ކ. މާލެ
|
10 އޯގަސްޓް 2021 | އަންގާރަ 22:48
އައްޑޫ ފްލައިން ސްކޫލްގައި ކިޔަވާ 170ށް ވުރެ ގިނަ ދަރިވަރުންގެ ކިޔެވުން ވަނީ ހުއްޓިފައި
އައްޑޫ ފްލައިން ސްކޫލްގައި ކިޔަވާ 170ށް ވުރެ ގިނަ ދަރިވަރުންގެ ކިޔެވުން ވަނީ ހުއްޓިފައި
މިހާރު
މަގޭ ރިޕޯޓު
އެވިޑް ކޮލެޖުން އޭއޭއޭ ހިމާޔަތް ކުރަނީ ކީއްވެ؟
 
ކުލީގެ ގޮތުގައި ދައްކަންޖެހޭ ހަމަ އަގު އަދި މިހާތަނަށް ދައްކާފައި ނުވާކަމުގެ ވާހަކަތައްވެސް ވަނީ ފެތުރިފައި
 
ސްކޫލުގެ މުދާ ފްލައިން ސްކޫލް ނޫން އެހެން ބޭނުންތަކަށް ބޭނުން ކޮށްފައިވާ ކަމުގެ ތުހުމަތުވެސް ކުރެވޭ
 
އެވިޑް ސްކޫލް އޮފް އޭވިއޭޝަންއަކީ އޭޓީއޯ އެޕްރޫވަލް ލިބިފައިވާ މުއައްސަސާއެއް ނޫން

އައްޑޫ ފްލައިން ސްކޫލަކީ 2009ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ސްކޫލެކެވެ. އޭޝިއަން އެކެޑަމީ އޮފް އޭރޮނޮޓިސް، އޭއޭއޭގެ ނަމުގައި ހިންގަމުން އަންނަ މި ސްކޫލުން ޕައިލެޓްކަން ކިޔަވަމުންދާ އެތައް ދިވެހި ދަރިވަރުންނެއް އެބަތިއްބެވެ. މިސްކޫލުން ތިއަރީއާއި، ތަމްރީނު ކްލާސްތަކާއެކު ކޯސް ނިންމާލުމަށް އެންމެ ގިނަވެގެން ނަގަނީ 18 މަސް ދުވަހެވެ. ކޯހުގެ ފީއަކީ 45،000 އެމެރިކާ ޑޮލަރެވެ.

މިހެން މިކަން އޮތް އިރު، މިހާރު އެ ސްކޫލްގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކޯސް ފުރިހަމަ ނުވެ އަހަރުތައް ވަނީ ދިގުލައިގެން ގޮސްފައެވެ. ދަރިވަރުންނާ ބެލެނިވެރިންގެ ޝަކުވާތައް ފުލުފުލުގައި އެ ސްކޫލަށާއި ކަމާ ގުޅުން ހުރި އިދާރާތަކަށް ހުށަހަޅައެވެ. އެހެންނަމަވެސް މިކަމަށް އެދެވޭ ހައްލެއް ނާންނަ ކަމަށް ދަރިވަރުންވެސް އަދި ބެލެނިވެރިންވެސް ދަނީ ބުނަމުންނެވެ.

އޭއޭއޭ ހިންގުމަށް ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ޖުލައި މަހުގެ 31ވަނަ ދުވަހަށްވަނީ ހަމަވެފައެވެ. އިތުރަށް މި އެއްބަސްވުން އައު ނުކޮށްދޭން އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ކޮމްޕެނީން ވަނީ ނިންމާފައެވެ. އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ކޮމްޕެނީގެ މެނޭޖިނގ ޑިރެކްޓަރ ގައިސް ނަސީރު ވިދާޅުވީ، އޭޝިއަން އެކެޑަަމީ އޮފް އޭރޮނޯޓިކްސް (އޭއޭއޭ) އާއެކު އެ ކުންފުނިން ވެފައިވާ އެއްބަސްވުން އައު ނުކުރުމަށް ބޯޑުން ނިންމާފައިވާ ކަމަށެވެ. އެއްބަސްވުމުގެ މުއްދަތު ޖުލައި މަހުގެ 31ށް ވަނީ ހަމަވެފައެވެ.

ގައިސް ވިދާޅުވީ، 2018 ވަނަ އަހަރު ވެސް އެއްބަސްވުން އައު ނުކުރުމަށް ބޯޑުން ނިންމިއެވެ. އެކަމަކު އޭއޭއޭގެ އެދުމުގެ މަތިން އެ އަހަރު އެއްބަސްވުން އައު ކޮށްދިނީއެވެ. އޭގެ ފަހުން 2020 ވަނަ އަހަރު އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، އަނެއްކާވެސް ދަރިވަރުންގެ ކޯސް ނިންމުމަށް އެއް އަހަރު ދުވަހުގެ މުއްދަތު ބޭނުން ކަމަށް ބުނުމުން އެ މުއްދަތު ވެސް އޭއޭއޭއަަށް ދިނީއެވެ. އެތަން ހުސްކުރުމަށް ކުރަންޖެހޭ މަސައްކަތް މިހާރު ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން އަންނަނީ ކުރަމުންނެވެ.

އެއްބަސްވުމުގެ މުއްދަތު ހަމަވިއިރު، ފްލައިން ސްކޫލްގެ ފަރާތުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ކުލީގެ ގޮތުގައި ދައްކަންޖެހޭ ހަމަ އަގު އަދި މިހާތަނަށް ދައްކާފައި ނުވާކަމުގެ ވާހަކަތައްވެސް ވަނީ ފެތުރިފައެވެ. އަދި އެ ސްކޫލުގެ މުދާ ފްލައިން ސްކޫލްގެ ބޭނުމަށް ނޫން އެހެން ބޭނުންތަކަށް ބޭނުން ކޮށްފައިވާ ކަމުގެ ތުހުމަތުތަކެއްވެސް އޭއޭއޭގެ މައްޗަށްވަނީ ކުރެވިފައެވެ.

ދަރިވަރުންގެ ކޯސް ނުނިމި ދުވަސްތައް ދިގުލައިގެން ދާތި އެކަމާ ދަރިވަރުން ޝަކުވާ ކުރަން ފެށުމުން އޭއޭއޭއިން ދަރިވަރުންނަށް ބިރު ދެއްކި ކަމަށްވެސް ދަރިވަރުން ބުނެއެވެ. ކޯހުން ވަކި ކޮށްލާނެ ކަމަށް ބުނެ ބިރު ދެއްކުމުން އެ ވާހަކަ ދައްކަންވެސް ޖެހިލުންވާ ކަމަށް ދަރިވަރުން ބުނެއެވެ. އެފަދަ ހާދިސާއެއް ކިޔައިދެމުން ދަރިވަރަކު ބުނީ، ތަމްރީނުތައް ފުރިހަމަ ނުވެ ދިގުލައިގެންދާ ކަމުގެ ޝަކުވާ ސިވިލް އޭވިއޭވިއޭޝަން އޮތޯރިޓީއަށް ހުށަހެޅި، ދަރިވަރުން ވަގުތުން ޓާރމިނޭޓް ކޮށްފައިވާ ކަމަށެވެ.

މި ހުރިހާ ކަމެއް މިހެން ހިނގަމުން ދަނިކޮށް އެވިޑް ކޮލެޖުން އޭއޭއޭގެ މިލްކިއްޔާތު ގަނެ އެއްބަސްވުމުގައި ސޮއިކުރީ، ޖޫން މަހުގެ 24ވަނަ ދުވަހުއެވެ. މިއެއްބަސްވުން އެކުލަވާލިއިރު، އެވިޑް ކޮލެޖަކީ، ފްލައިން ސްކޫލެއް ހިންގުމުގެ ލައިސަންސް އޮތް ބައެއް ނޫނެވެ. ދަރިވަރުންގެ ހައްގުގައި ކަމަށް ބުނެ، އެވިޑް ކޮލެޖުން މިފަދަ ބޮޑު އިންވެސްޓްމެންޓެއް، ފެއިލްވެފައިވާ ބަޔަކާއެކު ކުރީ ކީއްވެތޯ ސުވާލު އުފެދެއެވެ.

ދިވެހިރާއްޖޭގެ ޕައިލެޓް ލައިސެންސްގެ ބޭނުމަށްޓަކައި ހިންގާ ޓެރެއިނިން ކޯސްތައް ހިންގޭނީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެމަތީން އެޕްރޫވްޑް ޓެރެއިނިން އޯގަނައިޒޭޝަން (އޭޓީއޯ) އެޕްރޫވަލް ހޯދައިގެންނެވެ. މިގޮތުން، 2021 ޖުލައި 17 އާއި ހަމައަށް އެވިޑް ސްކޫލް އޮފް އޭވިއޭޝަންއަކީ އޭޓީއޯ އެޕްރޫވަލް ލިބިފައިވާ މުއައްސަސާއެއް ނޫން ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ ބުނެފައެވެ. އަދި ހަމަ އެ ތާރީޚާ ހަމައަށް އޭޓީއޯ އެޕްރޫވަލް ހޯދުމަށް އެދިފައެއްވެސް ނުވެއެވެ.

އޭޓީއޯ އެޕްރޫވަލް އޯގަނައިޒޭޝަނެއްގެ އެޕްރޫވަލްގެ ދަށުން އެހެން ފަރާތަކަށް އެޕްރޫވްޑް ކޯސްތަކެއް ނުހިންގޭނެއެވެ. އެއްވެސް ފަރާތަކުން އެޕްރޫވްޑް އޯގަނައިޒޭޝަންގެ ހިއްސާ ގަނެފިނަމަ، އެހިސާބުން ފެށިގެން އެފަރާތް އެޕްރޫވްޑް އޯގަނައިޒޭޝަންގެ ޙިއްސާދާރެއް ކަމުން، ޙިއްސާދާރަކަށް ލިބޭ ހުރިހާ ހައްގުތަކަކާއި މަންފާތަކެއް އެފަރާތަކަށް ލިބޭނެކަމަށް ފެންނަ ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެއެވެ.

އޭޓީއޯ އެޕްރޫވަލް ހޯލްޑްކުރާ އޯގަނައިޒޭޝަނަކުން އެ އޯގަނައިޒޭޝަނަށް ދޫކޮށްފައިވާ އެޕްރޫވަލްގެ ދަށުން އެޕްރޫވްޑް ކޯސްތައް ހިންގުމަށްޓަކައި އެހެން ފަރާތަކާއެކު ކުރެވޭ ވިޔަފާރީގެ މުޢާމަލާތެއްގެ ސަބަބުން އެޕްރޫވްޑް އޯގަނައިޒޭޝަންގެ ހިންގުމަށް ބަދަލެއް އަންނަނަމަ، އެ ބަދަލެއް ޗޭންޖް މެނޭންޖްމަންޓް ޕްރޮސީޖާތަކާއި އެއްގޮތްވާ ގޮތުގެ މަތީން ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް ހުށަހަޅައި، ހުއްދަ ހޯދަން ޖެހެއެވެ.

އެޕްރޫވްޑް އޯގަނައިޒޭޝަނަކާއި އެހެން ފަރާތަކާއި ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތެއްގެ ސަބަބުން އެޕްރޫވްޑް އޯގަނައިޒޭޝަނަށް ބަދަލުތަކެއް އައި ނަމަވެސް، އެޕްރޫވްޑް އޯގަނައިޒޭޝަނަށް ދޫކޮށްފައިވާ އޭޓީއޯ އެޕްރޫވަލްގެ ދަށުން ކޯސްތައް ކުރިއަށް ގެންދެވޭނީ އެޕްރޫވްޑް އޯގަނައިޒޭޝަނަށެވެ. މިހާލަތުގައިވެސް، އޭޓީއޯ އެޕްރޫވަލް ދެމިއޮންނާނީ އެޕްރޫވްޑް އޯގަނައިޒޭޝަނަށް ދޫކޮށްފައިވާ ހުއްދައިގެ ގޮތުގައެވެ.

މިހުރިހާ ކަމަކަށް ބަލާއިރު، އަދިވެސް އެޕްރޫވްޑް އޮގަނައިޒޭޝަނަކީ، އޭއޭއޭއެވެ. އެހެންކަމުން ދަރިވަރުންނަށް އޮޅުވާލަން އެވިޑުން މަސައްކަތްކުރަމުން އަންނަކަން ހާމަވެއެވެ. ފްލައިން ސްކޫލް ގަންނަން މިހާ ބޮޑު ޚަރަދެއް އެވިޑުން ކުރުމުގެ ކުރިން އޭޓީއޯ އެޕްރޫވަލް ހޯދަން މަސައްކަތް ކޮށްފައިނުވާކަން ހާމަވެއެވެ. އެވިޑުން އެންމެ ފުރަތަމަ ދަރިވަރުންނަށް އެވިޑްގައި ރެޖިސްޓްރީވާން ފޯމް ފޮނުވިއިރު، އެތަނަށް ކޯސް ހިންގުމުގެ ހުއްދައެއް ނެތެވެ. ހުއްދަ ނެތް ތަނެއްގައި ރެޖިސްޓްރީވާން ފޮނުވުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އޭގެ ދުވަސްކޮޅެއް ފަހުން އަނެއްކާ އޭއޭއޭގައި ރެޖިސްޓްރީވާން ފޯމް ފޮނުވިއިރު، އެ ދަރިވަރުންނަކީ މިހާރުވެސް އޭއޭއޭގެ ދަރިވަރުންނެވެ.

މިކަންކަމާ ގުޅޭ ގޮތުން އެވިޑުން އެއްވެސް ޖަވާބެއް ނުދެއެވެ.

