މަގޭ ހުވަފެނަކީ ކިޔަވަގެން ބޮނޑަވެގެން ރަށިވޭންޑުން. މަބޭނުންވެނީ ރަށި މަސައްކަތްކެރާއް. ރަށި މަންމާއި ބައްޕާއި އާއިލާއެކު ރަށި ދިރިވޭންޑަން. މަގޭ މި ނަލަ ނަލަ އައްޑޫއަކީ ތަރައްގީ ވެފައިވޭ އުފާވެރި ތަނަކަށް ވޭން. އައްޑޫ ދަރިއަކަށް ވީތިބީ މަ ފަޚުރުވެރިވޭއައްޑޫ ދަރިއެެއް
މިއީ އައްޑޫ ސިޓީއަށް އުފަން އައްޑޫގެ ދަރިއެއްގެ ވާހަކަތަކެވެ. ޅައުމުރުގެ ކުއްޖަކު ކުރާ އުންމީދުތަކެވެ. އެކުއްޖާ ދެކޭ ހުވަފެންތަކެވެ. ހަމަ މިގޮތަށް އައްޑޫގެ ކޮންމެ ރައްޔިތަކުވެސް މިފަދަ ހުވަފެންތަކެއް ދެކޭނެކަން ޔަގީނެވެ. އުފަން ރަށުގައި، އާއިލާއާ ގާތުގައި ތިބެގެން އާމްދަނީ ހޯދަން ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. ތައުލީމު ހޯދައި، ފަސޭހައިން ދިރިއުޅެވޭ ތަނަކަށް އުފަން ރަށް ވާން ބޭނުންނުވާނެ އެއްވެސް މީހަކު ނުހުންނާނެއެވެ.
އައްޑޫގެ ރައްޔިތުންގެ މި އުންމީދުތަކުގައި ހަގީގީ ކުލަ ޖެހިގެންދާނީ އެދެވޭ ވަރަށް ތަރައްގީ ގެނެސްދެވިގެންނެވެ. މިކަން ހަގީގަތަކަށް ހެދުމަށް މިހާރުވެސް އައްޑޫގައި ގިނަ މަޝްރޫއުތަކެއް ދަނީ ހިންގަމުންނެވެ. އާޚިރުގައި ނެރެން ބޭނުންވާ ނަތީޖާއަކީ އިގްތިސާދު ކުރިއަރުވައި ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް ހަމަޖެހިގެން ދިރިއުޅެވޭނެ ތަނެއް ބިނާކުރުމެވެ. މިއީ މި ސަރުކާރުގެ ސިޔާސަތުވެސް މެއެވެ. ވަކިން ޚާއްސަކޮށްމުޅި ރާއްޖޭގެ އިގްތިސާދުގެ މުހިންމު ޕާޓްނަރަކަށް އައްޑޫ ސިޓީ ހެދުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.
އައްޑޫ ސިޓީއަށް ސަރުކާރުން ގެންނަން އަމާޒުހިފާފައިވާ ތަރައްގީއާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވީ އުމްރާނީ ވަސީލަތްތައް ގާއިމްކުރުމަކީ ޚާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. ދެކުނުގެ އިގްތިސާދީ ހަބަށް ހެދުމަށް އައްޑޫ ސިޓީގައި އެތައް ބައިވަރު ޕްރޮޖެކްޓުތަކެއް ހިންގަން ޖެހޭ ކަމަށާއި، ވަކިން ޚާއްސަ ކޮން ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަޝްރޫއު މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރވެސް ފާހަގަކުރެއްވިގޮތަށް ގަން އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީކުރުމުގެ މަޝްރޫއަކީ ދެކުނުގެ އިގްތިސާދަށް މުހިންމު މަޝްރޫއެކެވެ. މި ޕްރޮޖެކްޓު ކުރިއަށްގެންދާއިރު މި ޕްރޮޖެކްޓާއެކު އައްޑޫ ސިޓީގެ ޓޫރިޒަމް ކުރިއެރުވުމަށް މަސައްކަތްތައް ފެށިގެންދާނެ ކަން މިނިސްޓަރ ފައްޔާޒް ފާހަގަކުރެއްވިއެވެ.
ހަންކެޑެ އިންޓްެގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށްގެންދިއުމާއި، އައްޑޫ ސިޓީގައި ގެސްޓްހައުސް ޕްރޮޖެކްޓުތައްވެސް ކުރިއަށްދާނެ. މި އެއަރޕޯޓަކީ ހަމައެކަނި އޭގެ ޒާތުގައި ޓްރާންސްޕޯޓާ އެކަނި ގުޅުން އޮތް ކަމެއް ނޫން. އެއަރޕޯޓުގެ ސަބަބުން އޭގެ ޒާތުގައި އެތައް ކަންތައްތްކަކަށް އައްޑޫއަށް މަގުފަހިވެގެންދޭ. އުންމީދަކީ އަޅުގަނޑުމެން ބޭނުންވާ ގޮތަށް މަސައްކަތް ކުރިއަށްގޮސް އައްޑޫގެ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދެވުންއިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް
މި އެއަރޕޯޓުގެ މަސައްކަތާއި، އައްޑޫ ސިޓީގައި މިހާރު ހިންގަމުން ގެންދާ އެހެނިހެން މަޝްރޫއުތަކުގެ ސަބަބުން އައްޑޫ ސިޓީގެ ތަރައްގީގެ މައި ދޮރާށި ހުޅުވިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ. އަދި އެ ސިޓީގެ މެހެމާންދާރީއާއި ޚާއްސަ ސިފަތަށް ތަޖުރިބާކޮށްލުމުގެ ފުރުސަތު މުޅި ދުނިޔެއަށް ލިބިގެންދާނެ ކަމަށް ގަބޫލުކުރެއެވެ.
މި މަސައްކަތްތައް ނިމިގެންދާއިރު އައްޑޫ ފެނިގެންދާނީ މުޅިން ތަފާތު ތަނެއްގެ ގޮތުގައެވެ. އައްޑޫ ރައްޔިތުން ބޭނުންވާފަދަ ބަދަލުތަކަކާއެކު މުޅިން އައު އައްޑޫއެއްގެ ގޮތުގައެވެ.