ކ. މާލެ
|
7 އޯގަސްޓް 2021 | ހޮނިހިރު 15:30
ފެހި ގާނޫނުއަސާސީ ތަސްދީގު ކުރެވުނީ 7 އޮގަސްޓް 2008 ގައި
ފެހި ގާނޫނުއަސާސީ ތަސްދީގު ކުރެވުނީ 7 އޮގަސްޓް 2008 ގައި
ޓްވިޓަރ
މަގޭ ރިޕޯޓް
މިއަދަކީ ދިވެހިންގެ ގާނޫނުއަސާސީއަށް ފެހިކަން ލިބުނުތާ ތޭރަ އަހަރު ފުރުނު ދުވަހެވެ.
ހައްގުތައް ކަށަވަރުވެ ޑިމޮކްރަޓިކް ނިޒާމެއް އުފަންކުރުވީ ގާނޫނުއަސާސީން
އައު ގާނޫނުއަސާސީ ވުޖޫދުކުރުމުގެ ދިގު ދަތުރަކީ ތޫފާނީ ކަނޑެއްގައި ކުރި ހަލަބޮލި ދަތުރެއް
ފެހި ގާނޫނުއަސާސީ ހަގީގަތަކަށްވީ އެތައް ބައެއްގެ މިންނެތް މަސައްކަތުން

މިއަދަކީ ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީ ތަސްދީގުކޮށް އެއަށް އަމަލުކުރަން ފެށިތާ ތޭރަ އަހަރު ފުރުނު ދުވަހެވެ. ދިވެހިން ތަޖުރިބާކުރަމުން މިދާ ޑިމޮކްރަސީގައި ފެހިކުލަ ޖެހި އާރޯކަން ލިބުނުތާ އަނެއްކާވެސް އިތުރު އަހަރެއް ފުރުނު ދުވަހެވެ. މިއަދަކީ ދިވެހި ޑިމޮކްރަސީ ހިންދެމިލި ދުވަހެވެ. ޑިމޮކްރަސީއަށްޓަކައި ވަކާލާތުކޮށް މަސައްކަތްކުރި އެންމެހައި ދިވެހީން އޮހޮރުވި ދަލާއި ވެފައިވާ ގުރުބާނީގެ މޭވާ ލިބުނު ދުވަހެވެ.

ޒަމާނީ ޑިމޮކްރަސީއަކަށް ދިވެހިރާއްޖެ ވާސިލުވީ މިހާތަނަށް ރާއްޖޭގައި އެކުލަވާލެވުނު އެންމެ ފުރިހަމަ ގާނޫނުއަސާސީ ވުޖޫދަށް އައުމުންނެވެ. ރާއްޖޭގައި 1932 ވަނަ އަހަރު ދުސްތޫރީ ހުކޫމަތެއް ގާއިމްކުރެވި ލިޔެވިފައި އޮންނަ ގާނޫނުއަސާސީއަކަށް އަމަލުކުރަމުން އަޔަސް ފެހި ގާނޫނުއަސާސީ އުފަންވުމާ ހަމަޔަށް ޑިމޮކްރަޓިކް މުޖުތަމައެއް ބިނާކުރުމަށް ބޭނުންވާ އެންމެހައި ތަނބުތައް ފުރިހަމައެއް ނުވެއެވެ.

ޑިމޮކްރަސީއަށް ފެހިކަން ގެނެސް ރައްޔިތުންނަށް ޖަވާބުދާރީވާ، ރައްޔިތުންގެ މަސްލަހަތަށް އިސްކަންދޭ، ރައްޔިތުންގެ ޖުމްހޫރީ ވެރިކަމެއްގެ ބިންގާ އަޅައިދޭ ފެހި ގާނޫނުއަސާސީއެއް ލިބިގަތުމަށް ދިވެހިން ކުރި ދަތުރަކީ އަމާން އޮމާން ދުވެލިބާރު ފަހި ދަތުރެއް ނޫނެވެ. ގަދަ ކަނޑުތައް ހުރަސްކުރަން ޖެހުނެވެ. ތޫފާންތަކުގެ ނުރައްކާ ކުރިމަތިވިއެވެ. ކުރިޔަށް ނުދެވި މަޑުޖެހިފައި ތިބޭންވެސް ޖެހުނެވެ. މިހުރިހާ ގޮންޖެހުންތަކާއެކުވެސް ދެގޮތެއް ނުވެ ދިވެހިން ކުރި މަސައްކަތުގެ ނަތީޖާ ފެނުނީ 7 އޮގަސްޓު 2008ގައެވެ.

