އައްޑޫ ސިޓީ ރާއްޖޭގެ ދެކުނުގެ އިގްތިސާދީ މައި ހަބުގެ ގޮތުގައި ތަރައްގީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ ވަރަށް މުހިންމު އަމާޒެކެވެ. އައްޑޫ ސިޓީގެ އުމްރާނީ، އިގްތިސާދީ އަދި އިޖްތިމާއީ މަސައްކަތަށް ގިނަ މަސައްކަތެއް ކުރެވިފައިވާއިރު، ރާއްޖޭގެ ދެކުނުގެ މައި ދޮރާށިކަމުގައިވާ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަަރައްގީކޮށް، ކެޕޭސިޓީ އިތުރުކޮށް ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމީ ދެކުނު ތަރައްގީއަށް ނުހަނު މުހިންމު ކަމެއްކަމުގައި ސަރުކާރުން ދެކެއެވެ.
ދެކުނުގެ ސަރަހައްދުގައި ފަތުރުވެރިކަމާއި، މަސްވެރިކަމާއި އެހެނިހެން ސިނާއަތް ތަރައްގީކުރުމުގައި ގަން އިންޓަރނޭޝަނަލް އެއަރޕޯޓް މުހިންމު ދައުރެއް އަދާކުރާނެއެވެ. އަދި މުޅި ދުނިޔެއާއި ދެކުނުގެ އަތޮޅުތަކާއި ގުޅުވައިދޭ ނާރެހެއްގެ ގޮތުގައި ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި، އައްޑޫ ސިޓީ މުހިންމު ދައުރެއް އަދާކުރާނެއެވެ.
މި މަޝްރޫއުގެ ސަބަބުން ސީދާގޮތުންނާއި، ނުސީދާގޮތުން، އެތައްހާސް ވަޒީފާއެއް އުފެދި، ދެކުނުގެ ރައްޔިތުންގެ ފުދުންތެރިކަމާއި، ފާގަތިކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެއެވެ. މިހެންވުމާއެކު ދެކުނުގައި އިގްތިސާދީ ހަބެއް ގާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ގެންގުޅުއްވާ ސިޔާސަތު ތަންފީޒުވެގެން ދިއުމުގައި ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު މުހިންމު ދައުރެއް އަދާކުރާނެއެވެ.
ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމުގެ ޕްރޮޖެކްޓަކީ ވަރަށް ޒަމާނުއްސުރެ ދެކެވެމުން އަންނަ ވާހަކައެއް. މިއަދު އަޅުގަނޑުމެން ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީ މި ކުރަނީ އަހަރެއްގެ މައްޗަށް 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ގާބިލްކަމާއެކީގައި. އަދި އެންމެ ޒަމާނީ ފެސިލިޓީތައް އެއަރޕޯޓުގައި ގާއިމްކުރެވިގެންދާނެ. މި ޕްރޮޖެކްޓުގެ މުހިންމު ކަމަކީ، ދެކުނުގެ އިގްތިސާދު އަދި ހާއްސަކޮށް އައްޑުއަތޮޅުގެ އިގްތިސާދު ރަނގަޅު ކުރުމަށްޓަކައި ޓުއަރިޒަމްގެ މަންފާ އެބަ މުހިންމުވޭ. މިހާރު އަޅުގަނޑުމެންނަށް ދިމާވެފައިވާ މައްސަލައަކީ ތަރައްގީކުރުމުގައި ކަނެކްޓިވިޓީގެ މައްސަލަ. އިރާދަކުރެއްވިއްޔާ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ހުޅުވިގެން ދިއުމާއެކީގައި އެކަމަށް ވަރަށް ބޮޑު ހައްލުތަކެއް އެބައާދޭ. މީގެ ސަބަބުން އައްޑު އަތޮޅުގެ ޓުއަރިޒަމާއި މުޅި ދެކުނުގެ ޓުއަރިޒަމަށް ވަރަށް ބޮޑު ބަދަލެއް އައިސްގެންދާނެ. އައްޑު އަތޮޅަކީ އިގްތިސާދީ ހަބަކަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ހައްދަވަން ވިސްނަވާފައިވާ ޕްރޮޖެކްޓުގައި ގުޅުންހުރު އިތުރު މަސައްކަތްތަކެއް ކުރަމުން އެބަދޭ. މީގެ ތެރޭގައި ބިން ހިއްކުމުގެ މަޝްރޫއާއި، މަގުތައް ހެދުމުގެ މަޝްރޫއާއި އަދި އެންމެ މުހިންމު މަސައްކަތެއް ކަމުގައިވާ އައްޑޫގައި ބެޑް އިތުރުކުރުމުގެ މަސައްކަތް ދަނީ ކުރަމުން. އިރާދަފުޅުކުރެއްވިއްޔާ މި މަސައްކަތް ކޮށް ނިމޭއިރު، މާލެ ފިޔަވައި އެންމެ ވަރުގަދަ އެއް އިގްތިސާދުގެ ހަބެއްގެ ގޮތުގައި އައްޑު އަތޮޅު ވެގެންދާނެ.އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް
އައްޑޫ ސިޓީގެ ގަން އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭވަރުގެ ޒަމާނީ ވަސީލަތްތަކާ އެކުގައި އެއަރޕޯޓުގެ އިންޓަރނޭޝަނަލް ޓަރމިނަލް ތަރައްގީކުރާނެއެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރަން ހަމަޖެހިފައިވާ ޕަސެންޖަރ ފެސިލިޓީތަކުގެ ތެރޭގައި، ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖު ވަސީލަތްތައް ހިމެނެއެވެ.
މީގެ އިތުރުން ވިޔަފާރިއަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންކުރުމަށް ކޯލްޑް ސްޓޯރޭޖަކާއެކު ކާގޯ ވަސީލަތްތައް ތަރައްޤީކުރެވިގެންދާނެއެވެ. އައު ކޮންޓްރޯލް ޓަވަރަކާއި، ފަޔަރ ސްޓޭޝަނެއް ވެސް މި މަޝްރޫޢުގެ ދަށުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެއަރޕޯޓުގެ މަގުތަކާއި އެއަރޕޯޓްގެ ޕާކިން ސަރަހައްދުތައް ވެސް މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރާނެއެވެ.
މި މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ފައިސާއިން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. މިއި ދެކުނުގެ އަތޮޅުތަކަށް އިގްތިސާދީ ގޮތުންނާއި، އިޖްތިމާއީ ގޮތުން ބޮޑު ކުރިއެރުމެއް ގެނެސްދީ، މުޅި ރާއްޖޭގެ ތަރައްގީގައި އައްޑޫ ސިޓީގެ ދައުރު ފުޅާކޮށްދިނުމަށް މަގުފަހިކޮށްދޭނެ، މުހިންމު މަޝްރޫއެކެވެ.
އަދި ދެކުނުގެ ތަރައްގީ އައު ހަރުފަތަކަށް ގެންދިއުމަށް ބޭނުންވާ ވަރުގަދަ ޒަމާނީ މައި ދޮރާށީގެ ގޮތުގައި ގަން އިންޓަރނޭޝަނަލް އެއަޕޯޓް ތަރައްގީކޮށްދޭނެ އުއްމީދީ މަޝްރޫއެކެވެ.