އެވިޑުން މި ހުރިހާ ކަމެއް މިހެން ކުރާއިރު ހަމަ އެކަނި އުދުހުމުގެ ގަޑި ހަމަ ނުވެގެން ކޯސް ނުނިމި ތިބި ދަރިވަރުންވެސް އެބަތިއްބެވެ. ގަޑި ހަމަ ކުރާނެ ފްލައިޓެއްވެސް އެތަނުގައި ނެތެވެ. ބޭނުންކުރި 14 ފްލައިޓްވެސް އޮތީ މެއިންޓެއިން ނުކުރުމުގެ ސަބަބުން ހަލާކުވެފައެވެ. އެކި ނަންނަމުގައި ދަރިވަރުން އަތުން އެތައްހާސް ޑޮލަރެއް އޭއޭއޭއިން ވަނީ ނަގާފައެވެ. ފްލައިޓްތައް ބޭނުން ނުކުރެވޭތީ، އުދުހުމުގެ ގަޑި ހަމަ ކުރަން އެހެން ފްލައިޓްތަކަށް ދަރިވަރުންގެ އަތުން އިތުރު ފައިސާ ނަގައެވެ. މިކަހަލަ ކިތަންމެ ކަމެއް އޭއޭއޭއިން ވަނީ ކޮށްފައެވެ.

އެންމެ ފަހުން ދަރިވަރުން މިހާރުވަނީ ބަދަލު ހޯދަން ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. ކޯޓުގައި އޭއޭއޭއިން ދަރިވަރުން ބަދުނާމު ކުރަން މަސައްކަތްކުރާ ކަމަށް ދަރިވަރުން ވަނީ ބުނެފަައެވެ. މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި އޭޝިއަން އެކަޑަމީ އޮފް އޭރޮނޮޓިކްސްގެ ފަރާތުން ބުނެފައިވަނީ، ދަރިވަރުންގެ ކޯސް ނުނިމި އޮތީ ދަރިވަރުންގެ ސަބަބުން ކަމަށެވެ. އެކަން ދޮގުކޮށް ދަރިވަރުން ބުނީ، ކޯސް ނުނިމި އޮތީ ދަރިވަރުންގެ ސަބަބުން ނޫން ކަމަށާއި، އޭއޭއޭއިން ދަރިވަރުންނަށް ކޮށްދޭންޖެހޭ ކަންކަން ކޮށްނުދިނުމުގެ ސަބަބުން ކަމަށެވެ. ދަރިވަރުން ބުނީ، އިމްތިހާނުތައް ނިންމުމަށްފަހު، އުދުހުމުގެ ގަޑިތައް ހަމަކުރުމަށް ވަކި މުއްދަތެއް އޮންނައިރު، އެ މުއްދަތުގެ ތެރޭގައި، އެކަން އޭއޭއޭއިން ފަހި ކޮށްދީފައިނުވާ ކަމަށެވެ.

ކޯޓުގައި ދަރިވަރުން އެދިފައި ވަނީ، ތަމްރީނު ދިނުމަށް އޭއޭއޭއިން ދަރިވަރުންނާއެކުވީ އެއްބަސްވުމާ އެ ކުންފުނިން ޚިލާފުވެފައިވާ ކަމަށް ކަނޑައަޅައިދިނުމަށެވެ. ތަމްރީނުގެ ނަމުގައި ހައްގު ނޫން ފައިސާތަކެއް ނަގާފައިވާތީ އެ ފައިސާ އަނބުރާ ހޯދުމަށެވެ.

ފްލައިން ސްކޫލް ހިންގަމަށް ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ކޮމްޕެނީއާއެކު އައު އެއްބަސްވުމަކަށް ދިއުމުގެ ފުރުސަތު މިހާރު ކުޑަ ވެފައިވާއިރު، މިއީ އަނެއްކާވެސް ދަރިވަރުންގެ ކޯސްތައް ދިގުލައިގެންދާނެ ކަމެކެވެ. ފްލައިން ސްކޫލް ހިންގަމުން އައިތަނާއި، އެކޮމޮޑޭޝަން ބްލޮކްވެސް ހުސްކުރުމަށް މިހާރު އަންގާފައިވާއިރު، އެ އެއްބަސްވުމުގެ މުއްދަތު ހަމަވާން މިހާ ކުޑަތަންވެފައިވަނިކޮށް އެވިޑުން އޭއޭއޭ ހިމާޔަތް ކުރަން ކުރީ ސަފަށް ނުކުތީ ކޮން ސަބަބަކާހުރެ ކަމާމެދު ސުވާލު އުފެދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
60%
20%
0%
10%
0%
10%
ކޮމެންޓް
11 އޯގަސްޓް 2021 | ބުދަ 01:32
މޫސަ
އެވިޑް ކޮލެޖަކީ ވަގު ސެޓުފިކޭޓް ވިއްކާ ތަނެއް، އެންމެފަހުން ޕައިލެޓް ވަގު ސެޓުފިކެޓް ވިއްކަން އެހިޔާލުކުރަނީ. ދެން ވާނެގޮތް ނިކަން ވިސްނާލައްވާ. ސަރުކާރުން އެވިޑުން އެކުރަން އުޅޭކަންތަކުން ދަރިވަރުން ސަލާމަތް ކޮއްދެން ޖެހޭނެ.