ފުރިހަމަ ޒަމާނީ ޑިމޮކްރަސީއަކަށްފެތޭ، ރައްޔިތުންގެ ބޭނުންތަކާއި އިހުސާސްތަކާއި އުންމީދުތަކާ ފައިހަމަވާ ގާނޫނުއަސާސީއެއް ވުޖޫދު ކުރެވުނީ އެކަމަށްޓަކައި އެކުލަވައިލެވުނު ރައްޔިތުންގެ ޚާއްސަ މަޖިލީހުން އެތަކެއް އަހަރުވަންދެން ކުރި ބުރަ މަސައްކަތުންނެވެ. މި މަސައްކަތުގެ ތެރެއިން ދިވެހިރާއްޖެ ފަޚުރުވެރިވާ ފަދަ ބަތޮލުންތަކެއް ފެނުނެވެ. އެބޭފުޅުންނަށްޓަކައި މި ގައުމު އަބަދުގެ އަބަދަށްވެސް ފަޚުރުވެރިވާނެއެވެ.

ލިސްޓު މާކަދިގެއް ނޫނެވެ. ކުރެއްވެސް ނޫންމެއެވެ. އެހެންވީމާ އެހުރިހާ ބޭފުޅުންގެ ނަން ނުގެނައިކަމަށްވިޔަސް އެންމެހައި ބޭފުޅުންނަށް އެންމެހައި ދިވެހީންގެ ނަމުގައި ޝުކުރިއްޔާއެވެ. މިއަދުގެ ރައީސުލްޖުމްހޫރިއްޔާއަކީ އެދުވަހު މި ގާނޫނުއަސާސީ ވުޖޫދު ކުރުމުގެ ސަފުގައި އިސްކޮށް ތިއްބެވި ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. މަޖިލީހުގެ ފާދިއްޕޮޅުގެ މެންބަރުންގެ ތެރެއިން މެންބަރެކެވެ. އެމަނިކުފާނުގެ ކޯލިޝަނުގެ އެއްބައިވެރިޔާ ކަމުގައި މިއަދު ހިމެނިވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމަކީ ފެހި ގާނޫނުއަސާސީ ވުޖޫދުކުރި ޚާއްސަ މަޖިލީހުގެ ރައީސެވެ.

ފެހި ގާނޫނުއަސާސީ ވުޖޫދު ކުރެވި އެއަށް އަމަލުކުރަން ފެށިތާ ތޭރަ އަހަރު ފުރުނުއިރު މި ގާނޫނުއަސާސީން ދިވެހިންނަށް ލިބުނު އެންމެ ފޮނި މޭވާއަކީ ބާރުތައް ވަކިވެފައިވާ ނިޒާމަކަށް މަގުކޮށުމެވެ. އެކެއްގެ މުށުތެރޭގައި ހުރިހާ ބާރުތައް ހިފެހެއްޓިފައި ނެތި އެއްބަޔަކު އަނެއްބަޔަކަށް ފާރަވެރިވާ ނިޒާމަކަށް މައިދާން ސާފުވުމެވެ. އަދުލުއިންސާފުގެ ދާއިރާ މިނިވަންވުމާއި ގާނޫނު ހަދާ ބާރުގެ ހުދޫދުތައް ބަޔާންވެ އެނގުމެވެ. ޚަޒާނާގެ ތަޅުދަނޑިޔާއި ބަޑިގުދަނުގެ ތަޅުދަނޑީގެ ވަށައިގެން މުއައްސަސާތައް ދައުރުވުމުގެ ޒަމާންވީ ސަގާފަތަށް ނިމުން އައުމެވެ. މިހެންގޮސް އަދިވެސް ކިތަންމެ ކަމެކެވެ.

ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުވެ ވެރިން ބޭނުންވީމާ ބޭނުންހާ ވަގުތަކު ރައްޔިތުން ހިފައި ހައްޔަރުކޮށް ހުރަގެޔަށްލައި އަދަބުދިނުމުގެ ޒަމާންވީ ސަގާފަތަށް ނިމުން ގެނެސްދިނީވެސް މި ގާނޫނުއަސާސީއެވެ. ވެރިކަން ފެށިގެން އަންނަނީ ރައްޔިތުންގެ ތެރެއިންނޭ ލިޔެގެން ތިއްބަކަސް އެބުނާ އެއްޗެއްގެ މާނަ ދިވެހިންނަށް މޭރުންވީ މި ގާނޫނުއަސާސީގެ ސަބަބުންނެވެ. އެހެންވީމާ މިއަދަކީ ދިވެހީން ފާހަގަ ކުރަން ޖެހޭނެ ދުވަހެކެވެ. އުފާކުރަން ޖެހޭނެ ދުވަހެކެވެ. ގައުމުގެ ހަގީގީ ހިއްސާދާރުންނަކީ ރައްޔިތުންކަން ސާފުބަހުން ލިޔެ އެގޮތަށް ގައުމު ބައްޓަންކުރި އެއްޗަކީ ފެހި ގާނޫނުއަސާސީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް