Advertisement
ކ. މާލެ
|
18 މެއި 2017 | ބުރާސްފަތި 18:38
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް
ޕީޕަލް މެގަޒިން
މަހުލޫފުގެ ޝަރީއަތް
ތަންފީޒުކޮށްފައިވާ މަހުލޫފްގެ ހަ މަސްދުވަހު ހުކުމްގެ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލައިފި
މަހުލޫފްގެ މައްޗަށް އިއްވާފައިވާ ހަ މަސައްދުވަހުގެ ޖަލު ހުކުމް މިހާރުވަނީ ތަންފީޒުކޮށް ނިމިފަ
މަހުލޫފުގެ މައްޗަށް އިއްވާފައިވާ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމް ވެސް އަންނަމަހު ތަންފީޒުކޮށް ނިމޭނެ
މަހުލޫފް ހަ މަސް ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ ދިފާއީ ހެކިންގެ ހެކިބަސް ނެގުމެއްނެތިކަމަށް މަހުލޫފްގެ ވަކީލުން ވަނީ ވިދާޅުވެފަ

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފްގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހަ މަސް ދުވަހުގެ ޖަލު ހުކުމުގެ އިސްތިއުނާފްގެ އަޑުއެހުންތައް ހައިކޯޓުން ނިންމާލައިފި އެވެ.

 

ބުރާސްފަތި ދުވަހު ހައިކޯޓުގައި ބޭއްވި އަޑުއެހުމުގައި، ފުލުހުންގެ ދައުރަށް ހުރަސްއެޅި ކަމަށް ބުނެ މަހުލޫފް ހަ މަސް ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެންމެ ހެއްކެއްގެ ހެކި ބަހަށް ކަމަށް މަހުލޫފްގެ ވަކީލުން ވިދާޅޫވާވިދާޅުވުން މިއަޑުއެހުމުގައި ވެސް ވަނީ ތަކުރާރު ކުރައްވާފަ އެވެ. ނަމަވެސް މަހުލޫފްގެ ވަކީލުންގެ އެވާހަކަތައް ޕްރޮސެކިއުޓާރ ޖެނެރަލް އޮފީހުގެ ގާނޫނީ ވަކީލުން ވަނީ ދޮގުކުރައްވާފަ އެވެ.

 

މާޗް 25، 2015 ވަނަ ދުވަހުގެ ރޭ މާލޭގައި ކުރި މުޒާހަރާއެއްގައި ފުލުހުން ބަންދުކުރި ސަރަހައްދަކަށް ވަތްކަން ސާބިތުވެގެން މަހްލޫފް ހަ މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް މަހްލޫފްގެ ފަރާތުން އިސްތިއުނާފް ކުރުމުން، މިދިއަ ހޯމަ ދުވަހު ވަނީ އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފަ އެވެ.

 

މަހުލޫފްގެ ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރު ވިދާޅުވީ މަހުލޫފާއި ދެކޮޅަށް ހެކިބަސް ދިނީ އެންމެ ހެކިވެރިއެއް ކަމަށެވެ. އެގޮތުން އިވުނު އަޑުގެ ހެކިބަހަކީ ވަކި ހާލަތްތަކެއްގައި ނޫނީ އިސްލާމީ ޝަރީއަތުގައި ބަލައިގަނެވޭނެ ހެކިބަހެއް ނޫން ކަމަށާއި ދައުވާއެއް ސާބިތު ކުރަން ބޭނުން ނަމަ މަދުވެގެން ދެ ހެކިން ބޭނުންވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

 

ނާޒިމް ވިދާޅުވި ގޮތުގައި މަހުލޫފާއި ދެކޮޅަށް ހެކިބަސް ދިނީ މަހްލޫފް ހައްޔަރު ކުރި ކަމަށް ބުނެ ފުލުހުންގެ ވޯކީ ޓޯކީން ވާހަކަ ދެއްކި އަޑު އިވުނު ދެ ފުލުހެކެވެ. މަހުލޫފްގެ ވަކީލްގެ އެ ވާހަކަތަކަށް ރައްދު ދެއްވައި، ދައުލަތުގެ ވަކީލާ ވިދާޅުވީ މަހްލޫފާ ދެކޮޅަށް ހެކިބަސް ދިނީ އެންމެ ހެކިވެރިއެއް ނޫން ކަމަށާއި އެ ހެކިވެރިޔާގެ ހެކިބަހަށް ބާރު ލިބޭ ގޮތަށް އިތުރު ދެ މީހަކު ވެސް ހެކިބަސް ދިން ކަމަށެވެ. އެގޮތުން ބަންދު ކޮށްފައިވާ ސަރަހައްދަކަށް މަހްލޫފް ވަތް ކަމަށް އެއް ފުލުހަކު ބުނާއިރު، ދެން ތިބި ދެ ފުލުހުންގެ ބަހުން ބަންދުކޮށްފައިވާ ސަރަހައްދުގައި މަހްލޫފް ހުއްޓައި ފެނުނު ކަން އެނގޭ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

 

މަހުލޫފްގެ މައްޗަށް ކުށް ސާބިތުކުރުމަށް ދައުލަތުން ހެކި ހުށަހަޅާ އެ ހެކިންގެ ހެކި ބަސް ނަގައި މަހުލޫފްގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިންގެ ހެކި ބަސް ނަގާފައި ނުވާތީ އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން މަހުލޫފްގެ ވަކީލް ވިދާޅުވީ މަހްލޫފްގެ ފަރާތުން ހުށަހެޅި އެއްވެސް ދިފާއީ ހެއްކެއްގެ ހެކިބަސް ކްރިމިނަލް ކޯޓުން ނަގާފައި ނެތުމަކީ ބޭ އިންސާފުން ކުރި ކަމެއް ކމަށެވެ. އެގޮތުން އޭގެ ސަބަބުން ދައުލަތުގެ ހެކިވެރިންގެ ހެކިބަސް ނަފީ ކުރުމުގެ ފުރުސަތު މަހްލޫފަށް ގެއްލިފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

 

މަހުލޫފްގެ ވަކީލްގެ މި ވާހަކަތަކަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލް ވިދާޅުވީ ހެކިން ހާޒިރު ކުރުމާއި ނުކުރުމަކީ ކޯޓުތަކަށް އޮތް ބާރެއް ކަމަށެވެ. ހަމައެހެންމެ ހެކިވެރިއަކު ހާޒިރު ނުކުރަން ނިންމި ސަބަބު ރަނގަޅު ނަމަ އެއީ މައްސަލައެއް އޮތް ކަމެއް ނޫން ކަމަށް ހައި ކޯޓުން ކުރިން ނިންމާފައިވާ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

 

މީގެ އިތުރުން ދައުލަތުގެ ވަކީލް ވިދާޅުވީ ދިފާއީ ހެކިން ހާޒިރު ކުރިޔަސް ދައުލަތުގެ ހެކިވެރިން ހެކިބަސް ނަފީ ނުކުރެވޭނެ ކަމަށް ކޯޓަށް ފެންނަ ނަމަ ދިފާއީ ހެކިން ހާޒިރު ނުކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ. މަހުލޫފްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން މަހުލޫފް ވަކީލް ނާޒިމް ވިދާޅުވީ ކުށުގެ އަދަބެއްގެ ގޮތުން މަހްލޫފް ހަ މަހަށް ޖަލަށްލުމަކީ ގާނޫނުލް އުގޫބާތުގައި ބުނާ އުސޫލާ ޚިލާފަށް ކްރިމިނަލް ކޯޓުން ކުރި ހުކުމެއް ކަމެކެވެ. އެގޮތުން މިދިޔަ ދެ އަހަރުގެ ތެރޭގައި ކުށެއް ސާބިތުވާ ކަމަށް ބުނެ، އަދަބު ކަނޑައެޅުމުގައި އަސާސީ މިންގަނޑަށް ވުރެ އެއް ދަރަޖަ މަތިކޮށް މަހްލޫފަށް ބޮޑު އަދަބެއް ކޯޓުން ކަނޑައެޅީ މި ހާދިސާ ހިނގި ފަހުން ކުރި ކަމަކާ ގުޅިގެން ކަމަށް ނާޒިމް ވިދާޅުވި އެވެ. އެގޮތުން މަހްލޫފް ބަންދުގައި ހުއްޓައި ފިލަން އުޅުނު ކަމަށް މަހްލޫފަށް ކުރި އެ ދައުވާ ސާބިތުވެގެން ހަތަރު މަހުގެ ޖަލު ހުކުމެއް މަހްލޫފަށް ކުރިން އައިސްފައި އޮތުމަކީ މި މައްސަލާގައި ބޮޑު އަދަބެއް މަހްލޫފަށް ދެވޭނެ ސަބަބެއް ނޫން ކަމަށް ނާޒިމް ވިދާޅުވި އެވެ. ސަބަބެއް ކަމަށް ނާޒިމް ވިދާޅުވީ ކުށުގެ އަމަލު ހިންގާފައި ވަނީ މި މައްސަލަ އަށް ވުރެ ފަހުން ކަމަށް ވާތީ ކަމަށެވެ.

 

އެހެން ކަމުން މަހުލޫފްގެ ފަރާތުން އެދުނީ ދަށު ކޯޓުގެ ހުކުމް ބާތިލްކޮށް ދިނުމަށް ނުވަތަ އޭނާގެ އަދަބު ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށް ދިނުމަށެވެ. މަހުލޫފްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހަ މަސްދުވަހުގެ ޖަލުހުކުމުގެ އިސްތިއުނާފުގެ އަޑުއެހުންތައް ބުރާސްފަތި ދުވަހު ހައިކޯޓުން ނިންމާލުމާއެކު، މިމައްސަލައިގައި އިތުރުކަމެއް ސާފުކުރަންނެތް ނަމަ ދެން އޮންނާނީ ހުކުމް ކުރުމެވެ.

 

މަހުލޫފް މިހާރު ޖަލުގައި ތަންފީޒު ކުރަމުންދަނީ ބަންދުގައި ހުއްޓައި ފިލަން އުޅުނުކަމަށްބުނާ މައްސަލާގައި ކޮށްފައިވާ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް