ކ. މާލެ
|
10 އޯގަސްޓް 2021 | އަންގާރަ 18:27
ހެނދުނުގެ ނާސްތާ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ ދަރިވަރުންނާއެކު
ހެނދުނުގެ ނާސްތާ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ ދަރިވަރުންނާއެކު
ރައީސް އޮފީސް
ތައުލީމުގެ ގާނޫނު
ތައުލީމުގެ ގާނޫނަށް އަމަލުކުރަން ފަށައިފި
 
ދަރިވަރުންނަށާއި މުދައްރިސުންނަށް ލިބިދޭ ހައްގުތަކާއި، ދައުލަތާއި ބެލެނިވެރިންނާއި މުދައްރިސުންގެ ޒިންމާތައް ކަނޑައެޅިފައިވޭ
 
މިއީ ރާއްޖޭގައި ތަންފީޒު ކުރެވޭ އެންމެ ފުރަތަމަ ތައުލީމުގެ ގާނޫނު

ތައުލީމުގެ ގާނޫނަށް އަމަލުކުރަން މިއަދު ފަށައިފިއެވެ.

މިއީ ރާއްޖޭގައި ތަންފީޒު ކުރެވޭ މިފަދަ އެންމެ ފުރަތަމަ ގާނޫނެވެ. މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ އުނގެނުމުގެ ހައްގު އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށްޓަކައި ގާއިމުކުރަންޖެހޭ ގާނޫނީ އޮނިގަނޑު ގާއިމުކޮށް، ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމު އޭގެ މައްޗަށް ބިނާވެގެންވާ އަސާސްތައް ކަނޑައެޅުމާއި, އުނގެނުމާ ގުޅޭގޮތުން ދަރިވަރުންނަށާއި މުދައްރިސުންނަށް ލިބިދޭ ހައްގުތަކާއި ދައުލަތާއި ބެލެނިވެރިންނާއި މުދައްރިސުންގެ ޒިންމާތައް ކަނޑައެޅުމާއި، ދިވެހިރާއްޖޭގައި ތައުލީމު ދިނުމާގުޅޭ އެނޫންވެސް އާންމު ހަމަތަކާއި އުސޫލުތައް ބަޔާންކުރުމުގެ ގާނުނެވެ.

އަންގާރަ ދުވަހު މި ގާނޫނަށް އަމަލު ކުރަންފެށުމާ ގުޅިގެން، މި ގާނޫނުގައި ކަނޑައަޅާފައިވާ ކަންކަމާމެދު ތައުލީމީ ދާއިރާގެ ފަރާތްތަކަށް މައުލޫމާތު ދިނުމަށާއި، މި ގާނޫނުގެ ހާޑްކޮޕީ ނެރުމަށް މިއަދު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޚާއްސަ ހަފްލާއެއް ބާއްވާފައެވެ. މި ކޮޕީ ނެރެދެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީއެވެ. މި ހަފްލާގައި ރާއްޖޭގެ ސްކޫލްތަކުގެ އިސްވެރިން ވަރޗުއަލްކޮށް ބައިވެރިވެ ވަޑައިގެންފައިވެއެވެ.

މި ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު, ދިވެހިރާއްޖޭގައި ފެންވަރު ރަނގަޅު ތައުލީމާއި ތަމްރީނާއި އިސްލާމީ ތަރުބިއްޔަތު ދެވޭނެ މާހައުލެއް ގާއިމުކުރުމުގެ މަގުފަހި ކުރުމާއި، ދިވެހި އިސްލާމީ މުޖުތަމައަށް ފެތޭ, ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތައުލީމީ ނިޒާމެއް ގާއިމްކުރުން ހިމެނެއެވެ.

މިގާނޫނުގެ ދަށުން ކަނޑައެޅޭ ތައުލީމީ ސިޔާސަތު ތަކުގެތެރެއިން ރައްކާތެރި އަދި އަމާން މާހައުލެއް ސްކޫލްތަކުގައި ގާއިމުކޮށްދީ، އަމާން މާހައުލެއްގައި ތައުލީމު ހާސިލުކުރެވޭނެ ނިޒާމެއް ގާއިމުކޮށްދިނުމަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގެ މަސްއޫލިއްޔަތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި