްބަރަކު ހޮވުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށެވެ. ޤާނޫނު ބުނާ ގޮތުން އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަޤާމު ހުސްވާތާ (ރަސްމީ ބަންދު ދުވަސް ނުހިމަނައި) 60 ދުވަހުގެ ތެރޭގައި އެ މަޤާމަށް މީހަކު އައްޔަން ކުރަން ޖެހެއެވެ. އެހެންނަމަވެސް މިނިވަން ދުވަހާއި ޢީދު ބަންދާ ދިމާކޮށް، ވަރަށް ގިނަ ދުވަސްތަކަށް ސަރުކާރު ބަންދުވެގެން ދިޔައެވެ. އެހެންކަމުން މި 60 ދުވަސް ވަނީ 90 ދުވަހަށް ދިގުލައިގެން ގޮސްފައެވެ.

ފުއާދު ވިދާޅުވީ ސެޕްޓެމްބަރު 15 ވަނަ ދުވަހާ ހަމައަށް މީހަކު ހަމަނުޖެހިއްޖެނަމަ މިހާރު ތިބި ހަތަރު މެމްބަރުންގެ ތެރެއިން މެމްބަރަކު އީސީގެ ރައީސް ކަމަށް އައްޔަން ކުރެވިދާނެ ކަމަށެވެ. ފުއާދު ވަނީ އީސީގެ ރައީސް ކަަމަށް ކުރިމަތިލެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

އެގޮތުން ކުރިން ވެސް ހަތަރު އަހަރަށްވުރެ ގިނަ ދުވަސް އީސީއަށް ޚިދުމަތް ކޮށްދެއްވާފައިވާ މީހެއް ހައިސިއްޔަތުންނާއި އުމުރުގެ ގޮތުންނާއި ތަޖުރިބާގެ ގޮތުން ދޮށީ މީހަކަށްވުމުން އެ މަޤާމަށް ކުރިމަތިލުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް ފެންނަ ކަމަށް ފުއާދު ވިދާޅުވިއެވެ.

އީސީގެ ކުރީގެ ރައީސް މަޤާމުން އިސްތިއުފާ ދެއްވީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. އިސްތިއުފާ ދެއްވަމުން ވިދާޅުވީ ވޭތުވެދިޔަ ތިން އިންތިޚާބުގައި ވެސް އިޚްލާސްތެރިކަމާއެކު މަސައްކަތް ކޮށްދެއްވުނު ކަމުގެ ހިތްހަމަ ޖެހުން ލިބިވަޑައިގަތް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވުމުގައި ދެމި ހުންނަވާނެ ކަމަށެވެ.

އިސްތިއުފާއާ ގުޅޭގޮތުން ރާއްޖެއެމްވީއަށް ޝަރީފް ވިދާޅުވީ، 3 އިންތިޚާބުގައި މަސައްކަތް ކުރެއްވުމުން އެއީ އިންތިޚާބުގެ ސައިކަލްއެއް ހަމަވީ ކަމަށެވެ. ކުރިން ވެސް ނިންމަވައިގެން ހުރީ ލޯކަލް ކައުސިން އިންތިޚާބަށް ފަހު އިސްތިއުފާ ދެއްވަން ކަމުގައި ޝަރީފް ވިދާޅުވިއެވެ. ދެން ބޭނުންވަނީ އިންތިޚާބުގެ ކަންކަން ރަނގަޅަށް ކުރާނެ އެހެން މީހަކަށް އެ ފުރުސަތު ދެއްވުމަށް ކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެންނަމަވެސް އަދިވެސް ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި އެހެން ދާއިރާއަކުން ފުރުސަތު ލިބިއްޖެނަމަ އެ ފުރުސަތުގެ ބޭނުން ހިފާނެ ކަމަށް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރުކަމަށް ފުއާދު ތައުފީޤު އައްޔަނު ކުރެއްވީ 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ 70 މެމްބަރުންގެ ރުހުމާއެކުގައެވެ. ފުއާދު ތައުފީޤަކީ މީގެކުރިން އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ސޫމޯޓޯ މައްސަލައެއްގައި ފުއާދުގެ މައްޗަށް 2014 ވަނަ އަހަރުގެ މާޗް 9 ވަނަ ދުވަހު ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވުނެވެ. ޖަލަށް ލާން ހުކުމް ކުރި ނަމަވެސް، ސުޕްރީމް ކޯޓުން ހުކުމް ތަންފީޒް ކުރުން ތިން އަހަރަށް ފަސް ކުރިއެވެ. ފުއާދުގެ މައްޗަށް ސަސްޕެންޑެޑް ޖަލު ހުކުމެއް އިއްވުމުގެ އިތުރުން ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމު ވެސް އޭނާއަށް ގެއްލިފައިވާ ކަމަށް ހުކުމް ކުރިއެވެ. ކޮމިޝަނުގެ މެންބަރު ކަމުގެ މަގާމަށް، ފުއާދުއާއެކު އޭރުގެ އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަޙްމަދު ފަޔާޒުގެ ޝަރުތު ހަމަނުވާ ކަމަށްވެސް އެ ހުކުމުގައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް