މާލެއާއި މާލެ ކައިރި ސަރަހައްދުތައް ތަރައްގީ ވެގެން ގޮސްފައިވަނީ އެތާ ކައިރީގައި ބައިނަލް އަގުވާމީ ދުނިޔެއާއި ގުޅުވާލަދޭ އެއަރޕޯޓެއް އޮތުމުންނެވެ. ހަމަ މި ބީދައިން ރާއްޖޭގެ އެހެން ހިސާބުތަކުގައި ވެސް ކުރިން އައި ސަރުކާރުތަކުން އެކަން ކުރި ނަމަ މިއަދު މުޅި ރާއްޖެ އޮންނާނީ އެކީ އެކައްޗަކަށް ތަރައްގީވެ ބައިނަލްއަގުވާމީ ދުނިޔެއާއި ގުޅިލާ މެހިފައެވެ. ކުރިން ފެނިގެން ދިޔައީ މާލެ ސަރަހައްދު ނޫން ތަނެއް ތަރައްގީ ނުކުރުމުގެ ވާހަކައެވެ. ތަރައްގީ އަކީ ހަމައެކަނި ވެރިކަން ކުރާ ފުރަ މާލެއަށް އޮތް އެއްޗެއްގެ ގޮތުގައެވެ.
އެ ވިސްނުން ބަދަކުރަން ރަށްރަށުގެ ރައްޔިތުން އެދި އާދޭސްކުރިނަމަވެސް މާލެއަށް އުފަން ވެރިން އެކަން ކުރަން ދެކޮޅުހެދިއެވެ. އެ ވާހަކަ އަޑުއަހާ އެކަމަށް އިޖާބަ ދެއްވީ އެންމެ ވެރިއެކެވެ. އެއީ ޅ. ހިންނަވަރު ނޫރާނީއާގެ އިިބްރާހިމް މުހައްމަދު ޞާލިހެވެ. އާދެ ރަށްރަށުގެ ރައްޔިތުންގެ ރައީސެވެ. އެމަނިކުފާނުގެ ދުރު ވިސްނުންފުޅާއި، މުޅި ރާއްޖެ ތަރައްގީ ކުރުމުގެ ޕްލޭނާއެކު ވެރިކަމަށް ވަޑައިގެން ފެށި މަސައްކަތް މިއަދު އެ ދަނީ ފަތުއަޑު ކިޔާފައި ހިނގަމުންނެވެ. ފެންނަން ހުރީ ހުސް ނުކުރެވި ހުރި ކަންކަން ކުރައްވަމުން ގެންދަވާ މަންޒަރެވެ.
މީގެ އެއް މިސާލަކީ ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީގެ ތަރައްގީއާއި އެ ތަރައްގީއާއެކު ގުޅިފައިވާ ދެކުނު ތަރައްގީ އާ އުސްމިންތަކަކަށް ގެންދަވާ މަންޒަރެވެ. މިއަދު ފެށިގެން އެ ދިޔައީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ އަމަލީ މަސައްކަތެވެ. އަމަލީ މަސައްކަތް ފެށިގެން ދިޔަ އިރު މަސައްކަތަކަށް ބޭނުންވާ ސާމާނު ގެނެވި މަސައްކަތް ކުރަން ފަށާފައެވެ.
ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއެކު ބޮޑު ދެކުނުގެ ތަރައްގީއަށް ބަދަލު އަންނަ ވާހަކަ ދެކެވެނީ، ދެކުނާއި ބައިނަލްއަގުވާމި ދުނިޔެއާއި ގުޅުވާލެވޭތީއެވެ. ދުނިޔޭގެ ފެންވަރުގެ އެއަރލައިންތައް އައިސް އިގްތިސާދީ ހަރަކާތްތައް ފެށިގެން ދާތީއެވެ. ޖީބުތަކަށް ލާރި ވަދެ، ރައްޔިތުން އެތައް ގޮތަކުން ފުދިގެންދާނެތީއެވެ. މި މަޝްރޫއާއެކު ދެކުނުގެ ސަރަޙައްދުގައި ފަތުރުވެރިކަމާއި މަސްވެރިކަމާއި އެހެނިހެން ސިނާޢަތްތައް ތަރައްޤީކުރުމުގައި ގަން އިންޓަރނޭޝަލް އެއަރޕޯޓް މުހިންމު ދައުރެއް އަދާކުރާނެއެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ސީދާގޮތުންނާއި ނުސީދާގޮތުން އެތައް ހާސް ވަޒީފާއެއް އުފެދި، ދެކުނުގެ ރައްޔިތުންގެ ފުދުންތެރިކަމާއި ފާގަތިކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެއެވެ.
އައްޑޫ ސިޓީގައި އިޤްތިޞާދީ ހަބެއް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ގެންގުޅުއްވާ ސިޔާސަތުތައް ތަންފީޒުވެގެން ދިޔުމުގައި ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު މުހިއްމު ދައުރެއް އަދާ ކުރާނެއެވެ.
މި މަޝްރޫޢުގެ ދަށުން 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޒަމާނީ ވަޞީލަތްތަކާއެކުގައި އެއަރޕޯޓްގެ ފަސެންޖަރ ޓަރމިނަލް ތަރައްޤީ ކުރެވިގެންދާނެއެވެ. މި ވަޞީލަތްތަކުގެ ތެރޭގައި ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖްތަކާއި އެހެނިހެން ވަޞީލަތްތައް ހިމެނެއެވެ. މީގެ އިތުރުން ކޯލްޑް ސްޓޯރޭޖަކާއެކު ކާގޯ ވަސީލަތްތަކާއ،ި ކޮންޓްރޯލް ޓަވަރ އަދި ފަޔަރ ސްޓޭޝަނާއ،ި މަގު ތަކާއި ޕާކިންގ ސަރަޙައްދުތައް މި މަޝްރޫޢުގެ ދަށުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގައި ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައިވެއެވެ. މި މަޝްރޫޢަކީ އިންޑިއާގެ އެގްޒިމް ބެންކުގެ ލޯނު ފައިސާގެ ދަށުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.
އައްޑޫ ސިޓީއަކީ އިޤްތިޞާދީ މައި ހަބެއްގެ ގޮތުގައި ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ސަރުކާރުން ހިންގަމުންދާ ގިނަގުނަ މަޝްރޫޢުތަކުގެ ތެރެއިން ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަކީ އެއްމެ މުހިއްމު އެއް މަޝްރޫޢެވެ. މި އެއަރޕޯޓަކީ ރާއްޖޭގެ ދެކުނުގެ މައި ދޮރާށިކަމުގައި ވީހިނދ،ު އެ އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކޮށ،ް ކެޕޭސިޓީ އިތުރުކޮށ،ް ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމީ ދެކުނުގެ ތަރައްޤީއަށް ނުހަނު މުހިއްމު ކަމެކެވެ.
ގަން އެއަރޕޯޓް ތަރައްޤީ ވެގެން އަންނައިރު އައްޑޫ ސިޓީގައި ޓުއަރިޒަމް ބެޑް ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން 2082 އެނދުގެ އިންޓަރގްރޭޓަޑް ޓުއަރިޒަމް މަޝްރޫޢެއްގެ ގޮތުގައި ހަންކެޑެ ތަރައްޤީކުރުމަށްޓަކައި ކޮންޓްރެކްޓަރާ އެކުގައި މިދިޔަ މާރޗް މަހުގައި ވަނީ ސޮއިކިރެވިފައެވެ. ފަތުރުވެރިކަމަށް އަމާޒުކުރެވިގެން 5 ރަށެއް ހިއްކުމުގެ މަސައްކަތް އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫޢުތަކުގެ ތެރެއިން ދަނީ ކުރެވެމުންނެވެ. ގެސްޓް ހައުސް ތަރައްޤީކުރުމަށް އައްޑޫ ސިޓީއިން ބިން ދޫކޮށްފައިވާ ފަރާތްތަކަށް އެކަމަށް ބޭނުންވާ ލޯނު ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި މިނޫންވެސް ގިނަ މަސައްކަތްތަކެއް މި ދާއިރާއިން ދަނީކުރެވެމުންނެވެ.
މިއި ދެކުނުގެ އަތޮޅުތަކަށް އިގްތިސާދީ ގޮތުންނާއި، އިޖްތިމާއީ ގޮތުން ބޮޑު ކުރިއެރުމެއް ގެނެސްދީ، މުޅި ރާއްޖޭގެ ތަރައްގީގައި އައްޑޫ ސިޓީގެ ދައުރު ފުޅާކޮށްދިނުމަށް މަގުފަހިކޮށްދޭނެ، މުހިންމު މަޝްރޫއެކެވެ. އަދި ދެކުނުގެ ތަރައްގީ އައު ހަރުފަތަކަށް ގެންދިއުމަށް ބޭނުންވާ ވަރުގަދަ ޒަމާނީ މައި ދޮރާށީގެ ގޮތުގައި ގަން އިންޓަރނޭޝަނަލް އެއަޕޯޓް ތަރައްގީކޮށްދޭނެ އުއްމީދީ މަޝްރޫއެކެވެ.