ކ. މާލެ
|
10 އޯގަސްޓް 2021 | އަންގާރަ 10:11
ދިރާސީ އައު އަހަރު ފެށުމުގެ ގޮތުން ރެހެންދި ސްކޫލުގައި ބޭއްވި ހާއްސަ އެސެމްބްލީގައި ރައީސް ވާހަކަ ދައްކަވަނީ
ދިރާސީ އައު އަހަރު ފެށުމުގެ ގޮތުން ރެހެންދި ސްކޫލުގައި ބޭއްވި ހާއްސަ އެސެމްބްލީގައި ރައީސް ވާހަކަ ދައްކަވަނީ
ރައީސް އޮފީސް
ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުން
ޓީޗަރުންގެ އިނާޔަތްތަކާއި މުސާރަ ބޮޑުކުރުމުގެ މަސައްކަތް ސަރުކާރުން މިދަނީ ކުރަމުން: ރައީސް
ކޮވިޑުގެ މި ހާލަތުގައި އެންމެ ބޮޑު ބުރައެއް އުފުލި ބަޔަކީ ޓީޗަރުން
ޓީޗަރުންގެ މަސައްކަތަކީ އަގުވަޒަން ނުކުރެވޭ ވަރުގެ މަސައްކަތެއް
ޓީޗަރުންނަކީ މީހުން ބިނާކުރުމުގެ އަމަލީ މަސައްކަތް ތަންފީޒު ކޮށްދެއްވާ ބޭފުޅުން

އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ޓީޗަރުންގެ އިނާޔަތްތަކާއި މުސާރަ ބޮޑުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ދިރާސީ އައު އަހަރު ފެށުމުގެ ގޮތުން ރެހެންދި ސްކޫލުގައި ބޭއްވި ހާއްސަ އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮވިޑުގެ މި ހާލަތުގައި އެންމެ ބޮޑު ބުރައެއް އުފުލި ބަޔަކަށް ޓީޗަރުން ވެގެންދާނެ ކަމަށެވެ. އަދި ޓީޗަރުންގެ މަސައްކަތަކީ އަގުވަޒަން ނުކުރެވޭ ވަރުގެ މަސައްކަތެއް ކަމަށެވެ.

އެހެން ރަށަކަށް ގޮސް ކިޔަވައިދޭން އެއްބަސްވާ މުދައްރިސުންނަށް އިތުރު އެލަވަންސެއް ދޭން ނިންމާފައިވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ޓީޗަރުންނަކީ މީހުން ބިނާކުރުމުގެ އަމަލީ މަސައްކަތް ތަންފީޒު ކޮށްދެއްވާ ބައެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މުޖުތަމައުއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ދެ މައްސަލަކަމަށްވާ މަސްތުވާތަކެތީގެ މައްސަލައާއި ހަރުކަށި ފިކުރުގެ މައްސަލަ ހައްލުކުރުމަށް އެންމެ މުހިންމު ދައުރެއް އަދާ ކުރެވޭނީ ތައުލީމީ ނިޒާމުގެ ތެރެއިން ކަމަށެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު ތައުލީމީ ދާއިރާގައި ހިމެނޭ ހުރިހާ ފަރާތްތަކުގެ މުސާރައިގެ އޮނިގަނޑު ޕޭކޮމިޝަނަށް ފޮނުވާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި މިކަންތައްތައް ތަންފީޒު ކުރުން ލަސްވެގެންދަނީ ކޮވިޑުގެ ހާލަތާ ގުޅިގެން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ޓީޗަރުންގެ މުސާރަ ބޮޑު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅަކަށްވުމުން އެކަން ފުރިހަމަވެގެންދާނެ ކަމާމެދު ޝައްކު ނުކުރައްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޓީޗަރުންގެ މުސާރަ ރަނގަޅު ނުވުމުގެ ސަބަބުން ފެންވަރު ރަނގަޅު ޓީޗަރުން ހޯދަން އުނދަގޫ ކަމަށާއި ޓީޗަރުން މި ދާއިރާގައި ދެމިތިބުމަށް ވެސް ގޮންޖެހުންތައް ދިމާވާކަމަށެވެ.

2019 ވަނަ އަހަރުގެ އޮގަސްޓްމަހު ތެރޭގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވީ ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި އެބަދަލުތައް ވަރަށް އަވަހަށް އިއުލާންކުރައްވާނެ ކަމަށެވެ. އެހެންނަމަވެސް އެ ބަދަލުތައް އަދި މިނިސްޓްރީން ހާމަކޮށްފަ އެއް ނުވެއެވެ.

- ކޮމެންޓް