ޖިންސީ ގޯނާގެ މައްސަލަތަކުގެ ވާހަކައަކީ މި މުޖުތަމައު ތެރޭގައި އަބަދުވެސް ދެކެވެމުން އަންނަ ވާހަކަތަކެވެ. މުޖުތަމައު ތެރެއިން މިފަދަ ހާދިސާއެއްގެ ވާހަކަ އަޑު ނީވޭ ދުވަހެއް މަދޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
އަބަދުވެސް ކޮންމެވެސް ކުއްޖަކަށް ޖިންސީ ގޯނާ ކުރި ވާހަކައެއް ނޫނީ އުމުރުން ދުވަސްވީ މީހަކު ޖިންސީ ގޯނާއެއްގެ ޝިކާރައަކަށްވި ވާހަކައެވެ. މިފަދަ މައްސަލަތައް ކަމާބެހޭ މުއައްސަސާތަކަށް ހުށަހެޅޭ ވާހަކައެވެ. އެހެންނަމަވެސް ހިތާމައަކީ މިފަދަ މައްސަލަތަކުގައި ޝާމިލުވާ މީހުންނަށް ހައްގު އަދަބު ދެވުނު ކަމުގެ ވާހަކަ މިހާ ބާރަށް ނުދެކެވޭތީއެވެ.
މީގެކުރިން ޖިންސީ ގޯނާގެ މައްސަލަތަކުގެ ވާހަކަ ދައްކަން ގިނަ މީހުން ޖެހިލުންވެއެވެ. އޭރު މިފަދަ ކަންކަމާ އަޑު އުފުލުމަކީ ލިބުނު އަނިޔާއަށްވުރެ ބޮޑު ކުށަކަށް ވާތަން އާދެއެވެ. އެހެންނަމަވެސް މިހާރު މިކަންކަމާ އަޑު އުފުލާކަށް މީހުން ޖެހިލުމެއް ނުވެއެވެ.
މިކަން އެންމެ ބޮޑަށް އެނގިގެންދިޔައީ 2 އަހަރު ނުފުރޭ ތުއްތު ކުއްޖަކަށް އޭނާގެ ބައްޕައާއި، ކާފަ އަދި މުނިކާފަމެން އެތައް ފަހަރެއްގެ މަތިން ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލަ ފެންމަތިވުމުންނެވެ. އެއީ ތުއްތު ތުއްތު ކުއްޖެއް ކަމާއި، އެކުއްޖާގެ ކުށަކީ ކޮބައިތޯ ސުވާލުކޮށް ގިނަ ބަޔަކު ވަނީ އަޑުއުފުލާފައެވެ.
ހަމަ މި މައްސަލަގަނޑުގެ ތެރޭގައި ގިނަ ބަޔަކު ގެންދިޔައީ އޭރުގެ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް އޭނާގެ މަސްއޫލިއްޔަތު އެންމެ ފުރިހަމައަށް އަދާނުކުރާ ކަމަށްބުނެ އަޑުއުފުލަމުންނެވެ. މުޖުތަމައުގެ ފިއްތުންތަކުން ކެތް ނުވެގެން މިނިސްޓަރ ޝިދާތާވެސް އިސްތިއުފާދެއްވީއެވެ.
އެހެންނަމަވެސް ޝިދާތާގެ އިސްތިއުފާއާއެކު މި މުޖުތަމައުން ފެންނަ ޖިންސީ ގޯނާގެ މައްސަލަތައް މަދެއް ނުވިއެވެ. ދެއަހަރު ނުފުރޭ ތުއްތު ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި އެ ކުއްޖާގެ ކާފައާއި މުނިކާފައަށް ދައުވާ ކޮށްފައިވެއެވެ.
މި ހާދިސާއަށްފަހު ސޯޝަލް މީޑިއާ މެދުވެރިކޮށްގެންނާއި، އަދިވެސް އިތުރު އެހެން ގޮތްގޮތަށް ފާޅުގައި ގިނަ ބަޔަކު ގެންދިޔައީ ޖިންސީ ގޯނާގެ މައްސަލަތަކުގެ ވާހަކަ ދައްކަމުންނެވެ. ގެންދިޔައީ އިންސާފަށް އެދި ގޮވަމުންނެވެ.
މިހާރު ޖެންޑަރ މިނިސްޓަރގެ މަގާމުގައި ހުންނެވީ ޝިދާތާއެއް ނޫނެވެ. އެހެންނަމަވެސް އަދިވެސް މި ވާހަކަތައް ހަމަ އެއްވާނެއްގައި އަންނަނީ ދެކެވެމުންނެވެ. ގޭތެރެއިންނާއި، އޮފީސް މާހައުލުންނާއި، ބޭރު ތެރެއިން އަދި ގައުމުގެ ކަންކަން ނިންމުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ މީހުންގެ ފަރާތުންވެސް މިވާހަކަ ދަނީ ދެކެވެމުންނެވެ. އެދުވަސްވަރު އިންސާފަށް އެދި ގިނަ ބަޔަކު ގެންދިޔައީ މިފަދަ މައްސަލަތައް ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅަމުންނެވެ.
