ކ. މާލެ
|
4 އޯގަސްޓް 2021 | ބުދަ 11:35
ކިންގް ސަލްމާން މިސްކިތް
ކިންގް ސަލްމާން މިސްކިތް
ރާއްޖެއެމްވީ
ސަލްމާން މިސްކިތް
ސަލްމާން މިސްކިތް ބެލެހެއްޓުމަށް ވަރަށް ބޮޑު ޚަރަދެއް ހިނގާނެ: އިސްލާމިކް މިނިސްޓަރ
 
މިސްކިތް ހުޅުވި، އެތަނުގެ މަސައްކަތް ކުރަން ފެށުމުން ގެންނަން ޖެހޭނީ ކޮންކަހަލަ ބަދަލުތަކެއްތޯ އެނގިގެންދާނެ
 
ވަރަށް ބޮޑަށް އުދައިގެ އަސަރު ކުރާ ސަރަހައްދަކަށްވުމުން ކުރިއަތް އޮތްތާނގައި ގެއްލުމާ ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެއް
 
މިސްކިތުގެ ބައެއް ކަންތައްތައް ބެލެހެއްޓުމުގެ ކަންކަން އިސްލާމިކް މިނިސްޓްރީ ކުރިއަށް ގެންދޭ

ކިންގް ސަލްމާން މިސްކިތް ބެލެހެއްޓުމަކީ ވަރަށް ބޮޑު ގޮންޖެހުމަކަށްވާނެ ކަމަށާއި އެއީ ވަރަށް ބޮޑު ޚަރަދެއް ހިނގާނެ ކަމެއް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރ ވިދާޅުވީ ސަލްމާން މިސްކިތް މިހާރު އިމާރާތްކޮށްފައި ހުރި ސަރަަހައްދަކީ ވަރަށް ބޮޑަށް އުދައިގެ އަސަރު ކުރާ ސަރަހައްދަކަށްވުމުން ކުރިއަތް އޮތްތާނގައި ގެއްލުމާ ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. މިސްކިތުގެ ބައެއް ކަންތައްތައް ބެލެހެއްޓުމުގެ ކަންކަން އިސްލާމިކް މިނިސްޓްރީ ކުރިއަށް ގެންދާކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ގޯތިތެރެ ސާފުކުރުމާއި ނަމާދު ކުރާ ބައި ބެލެހެއްޓުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. އެ މަސައްކަތްތައް ކުރިއަށް ގެންދާއިރު ފާހަގަވި އެއްކަމަކީ ލޮނުގެ އަސަރުގެ ކޮށްގެން ބައެއް ދިމާތަކުން ދަބަރު ހިލުމުގެ މައްސަލަ ދިމާވާ ކަމަށާއި ފިނިކުރުމަށްޓަކައި މިސްކިތް ބޭރުގައި ބަހައްޓާފައި ހުރި ޔުނިޓުތަކަށް ވެސް ދަބަރުގެ އަސަރުކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ އެތަން ބެލެހެއްޓުމަކީ ސަރުކާރަށް ވަރަށް އުނދަގޫކަމަށް ވާނެ ކަމަށާއި އުދަ އަރަމުންދާތީ މިވަގުތު އެކަމަށް ހައްލެއް ހޯދުމަށް ވަކި ކަންތައްތަކެއް ރޭވިފައިނުވާ ކަމަށެވެ. މިސްކިތް ހުޅުވި، އެތަނުގެ މަސައްކަތް ކުރަން ފެށުމުން ގެންނަން ޖެހޭނީ ކޮންކަހަލަ ބަދަލުތަކެއްތޯ އެނގިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ސަލްމާން މިސްކިތް އަދި ހުޅުވާފައިނުވާއިރު އެ މިސްކިތުގެ ކޮޕީރައިޓް މައްސަލާގައި ދައުވާކުރާނެ ބުނެ އިސްލާމިކް މިނިސްޓްރީއަށް ވަނީ ސިޓީއެއް ލިބިފައެވެ.  މިނިސްޓަރު ވިދާޅުވީ މެލޭޝިއާގެ ކުންފުންޏަކުން މި ސިޓީ މިނިސްޓްރީއަށް ފޮނުވާފައިވާ ކަަމަށެވެ. އަދި އެ ކުންފުނީގެ ޑިޒައިނެއް ކޮޕީކޮށްގެން ބޭނުންކޮށްފައިވާ ކަމަށާއި ކިންގް ސަލްމާން މިސްކިތުގެ ޑިޒައިނަށް ގެނެސްފައިވަނީ ކުޑަ ބަދަލެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ކުންފުނީގެ މީހުންގެ އަތުގައި ހުރިހާ ލިޔެކިޔުންތަކާއި ހެކިތައް އެބަހުރި ކަަމަށާއި އޭގައި ބައިވެރިވި މީހުންގެ ފޮޓޯތައް ވެސް ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރު އިތުރަށް ވިދާޅުވީ އެކަމާ ގުޅިގެން ރައީސް އޮފީހުގެ ތެރޭގައި ވެސް ބައްދަލުވުންތައް ބޭއްވި ކަމަށާއި މި މައްސަލާގައި މެލޭޝިއާ ކުންފުނީގެ ހައްޤު ހޯދުމަށްޓަކައި މަސައްކަތްކޮށް، ކޯޓަށް ދާނެ ކަމަށް ވެސް ބުނެފައިވާ ކަމަށެވެ. އެ ސިޓީއާ ގުޅޭ މައްސަލަ މިހާރު އެޓަރނީ ޖެނެރަލްގެ އޮފީހާ ހަވާލުކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކިންގް ސަލްމާން މިސްކިތުގެ ޑިޒައިނަކީ ކޮޕީ ޑިޒައިނެއްގެ ކަމަށް ބުނެ މީގެ ކުރިން ވެސް ގިނަ އަދަދެއްގެ އާންމުން ވަނީ ފާޑުކިޔާފައެވެ. އަދި މިސްކިތް ހުޅުވުން ލަސްވަނީ ވެސް މިކަމާ ގުޅިގެން ކަމަށް އެ މީހުން ބުނެފައިވާއިރު މިސްކިތް ހުޅުވުން ލަސްވަނީ މިކަމާ ގުޅިގެން ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކިންގް ސަލްމާން މިސްކިތް ހުޅުުވާނެ ތާރީޚް ކަނޑައަޅާނީ ސައުދީގެ އޮފިޝަލުން ރާއްޖެ އައުމަށްފަހު ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ދާދި ފަހުން ބުނެފައެވެ. މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވީ ސައުދީގެ އޮފިޝަލުންގެ ވަފުދު ރާއްޖެ އައުން މިވަގުތަށް ލަސްވެފައިވާ ކަމަށެވެ. ވަފުދު ރާއްޖެ އައުން ލަސްކޮށްފައިވާ ސީދާ ސަބަބު އެނގިވަޑައިނުގަންނަވާ ކަމަށާއި މި ވަފުދު ހައްޖުގެ ފަހުން ރާއްޖެ އަންނާނެ ކަމަށް ވަރަށް ބޮޑަށް ޤަބޫލުކުރެއްވޭ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކިންގް ސަލްމާން މިސްކިތަކީ ސައުދީ ސަރުކާރުން ބޮޑު ހޭދައެއް ކޮށްގެން ބިނާކޮށްފައިވާ މިސްކިތަކަށްވާއިރު އެ މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ސައުދީ ސަރުކާރުން ފާޅުކޮށްފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ މީގެކުރިން ބުނެފައެވެ.

