ކ. މާލެ
|
18 މެއި 2017 | ބުރާސްފަތި 08:14
ބުދަ ދުވަހުގެ ރޭ އައްޑޫ ސިޓީއަށް އެރި ނަގޫރޯޅީގައި 13 ގެއަކަށް ވަނީ ގެއްލުންލިބިފައި
ބުދަ ދުވަހުގެ ރޭ އައްޑޫ ސިޓީއަށް އެރި ނަގޫރޯޅީގައި 13 ގެއަކަށް ވަނީ ގެއްލުންލިބިފައި
ރާއްޖެ އެމްވީ
ނަގޫރޯޅި
ނަގޫރޯޅީގައި ހާލުގައި ޖެހުނު އާއިލާތަކަށް ވަގުތީ ބޯހިޔާ ވެހިކަން ފޯރުކޮށްދީފި
ފުރާޅު އެއްލާލި ގެތަކުގެ މީހުން ދިރިއުޅެމުން ދަނީ އެމީހުންގެ އާއިލާ އާއި ރަހްމަތްތެރިންގެ ގެތަކުގައި
ބޮޑަތި ގަސްތައް ވެއްޓި މަގު ވަނީ ބުލޮކްވެފައި
ގެތަކުގެ ހިފާގެންގުޅޭ އަގު ބޮޑަތި ތަކެއްޗަށް ވަނީ ގެންލުންލިބިފައި

އައްޑޫ ސިޓީ ހިތަދޫއަށް އެރި ނަގޫރޯޅީގެ ސަބަބުން ހާލުގައި ޖެހުނު އާއިލާތަކަށް ވަގުތީ ގޮތުން ބޯހިޔާވަހިކަން ފޯރުކޮށްދީފި ކަމަށް އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ސޯދިގް ( ސޯބެ) ވިދާޅުވެއްޖެއެވެ.

 

ބުދަ ދުވަހުގެރޭ 10:00 ކަންހާއިރު ހިތަދޫއަށް އެރި ނަގޫރޯޅިއާ ގުޅޭގޮތުން ވާހަކަ ދައްކަމުން ސޯބެ ވިދާޅުވީ ނަގޫރޯޅީގެ ސަބަބުން ޖުމްލަ 13 ގެއެއްގެ ފުރާޅު އެއްލާލައި އެކި ވަރުގެ ގެއްލުން އެ ގެތަކަށް ލިބިފައިވާ ކަމަށެވެ. ފުރާޅު އެއްލާލި ގެތަކުގައި ދިރިއުޅެމުން ދިޔަ މީހުންނަން ވަގުތީ ގޮތުން މީހާރު ބޯހިޔާވަހިކަން ފުލުހުންނާއި ސިފައިންގެ އެހީތެރިކަމާއި އެކު ފޯރުކޮށްދީފައިވާ ކަމަށް ސޯބެ ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ 13 ގެއެއްގެ ފުރާޅު އެއްލާލާފައިވާއިރު، އެގެތަކުގައި ހިފާގެންގުޅޭ ގިނަ ތަކެތި ވެސް ވަނީ ހަލާކުވެފައި

 

ފުރާޅު އެއްލާލި ގެތަކުގެ ހިފާގެންގުޅޭ ތަކެއްޗަށް ވެސް ބޮޑަތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކުރަމުން ސޯބެ ވިދާޅުވި ގޮތުގައި އެގެތަކުގައި ދިރިއުޅޭ މީހުން ވަގުތީ ގޮތުން ބޯހިޔާވަހިކަން ހޯދަމުން ދަނީ ހިތަދޫގައި ގެއްލުން ނުލިބި ހުރި ގެތަކުގައެވެ. އެގޮތުން ގެއްލުން ލިބުނު ގެތަކުގައި ދިރިއުޅޭ މީހުންގެ އާއިލާގެ ގެތަކުގައި އާއި ގާތް ރައްޓެހިންގެ ގެތަކަށް ވަގުތީ ގޮތުން ބަދަލުކުރެވިފައިވާ ކަމަށް ސޯބެ ވިދާޅުވިއެވެ.

 

މީގެ އިތުރުން ސްކޫލް ކުދިންގެ ތަކެތި ވިއްކާ އައިލެންޑް ބުކްސޮޕާއި ސިލިންކޯ އިންޝުއަރެންސް ކުންފުނީގެ އޮފީހަށް ވެސް ވަނީ ގެއްލުން ލިބިފައެވެ. އައިލެންޑް ބުކްސޮޕްގެ ފުރާޅުވެސް ނަގޫރޯޅީގައި އެއްލާލާފައި ވަތީ އެފިހާރާގައި ހުރި މުދާ ވަނީ ހަލާކުވެފަ އެވެ. 

ހިތަދޫ ބޮޑު މަގުގައި ހުންނަ ހެޕީޒޯން ފިހާރަ ކުރިމައްޗަށް ވާގޮތަށް އޮންނަ މަގުގައި ހުރި ބޮޑު ބިޔަ ތިން ގަސް ވެއްޓުނުނަމަވެސް، މިހަދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވާ ކަމަށް ފުލުނުން ވަނީ ބުނެފައެވެ. 

މިދިސާއާއި ގުޅިގެން ދިވެހި ރެޑްކޮރަސަންޑާއި އައްޑޫ ހައުސިން މިނިސްޓްރީގެ ޑިޕާޑްމެންޓުގެ އިތުރުން އެމްއާރުޑީސީގެ ފަރާތުން ވެސް އެހީތެރިކަން ފޯރުކޮށްދޭކަން ސޯބެ ވަނީ ފާހަގަކޮށްފައެވެ.

މި ހާދިސާގައި ލިބުނު ގެއްލުންމުގެ ތަފްސީލް  ބަލަމުން އަންނަ ކަމަށާއި، ލިބުނު ގެއްލުމުގެ ތަފްސީލެއް ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ހޯދޭނެ ކަމަށް ލަފާކުރެވޭ ކަމަށް ސޯބެ ވިދާޅުވި އެވެ.

 މަންޒަރު ދުށް މީހަކު "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެމުން ބުނީ ނަގޫ ރޯޅި އަރާފައިވަނީ ހިތަދޫ ބޮޑު މަގުގައި ހުންނަ ވޭލީ ގެއާއި އަދި އެގެއާއި އިންވެގެން ހުރި ގެ ހިމެނޭ ސަރަހައްދަށް ކަމަށެވެ.

 

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިތަދޫއަށް ނަގޫރޯޅިއެއް އަރާ ގެއްލުން ލިބުނު ހަބަރު ރައީސް ޔާމީން އެއްސެވީ ނުހަނު ހިތާމަޔާ އެކުގައި ކަމަށެވެ. އައްޑޫ ރައްޔިތުންނަން ލިބުނު ގެއްލުން ރައީސް ޔާމީން ގާތުން ބަލަމުންދާ ކަމަށް މުއާޒް ވިދާޅުވިއެވެ.

 

ނަގޫރޯޅީގެ ސަބަބުން ގެއްލުން ލިބުނު އައްޑޫ ސިޓީގެ ރައްޔިތުންނަން އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ފަންޑް ފޮއްޓެއް ބެހެއްޓުމަށް ރާއްޖެޓީވީން ވަނީ ނިންމާފައެވެ.

- ކޮމެންޓް