ކ. މާލެ
|
9 އޯގަސްޓް 2021 | ހޯމަ 23:42
އެމްޑަބްލިއުއެސްސީގެ މެނޭޖިންގް ޑިރެކްޓަރ، ހަސަން ޝާހު
އެމްޑަބްލިއުއެސްސީގެ މެނޭޖިންގް ޑިރެކްޓަރ، ހަސަން ޝާހު
ރާއްޖެއެމްވީ
އެމްޑަބްލިއުއެސްސީގެ ބިން އަތުލުން
ބިން ދީފައިވަނީ ޕްލޭނިން މިނިސްޓްރީން، އެއީ ސިޓީ ކައުންސިލާއި ބެހޭ ކަމެއް ނޫން: އެމްޑަބްލިއުއެސްސީ
 
ސިޓީ ކައުންސިލުން ނިކުމެ އެމްޑަބްލިއުއެސްސީގެ ތަކެއްޗަށް ގެއްލުން ދޭން ޖެހޭނެކަމަށް ގަބޫލެއް ނުކުރަން
 
އަތުލަން ނިންމި ސަރަހައްދަކީ ކުންފުނީގެ ބެކަޕް ނިޒާމާއި ތެޔޮ ރައްކާކުރުމުގެ ނިޒާމުތައް ގާއިމުކޮށްފައިވާ ސަރަހައްދެއް
 
ސިޓީ ކައުންސިލްގެ ރަސްމީ ލިޔުމެއް ލިބިފައިނުވާކަމަށް އެމްޑަބްލިއުއެސްސީން ބުނޭ

މާލެ ވޯޓަރ އެންޑް ސުވަރެޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީން އަތުލުމަށް މާލެ ސިޓީ ކައުންސިލުން މަސައްކަތް ކުރާ ބިމަކީ ޕްލޭނިން މިނިސްޓްރީން އެކުންފުންޏަށް ދީފައިވާ ބިމެއްކަމުން މިކަމުގެ މަޝްވަރާކުރާނީ އެ މިނިސްޓްރީއާއެކު އެކަނިކަމަށް އެ ކުންފުނިން ބުނެފިއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި މި މައްސަލައާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހު ވަނީ މާލޭގައި ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަށް އެ ކުންފުންޏަށް ގިނަ ދަތިތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ. މީގެ ތެރެއިންވެސް ޖާގައިގެ ދަތިކަން ބޮޑުވެފައިވާކަން ފާހަގަކުރެއްވިއެވެ. މިފަދަ ހާލަތެއްގައި އެމްޑަބްލިއުއެސްސީއަށް ޕްލޭނިން މިނިސްޓްރީން ދީފައިވާ ބިމެއް އަތުލައިގެން ފަރުނުޖެއްސޭނެކަމަށް ވިދާޅުވިއެވެ. މާލޭގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު ކުރެއްވި ޓުވީޓެއް ފިޔަވައި މިކަމުގައި އިތުރު ތަފުސީލެއް ހާމަނުވާއިރު، ޝާހު ވަނީ ރަސްމީ ލިޔުމެއްވެސް ލިބިވަޑައިނުގަންނަވާކަމަށް ވިދާޅުވެފައެވެ. 1 މަސްދުވަހުގެ ތެރޭގައި ހުސްކުރުމަށް އަންގަވައި މާލެ ސިޓީގެ މޭޔަރ ޓުވީޓްކުރެއްވި ސަރަހައްދަކީ އެ ކުންފުނީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މުހިންމު ސަރަހައްދަކަށްވާއިރު، މި ސަރަހައްދުގައި އެ ކުންފުނިންވަނީ ތެޔޮ ރައްކާކުރުމުގެ ނިޒާމުތައްވެސް ގާއިމުކޮށްފައެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޝާހު ވަނީ އެކުންފުންޏަށް މި ބިން ދީފައިވަނީ ޕްލޭނިން މިނިސްޓްރީން ކަމަށްވާތީ، އެއީ ސިޓީ ކައުންސިލާއި ބެހޭ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ. އަދި ބިން އެލޮކޭޓް ކުރުމަށް މަޝްވަރާ ކުރަނީ ޕްލޭނިން މިނިސްޓްރީއާއި އެކަނިކަމަށް ވިދާޅުވިއެވެ. އަދި މި ފަދަގޮތަކަށް އޮތްކަމެއްގައި ސިޓީ ކައުންސިލުން ނިކުމެ އެމްޑަބްލިއުއެސްސީގެ ތަކެއްޗަށް ގެއްލުން ދޭން ޖެހޭނަކަމަށް ގަބޫލް ނުކުރާކަމަށް ޝާހު ވިދާޅުވިއެވެ.

