Advertisement
ކ. މާލެ
|
18 މެއި 2017 | ބުރާސްފަތި 15:30
 ހައިކޯޓުގެ ފަނޑިޔާރު އަބްދުލް ރައޫފް އިބްރާހިމް
ހައިކޯޓުގެ ފަނޑިޔާރު އަބްދުލް ރައޫފް އިބްރާހިމް
އަޒުމޫން އަހުމަދު
ޖޭއެސްސީ
ހައިކޯޓުގެ ފަނޑިޔާރު ރައޫފް ޖޭއެސްސީގެ މެމްބަރު ކަމަށް އަންޔަން ކުރައްވައިފި
ހައިކޯޓުގެ ފަނޑިޔާރަކު ޖޭއެސްސީއަށް އައްޔަން މިކުރެއްވީ މެންބަރަކު އައްޔަންނުކޮށް އޮންނަތާ ހަތް މަސް ފަހުން
ޖޭއެސްސީގެ މެމްބަރަކަށް ފަނޑިޔާރު ރައޫފް އައްޔަން ކުރައްވާފައިވަނީ ހައިކޯޓުގެ ފަނޑިޔާރުންގެ މެދުގައި ބޭއްވި އިންތިހާބަކަށް ފަހު
ޖޭއެސްސީގެ މެމްބަރެއްގެ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި އެ މަގާމަށް ބޭފުޅަކު އައްޔަން ކުރަންޖެހޭ

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހައި ކޯޓުގެ ފަނޑިޔާރު އަބްދުލް ރައޫފް އިބްރާހިމް އިންތިހާބު ކުރުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ފަނޑިޔާރު ރައޫފް ޖޭއެސްސީގެ މެމްބަރު ކަމަށް އަންޔަން ކުރައްވައިފި އެވެ.

 

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ޖޭއެސްސީގައި އިންނަވާ ހައިކޯޓުގެ ފަނޑިޔާރުގެ މަގާމުގަށް ފަނޑިޔާރު ރައޫފް އިންތިހާބު ކޮށްފައިވަނީ ބުދަ ދުވަހު އެވެ. ހައި ކޯޓުން ވަނީ އެކަން ރާއްޖެއެމްވީ އަށް ކަށަވަރު ވެސް ކޮށްދީފަ އެވެ.

 

ހައިކޯޓުން ޖޭއެސްސީއަށް ކަނޑައަޅާ ފަނޑިޔާރު ހޮވަނީ ހައިކޯޓުގެ ފަނޑިޔާރުންގެ މެދުގައި ބާއްވާ އިންތިހާބަކުންނެވެ. އިންތިހާބުގައި ފަނޑިޔާރު ރައޫފްއާ ވާދަކުރެއްވީ އެ ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އެވެ. ހައިކޯޓުގެ ހަތް ފަނޑިޔާރުންގެ މެދުގައި ނެގި ވޯޓް ރައޫފް ކާމިޔާބު ކުރެއްވީ އެއް ވޯޓުގެ ތަފާތަކުންނެވެ.

 

އިސް ފަނޑިޔާރު އަބްދުﷲ ދީދީ އަށް ތިން ވޯޓް ލިބިވަޑައިގެންނެވި އިރު، ރައޫފް އަށް ލިބިވަޑައިގެންނެވީ ހަތަރު ވޯޓެވެ.

 

ފަނޑިޔާރު ރައޫފް ޖޭއެސްސީއަށް އައްޔަންކުރައްވާފައި މިވަނީ ޖޭއެސްސީގައި އިންނަވާ ހައި ކޯޓުގެ ފަނޑިޔާރުގެ ދައުރު ހަމަވެ، އިތުރު ފަނޑިޔާރަކު ކަނޑަނޭޅި ހަތް މަހަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.

 

މީގެ ކުރިން ޖޭއެސްސީގައި ހައިކޯޓު ތަމްސީލް ކުރެއްވީ ފަނޑިޔާރު އަބްދުﷲ ހަމީދެވެ. ނަމަވެސް ފަނޑިޔާރު އަބްދުﷲ ހަމީދުގެ ދައުރު ވަނީ ހަމަވެފައެވެ.

 

ފަނޑިޔާރު އަބްދުﷲ ހަމީދު ޖޭއެސްސީ އަށް އައްޔަންކުރެއްވީ 7 ސެޕްޓެމްބަރު 2011 ގައެވެ. އަދި ގާނޫނުގައި ބުނާ ފަސް އަހަރުގެ އެއް ދައުރު ހަމަވެފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ.

 

ޖޭއެސްސީގެ ގާނޫނުގައިވާ ގޮތުން އެ ކޮމިޝަންގެ މެންބަރެއްގެ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި އެ މަގާމަށް ބޭފުޅަކު އައްޔަންކުރަންޖެހެ އެވެ. ގާނޫނުގައި ބުނެފައިވާ ގޮތުން އެ ކޮމިޝަނަށް އައްޔަންކުރައްވާ ހައިކޯޓުގެ ފަނޑިޔާރަށް މެންބަރުކަމުގައި ހުންނެވޭނީ ފަސް އަހަރުގެ އެއް ދައުރަށެވެ.

 

އަބްދުއްރައޫފު އަކީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އިން ބެޗްލަރ އޮފް ލޯ ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި އެޓާރނީޖެނެރަލްގެ އޮފީހުގެ ޤާނޫނީ ވަކީލުކަމާއި، ސިވިލްކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާކަން ހިމެނެއެވެ. އެމަނިކުފާނު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަނުކޮށް މަޤާމުގެ ހުވާ ކުރައްވާފައިވަނީ 2011 ވަނަ އަހަރުގެ މާޗް 26 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް
18 މެއި 2017 | ބުރާސްފަތި 13:14
ބޮލުރޮދި
ކޮންމެސް ކޮންމެސް ރައީސް ވިދާޅުވާ ގޮތަށް ނޫންގޮތަކަށް އެއްވެސްކަމެއް ނުކުރާތި ނަމަނަމަ