މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ބަލަމުންދާ މައްސަލައެއް ކަމުގައިވާ މ. ޝައިނިންގ ސްޓަރ އަޙުމަދު ރިޟްވާނުގެ މައްސަލައާ ގުޅިގެން ސުވާލު ކުރުމުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ހަނު ހުންނަވައިފިއެވެ.
ރައީސް ޔާމީން މަރުކޮމިޝަނަށް ހާޒިރުކޮށްފައިވަނީ އަންގާރަ ދުވަހުއެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލު ހޯދުމަށް ރާއްޖެއެމްވީން ގުޅާލުމުން މަރު ކޮމިޝަނުގެ މެމްބަރު މިޞްބާޙު ޢަބްދުﷲ ވިދާޅުވީ، ރިޟްވާނުގެ މައްސަލައިގައި ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅިގެން ސުވާލުކޮށް ކަންކަން އޮޅުންފިލުވުމަށްޓަކައި, ޖަވާބުދާރީ ވުމުގެ ފުރުސަތު އެމަނިކުފާނަށް ދެއްވި ކަމަށެވެ. އެގޮތުން މި މައްސަލާގައި ރައީސް ޔާމީނުގެ މައްޗަށް ކުރާ ތުހުމަތުތަކަށް އެމަނިކުފާނު ފުރިހަމައަށް ޖަވާބުދާރީވެވަޑައިގަތުމަކީ ރިޟްވާނުގެ އާއިލާއާއި، ދިވެހި ރައްޔިތުންވެސް އެދޭނެ ގޮތްކަން މިޞްބާޙު ފާހަގަ ކުރެއްވިއެވެ.
މިޞްބާޙު ވިދާޅުވީ، ކޮމިޝަނުން އެތައް ފަހަރަކު ސުވާލުކުރުމުންވެސް ރައީސް ޔާމީން ހަނު ހުންނެވީ ކަމަށެވެ. އަދި ދައުލަތުގެ މަތީ މަޤާމެއް ފުރުއްވާފައިވާ އެފަދަ ބޭފުޅަކު, ތަކުރާރުކޮށް ފުރުސަތު އެރުވުމުންވެސް ތުހުމަތުތަކަށް ޖަވާބުދާރީވެވަޑައިގެންފައި ނުވާތީ ކޮމިޝަ ނުން ނުހަނު ހިތާމަކުރާ ކަމަށެވެ.
ނޫސްވެރިޔާ ރިޟްވާންގެ މައްސަލަ މިހާރު ބަލަމުން އަންނަނީ ބޭރުގެ ތަޖުރިބާކާރުންނާވެސް ގުޅިގެންނެވެ. އަދި މި އަހަރުގެ ނިޔަލަށް އެ މައްސަލަ ބަލާ ނިންމަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. ރައީސް ސޯލިހު ވިދާޅުވީ އެ މައްސަލަ މަރު ކޮމިޝަނުން ރަނގަޅަށް މޮނިޓަރ ކުރާ ކަމަށާއި، އެ މައްސަލައިގެ އަޕްޑޭޓްތައް ކޮމިޝަނުން ބަރާބަރަށް ރިލްވާންގެ އާއިލާއާ ހިއްސާކުރަމުން އަންނަކަމަށެވެ.