އެ ދުވަސްވަރު ގިނަ މައްސަލަތަކެއް ބަލަން ފަށާފައިވާކަމުގެ މައުލޫމާތުވެސް ފުލުހުން ވަނީ ހިއްސާކޮށްފައެވެ. މި މައްސަލަތަކުގެ ތެރެއިން އިންސާފު ލިބިފައިވާ މީހުންގެ އަދަދު ދެ އަތުގެ އިނގިލިތަކުން ގުނާލެވޭހާ މަދޭ ބުންޏަސް ދޮގަކަށް ނުވެދާނެއެވެ.
މިކަންކަމުގައި އެކަށީގެންވާ ހެކި ނެތްކަމަށްބުނެ އިތުރަށް ކުރިއަށް ނުގެންދަން ނިންމި މައްސަލަތައްވެސް މަދެއް ނޫނެވެ. މިފަދަ ކަންކަމާހުރެ، މި މުޖުތަމައުގައި ޖިންސީ ގޯނާގެ މައްސަލަތަކަށް އިންސާފު ލިބުމަކީ ނުވާނެ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެން ފެށިއެވެ.
މިގޮތަށް ކަންވިޔަސް ޖިންސީ ގޯނާގެ މައްސަލަތަކުގައި އިންސާފަށް އެދި ގޮވަމުންދާ މީހުން އަދިވެސް އެމީހުންގެ ހިތްވަރު އެލުވައެއް ނުލައެވެ. ސޯޝަލް މީޑިއާގައި ހިއްސާކުރާ ވީޑިއޯއަކުން ނުވަތަ ޝެއަރކޮށްލާ ޕޯސްޓަކުން މިފަދަ ހާދިސާތަކުގެ ވާހަކަ ގެންދަނީ ފަތުރަމުންނެވެ.
މިފަދަ ހާދިސާތަކުގެ ވާހަކަ އަޑު އަހަން އުނދަގޫ ވާ ހާލަތްތައް އައި ނަމަވެސް މިފަދަ ކަންކަމުގައި އިންސާފު ނުލިބި ކޮންމެ ދުވަހަކު އެމީހުން އެ ވޭނެއްގައި ހޭދަ ކުރަންޖެހޭކަމުގެ ވާހަކަ ދައްކަމުންދިޔުމަކީ އަދި މާ ހިތްދަތިވާ ކަމެކެވެ.
ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާ މީހުންނަށް އިންސާފު ނުލިބި ހޭދަކުރަންޖެހޭ ކޮންމެ ދުވަހަކީވެސް އެމީހުންނަށް އިތުރު އަނިޔާތަކެއް ލިބިގެންދާ ދުވަހެކެވެ. ނަފްސާނީ ގޮތުންނާއި، ޖިސްމާނީ ގޮތުން ލިބޭ އަނިޔާތަކެވެ. މި މުޖުތަމައުގައި ހުރި އިޖުތިމާއީ އެހެނިހެން މައްސަލަތައް ފަދައިން ޖިންސީ ގޯނާގެ މައްސަލަތައް ވެގެންގޮސްފައިމިވަނީ ހައްލު ނުލިބިވާ އިޖުތިމާއީ ބޮޑު މައްސަލައަކަށެވެ.
ޖިންސީ ގޯނާގެ މައްސަލަތަކަށް ހައްލު ހޯދުމަށް ގާނޫނު ހަދާ މަޖިލީހަށް އެކި ގަރާރުތައް ހުށަހަޅައި، އެކި ލެވެލްތަކުގައި މަސައްކަތްތައް ކުރެވެމުންދިޔަ ނަމަވެސް އަދިވެސް މިކަންކަމަށް އެދެވޭ ހައްލެއް ލިބެމުންދާ ކަމުގެ ކުލަވަރު ފެންނަމުންނެއް ނުދެއެވެ.
އަދިވެސް މިފަދަ ކަންކަމަށް އަރައިގަންނަ މީހުން އެފަދަ ކަންކަން ކުރުމަށް ޖެހިލުމެއް ނުވެއެވެ. މިފަދަ ކަންކަން ހައްލު ކުރެވޭނީ މީހުންގެ ވިސްނުމަށް ބަދަލުގެނެވިގެންނެވެ. މީހުންގެ އަގީދާ އިތުރަށް ވަރުގަދަވެގެންނެވެ. މިފަދަ ކަންކަމަށް އަރައިގަންނަ މީހުންނަށް އެދެވޭ ހައްގު އަދަބެއް ދެވިގެންނެވެ.
މިކަން މިގޮތަށް ނުހިނގާނަމަ މިއީ މުޖުތަމައުގައި އާންމުވެފައިވާ މައްސަލަތައް ފަދައިން ހައްލު ނުލިބި ވާ ބޮޑު މައްސަަލައަކަށް ވެދާނެއެވެ. މިކަމަށް އެދެވޭ ހައްލެއް ލިބޭއިރު، މުޖުތަމައުގެ ބޮޑުބަޔަކު ޖިންސީ ގޯނާއެއްގެ ޝިކާރައަކަށް ވުމުގެ ބިރު މިހާރު ބޮޑެވެ.