ސަލްމާން މިސްކިތުގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާގައި ޖުމުލަ 4000 މީހުންނަށް ނަމާދު ކުރެވޭއިރު ތިންވަނަ ފަންގިފިލާގައި 40 ޖާގައިގެ 4 ކްލާސްރޫމާއި، 15 ޖާގައިގެ 5 ސެމިނަރ ރޫމް ހުންނާނެއެވެ. ހަތަރު ވަނަ ފަންގިފިލާގައި ލައިބްރަރީއަކާއި، 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމެއް ހުންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ކިންގް ސަލްމާން މިސްކިތުގެ ފަސްވަނަ ފަންގިފިލާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ 300 މީހުންގެ ޖާގައިގެ މަލްޓި ޕާރޕަސް ހޯލެއްގެ ގޮތުގައެވެ.

މި މިސްކިތަކީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސަޢުދުގެ ހިލޭ އެހީގެ ދަށުން ބިނާކުރި މިސްކިތެކެވެ. މި މިސްކިތުގެ މަސައްކަތް ކޮށްފައި ވަނީ ތުރުކީވިލާތުގެ ޖޮއިންޓް ވެންޗަރ ކުންފުންޏެއްކަމަށްވާ އަލްކޭ-ޓަރމެކްސްއިންނެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން މި މިސްކިތް ބިނާކުރުމުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 28 ފެބްރުއަރީ 2017 ގައެވެ. މިސްކިތުގެ މަސައްކަތުގެ އަގަކީ 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
14%
0%
14%
57%
0%
14%
ކޮމެންޓް
4 އޯގަސްޓް 2021 | ބުދަ 21:22
ޖަލީލް
ދައުލަތް ދަވަން މިހާރުނކިހާވަރެއް ތި ހޭދަކުރަނީ.
4 އޯގަސްޓް 2021 | ބުދަ 14:01
އޭނަމީނަ
މިނިސްޓަރު! އަޅުމެން މިއުޅެނީ ގިނައަދަދަކަށް ދައުލަތަށް ފައިސާ ދައްކައިގެން. އެއީ ރީތި މިސްކިތްތަކުގަ ނަމާދު ކޮއްގެން ރީތިކޮށް އުޅެން. މަކުނުފާނަށް ވެސް އެގެން ވާނެ ރީތިވީމަ މެއިންޓެނަންސް ހައިވާނެކަން. ޝަކުވާނުކުރައްވާ