2021-2022 ވަނަ ދިރާސީ އައު އަހަރުގެ ކިޔެވުން ފަށައިފިއެވެ.
ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ސްކޫލްތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށްގެންދިއުމަށްފަހުއެވެ. ދަރިވަރުން އަނބުރާ ސްކޫލްތަކަށް ގެންދިއުމަށް ސްކޫލްތަކުން އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އެގޮތުން ދަރިވަރުން ސްކޫލަށް ވަންނަ އިރު ހުން ބެލުމާއި އަތް ސާފުކުރުމުގެ ކަންކަން ކުރިއަށްގެންގޮސްފައިވެއެވެ. މިއީ އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލާފައިވާ ގައިޑްލައިންތަކުގައި ހިމަނާފައިވާ ކަންކަމެވެ.
ގައިޑްލައިންގައި ހިމަނާފައިވާގޮތަށް ކްލާސްރޫމްތަކުގައި ދަރިވަރުން ތިބޭއިރު ގައިދުރުކަން ހުންނާނެހެން ކުދިންގެ ސީޓިން އެރޭންޖްމެންޓް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ދަރިވަރުން ސްކޫލް ތެރޭގައި އުޅޭއިރު ވެސް ގައިދުރުކަން ހުންނާނެހެން އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.
ސްކޫލަށް ހާޒިރުވެގެން ކިޔެވުން ކުރިއަށްގެންދެވޭތީ ދަރިވަރުން ތިބީ ވަރަށް އުފަލުންނެވެ. ރާއްޖެ އެމްވީއާ ވާހަކަދައްކަމުން އަމީނިއްޔާ ސްކޫލުގެ ދަރިވަރަކު ބުނީ، އެހާ ދުވަސްކޮށްފައި ސްކޫލަށް އާދެވުނީތީ ވަރަށް އުފާކުރާ ކަމަށެވެ. މިވީ ދުވަސްތަކުގައި އޮންލައިންކޮށް ކިޔެވިއިރު، އެހެން ކުދިންނާއި ޓީޗަރުންނާ ބައްދަލުނުވާތީ ބައެއް ފަހަރު ވަރަށް އުނދަގޫ ވާ ކަމަށެވެ. އެހެންނަމަވެސް ދެން އެ ހާލަތަށް އަނބުރާ ނުގޮސް، މިގޮތަށް ކުރިއަށްގެންދެވޭނެކަމަށް އުންމީދުކުރާކަމަށް އެ ދަރިވަރު ބުންޏެވެ.
ދަރިވަރުންގެ އިތުރުން ޓީޗަރުން ވެސް ތިބީ ދަރިވަރުން އަލުން ސްކޫލަށް ގެންގޮސްގެން ކިޔެވުން ކުރިއަށްގެންދެވޭތީ ވަރަށް އުފަލުންނެވެ. ރާއްޖެއެމްވީ އާ ވާހަކަދެއްކެވި އިސްކަންދަރު ސްކޫލުގެ ލީޑިން ޓީޗަރަކު ވިދާޅުވީ ދަރިވަރުން ސްކޫލަށް އަނބުރާ ގެނައުމަށް ސްކޫލް އޮތީ ވަރަށް ބޮޑަށް ތައްޔާރަށް ކަމަށެވެ. ދަރިވަރުންނަށް ކިޔަވައިދިނުމަށް ބޭނުންވާ ހުރިހާ ކަމެއް ހުންނާނީ ފުރިހަަމަވެފައި ކަމަށާއި، ޓީޗަރުން ވެސް ހަމަވެފައިވާ ކަމަށް އެ ޓީޗަރު ވިދާޅުވިއެވެ. ދަރިވަރުންގެ ރައްކާތެރިކަމަށްޓަކައި އަމަލުކުރަންޖެހޭ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަމުންދާކަން ވެސް ފާހަގަކުރެއްވިއެވެ.
ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާފައިވާއިރު، ދަރިވަރުންގެ ކިބައިން ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ފެންނަން ހުންނަނަމަ ދަރިވަރުން ސްކޫލަށް ނުފޮނުވުމަށް އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން އަންގާފައިވެއެވެ. ސްކޫލްތަކުގައި ބަލި ފެތުރުން ހުއްޓުވޭނީ މިގޮތަށް އަމަލުކޮށްގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.