ބައްލަވާ ނަރުދަމާއަށް އެކަނި ބެލިއަސް، މާލޭގައި މިއޮތީ 50،000 މީހުންނަށް އެކަށޭނަ ނިޒާމެއް. އެކަމުގައިވެސް އެބަ ބޭނުންވޭ އެކްސްޓެންޝަން. މިހާރު މިއުޅެނީ ފަހަތުގައިވާ ބިން ނަގަން. މިއީ ކުންފުނީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މުހިންމު ސަރަހައްދެއް. އަދި މި ސަރަހައްދުގައި ކުންފުނިން ވަނީ ތެޔޮ ރައްކާކުރުމުގެ ނިޒާމުތައްވެސް ގާއިމުކޮށްފައި. ބިން އެލޮކޭޓް ކުރުމަށް މަޝްވަރާ ކުރަނީ ޕްލޭނިން މިނިސްޓްރީއާއި. ސިޓީ ކައުންސިލުން ނިކުމެ އެމްޑަބްލިއުއެސްސީގެ ތަކެއްޗަށް ގެއްލުން ދޭން ޖެހޭނަކަމަށް ގަބޫލެއް ނުކުރަން.
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ، ހަސަން ޝާހު

އެމްޑަބްލިއުއެސްސީގެ އަތުން ބިންތަކެއް އަތުލަން ސިޓީ ކައުންސިލުން މިއުޅެނީ، މާލޭގެ ބައެއް މަގުތަކާއި ގޯޅިތައް އާއްމުންނަށް ބޭނުންނުކުރެވޭ ގޮތަށް ބަންދުކޮށްފައިވާތީ ދިމާވާ ދަތި އުނދަގޫތަކުގެ ޝަކުވާތަކަށް ހައްލު ހޯދުމަށް ކަމަށް ބުނެއެވެ. ކައުންސިލުން ވަނީ މިކަމުގެ ޝަކުވާ ވަރަށް ގިނައިން ލިބެމުންދާކަމަށް ބުނެ، އެ މަގުތަކާއި ގޯޅިތައް ހުޅުވުމަށް ސްޓެލްކޯއާއި އެމް.ޑަބްލިޔު.އެސް.ސީ އަށް އޯގަސްޓް 8ން ފެށިގެން 1 މަސް ދުވަހުގެ މުއްދަތެއް ދީފައެވެ.

މާލެ ވޯޓަރ އެންޑް ސުވަރެޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީގެ އަތުން އަތުލުމަށް މަސައްކަތްކުރަމުންދާ މި ބިމަކީ މިދިޔަ ސަރުކާރުން މިހާރުގެ މޭޔަރ ޑރ މުއިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވިއިރު ދޫކުރި ބިމެއްކަމަށް ޝާހު ވިދާޅުވިއެވެ. އަދި މިތާގައި ހިމެނެނީ މީގެ ކުރިން ގާޑިޔާގެ ވިޔަފާރި ކުރުމަށާއި އެކި އެހެނިހެން ބޭނުންތަކަށް ބެނުންކުރި ކުދި މަގުތަކާއި ހުސްބިންތައްކަމަށްވެސް ވިދާޅުވިއެވެ. އެމްޑަބްލިއުއެސްސީން ވަނީ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ޕާކިން ސަރަހައްދު ނެގުމަށް ވިސްނާކަމަށް ވެސް ބުނެފައެވެ.

ޝާހު ވިދާޅުވީ އެމްޑަބްލިއުއެސްސީއަށް މި ބިމުގެ މުހިންމުކަން އެއްވެސް އޮޅުމެއްނެތި ޑރ މުއިއްޒަށް ފަހުމުވާނެ ކަމުގައެވެ. މި ބިމަކީ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރކަން ޑރ މުއިއްޒު ކުރެއްވިއިރު އެމްޑަބްލިއުއެސްސީއަށް ދިނުމަށް އަމިއްލައަށް ނިންމަވާފައިވާ ބިމެއްކަމުން މިކަން ވަރަށް ސާފުކޮށް އެނގޭ ކަމަށްވެސް ވިދާޅުވިއެވެ. މިހާރު ކުއްލިއަކަށް މިތަން ސާފުކުރާށޭ، މަގު ހުޅުވައިލާށޭ ވިދާޅުވެ އަމުރު ކުރައްވައި ޓުވީޓެއް ކުރެއްވިއިރު މިކަމާގުޅޭ ގޮތުން އެމްޑަބްލިޔުއެސްސީއާ އެއްވެސް ގޮތަކުން އެއްވެސް ކަހަލަ މަޝްވަރާއެއްވެސް ސިޓީ ކައުންސިލުން ނުކުރައްވާ ކަމަށް ޝާހު ވިދަޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
50%
0%
0%
50%
0%
0%
ކޮމެންޓް